"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލް ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ."
މިހާރަކަށް އައިސް މީސްތްކުންގެ ދުލުގެ ނުބައިކަން މިވަނީ ޙައްދުފަހަނައަޅައިފައެވެ. ދެމަފިރިން ލޯބިން އެކުގައި އުޅެމުންގޮސް އަނބިމީހާ ވަރިކުރަން ބޭނުންވުމުން އަނބިމިހާގެ ބޮލުގައި ކަންކަން އަޅުވަމުންގޮސް ޒިނޭކުރިކަމުގެ ތުހުމަތު އަޅުވަންވެސް ޖެހިލުމެއް ނުވެއެވެ.
އެވަރަކުންވެސް ނުފުއްދައެވެ. އަނބިމީހާ ވަރިކުރީ އޭނާގެ ނުބައިކަން ބޮޑުވެގެންކަމާއި ތިމާގެ އެއްވެސް ކުށެއް އޮވެގެން ނޫންކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މީސްތަކުންގެ ގާތުގައިވެސް މިފަދަ ނުބައި ވާހަކަތައް އެބަދައްކައެވެ. މިއާޔަތުގައިވާ ވަޙީބަސްފުޅަށް ބަލައިލުމެއް ނެތިއެވެ. އެއްވެސް ބިރެއްވެސް ނެތިއެވެ.
މީސްތަކުންނޭވެ! މިފަދަ ނުބައި ޢަމަލުތައް ނުކުރާށެވެ! ޒިނޭކުރިކަމުގެ ތުހުމަތު އެޅުވުމަކީ ކުޑަކުޑަކަމެއް ކަމުގައި ނުދެކޭށެވެ. އެފަދަ ކަމެއް ކުރެވި، އެކަން ޘާބިތުކޮށް ނުދެވިއްޖެނަމަ އެމީހަކަށް ހުރި ގޮތް އެއާޔަތުގައި އެވަނީއެވެ.
80 އެތިފަހަރުން ޙައްދުޖަހަން އެބަޖެހެއެވެ. އެމީހަކޫ ދުވަހަކުވެސް ހެކިބަސް ޤަބޫލުކުރެވޭނެ މީހެއްވެސް ނޫނެވެ. އަދި އެމީހަކު މިވަނީ ފާސިޤަކަށެވެ. ވީމާ ރުޅިއައިސްގެން ވަރިކުރިނަމަވެސް ކުށްވެރިވެގެން ވަރިކުރިނަމަވެސް ޘާބިތުކޮށް ނުދެވޭނެނަމަ ޒިނޭކުރިކަމުގެ ތުހުމަތު ނުއަޅުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން