ދަތި ޙާލުގައި ހުރި މީހަކަށް ދަރަނި ދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ. ދަރަނިވެރިއަކަށް ދަރަނިއަދާކުރެވެން ނެތް ދަތިޙާލުގައި ހުރުމުގެ ސަބަބުން ދަރަނި އަދާކުރަން އިތުރު މުއްދަތު ދީފިނަމަ އެދޭ ކޮންމެ ދުވަހަކަށް އެޢަދަދުން ޞަދަޤާތްކުރިކަމުގެ ދެގުނަ ޘަވާބު ދެއްވަވާނެތެވެ. އަދި ދަރަނިވެރިއަކު ދަތިޙާލުގައި ހުރުމުން މުއްދަތު އިތުރުކޮށްދިނުމާއި އެދަރަނި މާފުކުރުމަކީ ޤިޔާމަތް ދުވަހުން އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ ކަމެކެވެ.
މިއީ ޞަޙީޙް މުސްލިމްގައި ބަޔާންވެގެންވާ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިދެއްކެނީ ޙާލަތު ނިޔާކުރާގޮތުން ދަރަނިވެރިވުން ނޫންގޮތެއް ނެތި ދަރަނި ނަގަން މަޖުބޫރުވެފައިވާ ނިކަމެތިންގެ ވާހަކައެވެ. ދަތިޙާލުގައި އުޅެންޖެހިފައިވާ ނިކަމެތިންނަށް ދަރަނި ދިނުމާއި އަދި ދަތިޙާލުގެ ސަބަބުން މުއްދަތުގައި އަދާނުކުރެވިއްޖެނަމަ މުއްދަތު އިތުރުކޮށްދިނުމާއި އަދި ކޮށްދެވެން އޮތްނަމަ އެފަދަ ޙާލުގައި ހުރި މީހަކަށް ދަރަނި މާފުކުރުމުން ދެއްވަވާ ޘަވާބުގެ މަތިވެރިކަމުގެ ވާހަކައެވެ.
އެމީހެއްގެ ކިބައިގައި ކިރިޔާވެސް ތަނަވަސްކަން ހުރިނަމަ އެފަދަ ނިކަމެތިންނަށް ދަރަނިދޭށެވެ. މުއްދަތުވެސް އިތުރުކޮށްދޭށެވެ. އަދި މާފުވެސްކޮށްދޭށެވެ! ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ!
ގުޅުންހުރި ލިޔުމެއް: