ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ ބައެއް ދަރިވަރުންގެ ތެރެއިން ޢަމްރަތުއާއި، ޙަފްޞާއާއި، ޢާއިޝަތު ބިންތި ތަލްޙަތާއި، މުޢާޛަތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 6ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ ބައެއް ދަރިވަރުންގެ ތެރެއިން ޢަމްރަތުއާއި، ޙަފްޞާއާއި، ޢާއިޝަތު ބިންތި ތަލްޙަތާއި، މުޢާޛަތު

ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވީ ހަމައެކަނި ފިރިހެން ބޭފުޅުން އެކަންޏެއްނޫނެވެ. އެކަމަނާގެ އަރިހުން ވަރަށް ގިނަ ކަނބަލުންވެސް ވަނީ ޢިލްމު އުނގެނިވަޑައިގެންފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަނބަލުންގެ ވާހަކަ ތިރީގައި މި ދަންނަވާލަނީއެވެ. 

ހ. عمرة بنت عبد الرحمن الأنصارية: ޢަމްރަތު ބިންތި ޢަބްދުއްރަޙްމާން އުފަންވެވަޑައިގެންނެވީ ހިޖްރައިން 29 ވަނަ އަހަރުގައެވެ. އެކަމަނާއާއި އެކަމަނާގެ އުޚްތު ބޮޑުފުޅުވީ ޢާއިޝަތުގެފާނުގެ އުނގުފުޅުގައެވެ. ޢަމްރާވަނީ ޢާއިޝަތުގެފާނުގެ އަރިހުން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަދީޘް ބަސްފުޅުތައް ދަސްފުޅު ކުރައްވައިފައެވެ.  އިބްނު ޙިއްބާން ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނުގެ ޙަދީޘް ޢިލްމުގެ އެންމެ ބޮޑުބައެއް ދަސްފުޅުކުރެއްވި ބޭކަނބަލަކީ ޢަމްރާ ބިންތި ޢަބްދުއްރަޙްމާނެވެ.] ޢާއިޝަތުގެފާނު އަވަހާރަވުމަށްފަހު އެކަމަނާގެ ޢިލްމުވެރިކަމުގެ މުތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި ޢަމްރާ ދެމި ހުންނެވިއެވެ.

އެއްފަހަރަކު، ޤާސިމް ބިން މުޙައްމަދު ، އިމާމު ޒުހުރީއަށް ދެންނެވިއެވެ. [ކަލޭގެފާނު ޢިލްމުވެރިކަމަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާތަން އަޅުގަނޑަށް އެބަ ފެނެއެވެ. އަޅުގަނޑު ކަލޭގެފާނަށް ޢިލްމުގެ ކަންވާރެއް ދައްކަވަންތޯއެވެ؟] އިމާމު ޒުހުރީ އާދޭހޭ ދެންނެވުމުން ޤާސިމް ބިން މުޙައްމަދު ވިދާޅުވިއެވެ. [ކަލޭގެފާނު ޢަމްރާގެ އަރިހަށް ވަޑައިގަންނަވާށެވެ. އެކަމަނާ ޢިލްމު އުނގެނިވަޑައިގެންނެވީ ޢާއިޝަތުގެފާނުގެ އަރިހުންނެވެ.] އިމާމު ޒުހުރީ އެކަމަނާގެ އަރިހަށް ވަޑައިގެން ޢިލްމު އުނގެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވެފައެވެ. [ތިމަންކަލޭގެފާނަށް އެކަމަނާ ފެނިވަޑައިގެންނެވީ ޢިލްމުގެ ކަނޑެއްގެ ގޮތުގައެވެ. އޭގެ އެންމެ އަޑިއަށް ވާސިލު ނުވެވޭ ފަދަ ޢިލްމުގެ ކަނޑެއްގެ ގޮތުގައެވެ.]  

ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު، ޢަމްރާއާ މެދު ޚާއްޞަ ގޮތްކޮޅެއް ބެހެއްޓެވިއެވެ. އެކަލޭގެފާނަށް އޮޅުންއަރާ ދީނީ މައްސަލަތަކުގައި އެކަމަނާއާ މަޝްވަރާ ކުރައްވާ ހައްދަވައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [ޢަމްރާ އަވަހާރަވެއްޖެނަމަ، ޢާއިޝަތުގެފާނު ރިވާކޮށްދެއްވި ޙަދީޘްތައް އެންމެ ރަނގަޅަށް ދަންނަ އެހެން މީހަކު ނުހުންނާނެއެވެ.] 

ޢަމްރަތު ބިންތި ޢަބްދުއްރަޙްމާން އަވަހާރަވީ ހިޖްރައިން 98 ވަނަ އަހަރުގައެވެ. ނުވަތަ ހިޖްރައިން 106 ވަނަ އަހަރުގައެވެ. 

ށ. حفصة بنت عبد الرحمن بن أبي بكر الصديق: ޙަފްޞަތު ބިންތި ޢަބްދުއްރަޙްމާން ބިން އަބީބަކުރުއްޞިއްދީޤަކީ ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އެކަމަނާއަކީ ޢާއިޝަތުގެފާނުގެ އެއްބަނޑުއެއްބައްޕާފުޅު އަޚެއްކަމުގައިވާ ޢަބްދުއްރަޙްމާންގެ ދަރިކަނބަލެކެވެ. އެކަމަނާވަނީ ބޮޑުދައިތާފުޅު ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު ހާސިލުކުރައްވައިފައެވެ. މީގެ އިތުރުން އެކަމަނާވަނީ ބައްޕާފުޅު ޢަބްދުއްރަޙްމާން ބިން އަބީބަކްރު ރަޟިޔަﷲ ޢަންހު އާއި އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނުގެ އަރިހުން ޙަދީޘް ރިވާކުރައްވައިފައެވެ. އިބްނު ޙަޖަރުލް ޢަސްޤަލާނީ ބަޔާން ކުރައްވާ ގޮތުގައި ޙަފްޞާއަކީ ޘިޤާރާވީއެކެވެ.

ނ. عائشة بنت طلحة بن عبيد الله: ޢާއިޝަތު ބިންތި ޠަލްޙަތު ބިން ޢުބައިދިﷲ އަކީ، ޢާއިޝަތުގެފާނުގެ އެއްބައްޕާފުޅު ކޮއްކޯފުޅެއްކަމުގައިވާ އުއްމުކުލްޘޫމުގެ ދަރިކަނބަލެކެވެ. ބަފައިކަލުން ޠަލްޙަތުގެފާނަކީ ސުވަރުގެވަންތަވެރި ދިހަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޢާއިޝަތު ބިންތި ޠަލްޙަތަކީ ވަރަށް ރީތިފުޅު ބޭކަނބަލެކެވެ. އެކަމަނާ ފިރި ފުރާވަރަށް އެރުމުން ޢާއިޝަތުގެފާނު އެކަމަނާގެ ކާވެނިކޮށްދެއްވީ، ޢަބްދުﷲ ބިން ޢަބްދުއްރަޙްމާންއާއެވެ. އޭނާއަކީވެސް ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. ޢާއިޝަތު ބިންތި ތަލްޙަތުގެ ދެބެއިންގެ ދެދަރިބޭކަލެކެވެ. އެކަމަނާއަށް ދަރިން ލިބިވަޑައިގެންނެވީ މިކާވެނިފުޅުންނެވެ. ފަހުން ކުރެއްވި ދެކާވެނިފުޅުން ދަރިންނެއް ލިބިވަޑައެއް ނުގަންނަވައެވެ.

ޢާއިޝަތު ބިންތި ޠަލްޙަތަކީ ޢަރަބީންގެ ތާރީޚާއި ޅެންވެރިކަމަށް ވަރަށް އަރާ އިންނެވި ބޭކަނބަލެކެވެ. އެކަމަނާއަކީ ޠާބިޢީންގެ ތެރެއިން ޙަދީޘް ރިވާކުރުމުގެ ފަންނުގައި އަރާ އިންނެވި ބޭކަނބަލެކެވެ. އެކަމަނާވަނީ އެކަމަނާގެ ބޮޑުދައިތާފުޅު ޢާއިޝަތުގެފާނުގެ އަރިހުން ވަރަށް ގިނަ ޙަދީޘް ބަސްފުޅުތަކެއް ރިވާކުރައްވައިފައެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 101 ވަނަ އަހަރުގެ ތެރޭގައެވެ. 

ރ. مُعَاذَةُ بِنْتُ عَبْدِ اللهِ: މުޢާޛަތު ބިންތި ޢަބްދުﷲ މަޝްހޫރުވެވަޑައިގެންފައިވަނީ އެކަމަނާގެ ކުންނިއްޔަތުގެ ނަންފުޅުކަމުގައިވާ  أُمُّ الصَّهْبَاءِ العَدَوِيَّةُ ގެ ނަންފުޅުންނެވެ. އެކަމަނާވަނީ ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު ހާސިލުކުރެއްވި އަންހެން ބޭފުޅުންގެ ތެރެއިން ޢިލްމާއި އަޚްލާޤުގެ ގޮތުން އަރާ އިންނެވި ބޭކަނބަލަކަށެވެ. އެކަމަނާއަކީ އެކަމަނާގެ ޒަމާނުގައި އިންނެވި އެންމެ ދީންވެރި ތަޤުވާވެރިކަމާނާއެވެ. އެކަމަނާގެ ފިރިކަލުން ޤަތުލުވުމަށްފަހު އެކަމަނާގެ ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދެވީ އަޅުކަން ކުރެއްވުމުގައެވެ. 

މުޢާޛަތު ޢިލްމު ހާސިލުކުރެވީ ޞަޙާބީންގެ ތެރެއިން ޢަލީގެފާނާއި، ޢާއިޝަތުގެފާނުފަދަ ޢިލްމުވެރިންގެ އަރިހުންނެވެ. ދީންވެރި ޒުހުދުވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު މުޢާޛަތު އަވަހާރަވީ ހިޖްރައިން 83 ވަނަ އަހަރުގައެވެ. 

މިދެންނެވި ބޭކަނބަލުންގެ އިތުރުން ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި އަންހެން ދަރިވަރުންގެ ތެރޭގައި صفيّة بنت شَيْبَة بن عثمان އާއި  جَسْرَة بنت دَجَاجَة العامريّة އާއި أم الحسن البصري ފަދަ ބޭކަނބަލުން ފާހަގަކޮށްލެވެއެވެ.

 

މިއަދު އޮންލައިން