ތަނަވަސްކަންހުރި ވަރަކުން އަނބިދަރިންގެ އިތުރުން ޢާއިލާގެ މީހުންނަށްވެސް ޚަރަދުކުރާނަމަ ތަނަވަސްކަން ވާނީ އިތުރެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ތަނަވަސްކަންހުރި ވަރަކުން އަނބިދަރިންގެ އިތުރުން ޢާއިލާގެ މީހުންނަށްވެސް ޚަރަދުކުރާނަމަ ތަނަވަސްކަން ވާނީ އިތުރެވެ! އިން ޝާ ﷲ

ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ޚަރަދުކުރުމާއި ދަރިން ލިބުމުން ދަރިންނަށާއި އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިންގެ މައްޗަށް އޮތް ޒިންމާއެކެވެ. އެޚަރަދުތައް ކުރަމުންވެސް ތަނަވަސްކަންހުރި މިންވަރަކުން ދެފަރާތުގެ ޢާއިލާގެ މީހުންނަށްވެސް ޚަރަދުކުރަންވާނެއެވެ. މިއިން ކޮނަމެ ޚަރަދަކީވެސް ޞަދަޤާތެކެވެ. އެކަމަށް ޘަވާބު ދެއްވަވާނެތެވެ. 

ހަމައެއާއިއެކު ވިސްނައިލަންޖެހޭނެ ކަމެއްވެސް އެބައޮތެވެ. އަނބިމީހާއަށް ޚަރަދުކުރެވުނުކަމަށްވާނީ އޭނާ އެދޭ ހުރިހާ ކަންކަން ފުރިހަމަކޮށްދެވުމަކުން ނޫނެވެ. ބައެއް އަނބިންނަކީ ވަރަށް ގިނަ ކަންތައްތަކަކަށް ބޭނުންވާ ބައެކެވެ. ވީމާ ޢާއިލާގެ މީހުންނަށް އެހީތެރިކަން ފޯރުވައިދޭންވީ އަނބިމީހާ އެދޭ ހުރިހާ ކަންކަން ފުރިހަމަކޮށްދިނުމަށްފަހުގައެއް ނޫނެވެ. އޭނާއަށް ދަތިނުވެ ހަމަޖެހިލައިގެން އިނދެވޭވަރަށް ޚަރަދުކުރުމަށްފަހު ޢާއިލާއަށް ޚަރަދުކުރުމަކީ އަނބިމީހާއަށް ޚަރަދުނުކުރުން ކަމަކަށް ނުވާނެއެވެ. 

އިންސާނުންނަކީ ތަފާތު ބައެކެވެ. ވިސްނުން ތަފާތުވާނެއެވެ. ހިތްފުރޭނީ މަދުބައެކެވެ. އެހެނަސް އެންމެ ރަނގަޅު ގޮތަކީ މެދުމިނެއްގައި ދިރިއުޅެވުނަސް ހިތްފުރިގެން ހުރުމެވެ. އަދި ދަތިޙާލެއްގައި އުޅެންޖެހުނަސް ޝުކުރުވެރިވުމެވެ. 

އެންމެ ބޮޑަށް ތަނަވަސްކަން ލިބިފައި ނުވިނަމަވެސް ދެފަރާތުގެ ޢާއިލާއަށްވެސް އެހީތެރިވެވެން އޮތްވަރަކުން އެހީތެރިވާން ބަލާއިރު އަތުގައި ހުރިމިންވަރަކުން އަނބިމީހާ އޭނާގެ ޢާއިލާއަށް ޚަރަދުކުރަން ފުރުޞަތުދޭންވާނެއެވެ. އެކަމަށް ހުރަސްއެޅުމަކީ ރަނގަޅުކަމެއް ނޫނެވެ. ހަމައެފަދައިން ފިރިމީހާ އޭނާގެ ޢާއިލާއަށް ކުރާ ޚަރަދަކަށް އަނބިމީހާ ޝަކުވާކުރުމެއްވެސް ނެތެވެ. 

ބައެއް މީހުން އެމީހުންނަށް ލިބޭ މުސާރައިން ގޭގެ ޚަރަދުތަކަށް ފައިސާ ނަގާ ރައްކައުކުރާ ފަދައިން ދެމަފިރިންގެ ޢާއިލާއިންވެސް އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ބައި އަޅައެވެ. އެއީ ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ޤަވާއިދުން ޞަދަޤާތް ކުރެއެވެ. މިއީވެސް ވަރަށް ރަނގަޅު ގޮތެކެވެ. 

ދެން ބުނެލަން ބޭނުންވަނީ އިސްރާފް ނުކޮށް، ލިބޭ މިންވަރުން، ޚަރަދުތައް ބަހާލައިގެން ދެމަފިރިންވެސް އެކަކު އަނެކަކަށް ޝަކުވާނުކޮށް ދިރިއުޅެން މަސައްކަތްކުރާނަމަ އެބައެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ. މިހެން މިބުނަނީ އިސްރާފްނުކުރާ، ޝުކުރުވެރިވާ، ދީލަތި އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވާނެކަން އެއީ ޔަޤީނަށް އެނގެން އޮތް ކަމަކަށްވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން