- ޢަލީ އިޙްޞާން ފިރާޤް -
ޢާއިޝަތުގެފާނުގެ އަޚްލާޤު
މަތިވެރި ޚުލްޤުގެ ސިފަތަކުން ފަތިފުށް މުޅިން ފުރިފައިވެޔޭ
މަތިވެރި ތެދު ސީދާ މަގަށް ފެތުރުއްވި އަލިކަމެކޭ އެއީ
ޢާއިޝަތުގެފާނު އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެ ކުރީކޮޅުގެ ދުވަސްތައް ހޭދަކުރެއްވީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައެވެ. އެކަލޭގެފާނަކީ އަޚްލާޤީ ގޮތުން އެންމެ މާތް ސާހިބާއެވެ. އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ޙައިޘިއްޔަތުން އެކަލޭގެފާނުގެ އަރިހުގައި ގިނަ ވަގުތު ހޭދަކުރެއްވުމުގެ ސަބަބުން ޢާއިޝަތުގެފާނުގެ ޚުލުޤުފުޅުވަނީ އިތުރަށް އުއްތި ފުރިހަމަވެ، އޮފު ގަދަވެފައެވެ. ޢާއިޝަތުގެފާނު ފާހަގަކުރެވިފައިވާ އިސްލާމްދީނުގެ އެންމެހައި މަކާރިމުލް އަޚްލާޤެއް ކާމިލުވެފައިވާ ބޭކަނބަލެއްގެ ގޮތުގައެވެ.
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޚުތުބާއެއް ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ނަރަކަ ދެކެވަޑައިގަތީމެވެ. އެތަނުގައި އެންމެ ގިނައީ އަންހެނުންނެވެ.] އޭގެ ސަބަބަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. [އެއީ އެކަނބަލުން ފިރިންނަށް ލަޢުނަތްދީ، ފިރިންނަށް ނާޝުކުރުވެރިވާ ކަމުގެ ސަބަބުންނެވެ.]
ޢާއިޝަތުގެފާނު އެކަމަނާގެ ޒަވާޖީ ޙަޔާތްޕުޅުގެ ދުވަސްތައް ގުނުއްވައިފައިވަނީ ވަރަށް ޒާހިދު ގޮތެއްގައެވެ. ރީތި ހެދުމާއި، އަގުބޮޑެތި ގަހަނާ އާއި، އަރާމު ގަނޑުވަރުތަކާއި، މީރުހާ ކާބޯތަކެއްޗަކީ އެކަމަނާގެ ފިރިކަލުންގެ ގެކޮޅުގައި ތަޖުރިބާ ކުރެއްވި ކަންތައްތަކެއް ނޫނެވެ. ނަމަވެސް އެކަމަނާ ދުވަހަކުވެސް އެކަމުގެ ޝަކުވާއެއް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައެއް ނުދަންނަވައެވެ. އެބޭފުޅުންނަށް ޣަނީމާ މުދަލުން ލިބިވަޑައިގަންނަވާ އެއްޗެއްވެސް ބައްސަވާ ހުސްކޮށްލައްވަނީ ފަޤީރުންނާއި މިސްކީނުންނަށެވެ. އެދުންވެރިކަމުގެ ލޯފުޅަކުން އެފަދަ މާއްދީ އެއްޗަށް އެކަމަނާ ބައްލަވައެއް ނޫޅުއްވައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހުވެސް އެކަމަނާ މިދެންނެވި ގޮތްކޮޅު ދޫކޮށެއް ނުލައްވައެވެ. ބަނޑުފުރާ ފަރީއްކުޅުއްވައިފިނަމަ ކީރިތި ކުރައްވައެވެ. ލޯފުޅުން ހޯސްލައިފައިފައި ކަރުނަފޮދު އޮހޮރެއެވެ. އެކަމާ ސުވާލު ދަންނަވައިފިނަމަ ވިދާޅުވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުމަށް ދާންދެން ބަނޑުފުރާ ފަރީއްކުޅުއްވައިފައެއްނެތެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ތިމާގެފުޅު ބޭފުޅުންނަށާއި، ރައްޓެހި ރަޙްމަތެރިންނަށް ޢާއިޝަތުގެފާނު، ވަރަށް ކަމޭހިއްތަވާ ހެޔޮފުޅުކޮށް ހިއްތެވިއެވެ. އެއްފަހަރަކު އެކަމަނާ އިބްނުޒުބައިރާ މެދު ކޯފާ އިސްކުރައްވާ އެކަލޭގެފާނާ ވާހަކަފުޅު ނުދެއްކެވުމަށް ނަދުރު ވިދާޅުވިއެއެވެ. އެ މައްސަލަ ހައްލުވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ތިމާގެބޭފުޅަކު އެކަމަނާއާ ވާހަކަފުޅު ދައްކަވައިގެންނެވެ.
ޢާއިޝަތުގެފާނު ދުވަހަކުވެސް މީހަކަށް ބަދުބަހެއް ނުވަތަ މަލާމަތެއް ރައްދުވާފަދަ ގޮތަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. މީހުންގެ ނުބައިވާހަކައެއް ނުދައްކަވައެވެ. އެކަމަނާގެ ރިވާޔަތްތައް އެތައް ހާހަކުން ގުނައިލެވޭއިރު، އެއިން ރިވާޔަތެއްގައި މީހެއްގެ އަބުރަށް އުނިކަމެއް އަންނަފަދަ ވާހަކައެއް ބަޔާންވެފައެއްނެތެވެ.
އެކެއްގެ ގިނަ އަނބިންތިބޭނަމަ، އެބައިމީހުންގެ މެދުގައި ގިނަ ފަހަރު ވަރަށް ކޯޅުން ބޮޑުވެއެވެ. ބޮޑެތި މައްސަލަތައް ޖެހެއެވެ. އެކަކު އަނެކަކަށް ހެޔޮ ބެހެއް ބުނުން އެއީ ނާދިރު ކަމެކެވެ. ނަމަވެސް ޢާއިޝަތުގެފާނުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުރިހާ އަނބިއަނބިކަނބަލުންގެ ރަނގަޅުކަމުގެ ވާހަކަ ބަޔާންކޮށްދެއްވައިފައެވެ. އެކަނބަލުންނަށް ތާރީފު ކުރައްވައިފައެވެ.
ދީލަތިފުޅުކަން:
ނަބިއްޔާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނެކޭ އެއްފަދައިން، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އަކީ ދީލަތިފުޅުކަމަށް މަޝްހޫރު ބޭކަނބަލެކެވެ. ޢުރުވަތު ބިން ޒުބައިރު ވިދާޅުވެފައިވެއެވެ. [އެއްފަހަރަކު، ޢާއިޝަތުގެފާނު ހަތްދިހަހާސް ދިރުހަމް ފަޤީރުންނާއި، މިސްކީނުންނަށް ބައްސަވައި ހުސްކުރެއްވި ތަން އަހަރެން ދުށީމެވެ.]
އެއްފަހަރަކު މިސްކީނު އަންހެނަކު ޢާއިޝަތުގެފާނުގެ އަރިހަށް އޭނާގެ ދެ އަންހެން ދަރީންނާއެކު އައެވެ. އޭނާ އައިސް ކާއެއްޗަކަށް އެދެންފެށިއެވެ. އޭރު ޢާއިޝަތުގެފާނުގެ އަތްޕުޅުގައި ތިންކަދުރު ނޫނީ ނެތެވެ. އެހެންކަމުން އެތިން ކަދުރު އެކަމަނާ އެމިސްކީނު އަންހެނާއަށް ދެއްވިއެވެ. އޭނާ އޭގެން ދެކަދުރު ދެކުދީންނަށް ދިނުމަށްފަހު ތިންވަނަ ކަދުރު އަނގައަށްލާން އުޅެނިކޮށް އެދެކުދީން ދަހިވެތިކަމުގެ ނަޒަރަކުން އެކަދުރަށް ބަލަން ފެށިއެވެ. އެތަން އޭނާއަށް ފެނުމުން އޭނާގެ އަތުގައި އޮތް ކަދުރު ދެފަޅިކޮށްލައިފައި އޭނާގެ ދެދަރިންނަށް ދިނެވެ. މިތަންދެކެ ޢާއިޝަތުގެފާނު އަޖާއިބުވެވަޑައިގެން އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [އެ އަންހެނާ އެކުރި ކަންތައްތަކުގެ ސަބަބުން އޭނާގެ މައްޗަށް ސުވަރުގެ ވާޖިބުވެއްޖެއެވެ.]
{صحيح مسلم، كتاب البر والصلة والآداب، باب فَضْلِ الإِحْسَانِ إِلَى الْبَنَاتِ، ޙަދީޘް 2630}
ޞަޙީހު ބުޚާރީގައި ރިވާވެގެންވެއެވެ. އެއްފަހަރަކު ޢާއިޝަތުގެފާނު މީކަށް ވަރަށް ގިނަ ހަދިޔާތަކެއް ދެއްވިއެވެ. މިކަމުގެ ޚަބަރު އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ އިބްނު ޒުބައިރަށް އެނގިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. [ބޮޑުދައިތާފުޅު އެހާވަރަށް މީސްތަކުންނަށް މުދާ ދެއްވުން ހުއްޓަވައިލައްވަން ވެއްޖެއެވެ.] މި ވާހަކައާމެދު ޢާއިޝަތުގެފާނު ކޯފާއިސްކުރައްވައި އިބްނު ޒުބައިރުއާ ބަސްފުޅު ވިދާޅު ނުވުމުގެ މައްޗަށް ނަދުރު ވިދާޅުވިއެވެ.
ޢާއިޝަތުގެފާނު ވާހަކަފުޅު ނުދައްކަވައި ގިނަ ދުވަސްވާން ފެށުމުން އިބްނު ޒުބައިރު އެ މައްސަލަ ހައްލުކުރައްވަން ގަސްތުކުރެއްވިއެވެ. އެގޮތުން މީހަކު ފޮނުއްވައިގެން ޢާއިޝަތުގެފާނާ ވާހަކަފުޅު ދެއްކެވުމުންވެސް އެ މައްސަލައަށް ހައްލެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނު އަލް މިސްވަރު ބުނު މަޚްރަމަތު އާއި ޢަބްދުއްރަހްމާނު ބުން އަލްއަސްވަދު އާއެކު ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި ފަރުދާގެ އަނެއް ފަރާތަށް ވަޑައިގެން ޢާއިޝަތުގެފާނުގެ ގައިކޮޅުގައި އޮޅުލައިވަޑައިގެން ކީރިތި ކުރައްވައި މާފުދެއްވުން އެދިވަޑައިގެންނެވިއެވެ.
ކޮންމެއަކަސް އޭގެ ތިންބޭކަލުންގެ ތަކުރާރުކޮށް އެދިވަޑައިގެންނެވުމުގެ ސަބަބުން ޢާއިޝަތުގެފާނު އިބްނު ޒުބައިރަށް މާފުދެއްވިއެވެ. އަދި ނަދުރާ ޚިލާފުވެވަޑައިގެންނެވުމުގެ ކައްފާރާއެއްގެ ގޮތުން ސާޅީސް އަޅުން މިނިވަންކުރެއްވިއެވެ. އޭގެ ފަހުން އެ ނަދުރުފުޅު ހަނދުމަފުޅުވާ ކޮންމެ ފަހަރަކު އެކަމަނާގެ ބުރުގާކޮޅު ފޯވަންދެން ކީރިތި ކުރައްވައެވެ.
{صحيح البخاري، كتاب الأدب، ޙަދީޘް 6073}
އިސްލާމީ ޝަރީޢަތުގައި ނަދުރާ ޚިލާފުވުމުގެ ކައްފާރާއަކީ އަޅަކު މިނިވަން ކުރުމެވެ. ނަމަވެސް ޢާއިޝަތުގެފާނު ސާޅީސް އަޅުން މިނިވަންކުރައްވައިފައިވަނީ އެކަމަނާގެ ދީންވެރިކަމާއި ތަޤުވާވެރިކަމުގެ ސަބަބުންނެވެ.
އެއްފަހަރަކު ޖާބިރުގެފާނު، ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އެކަމަނާ ތުރުކުރައްވައިގެން އިންނެވި ހެދުންކޮޅުވަނީ ވަރަށް ބޮޑަށް ބައުވެފައެވެ. ހެނދުންކޮޅު ވީދިގެން އެތައް ތަނެއް ފޮތިއަޅައިގެން ބައްދަވައިފައިވެއެވެ. އެ މަންޒަރު ފެނިވަޑައިގެން ޖާބިރުގެފާނު ވިދާޅުވިއެވެ. [ކަމަނާ އެހެން ހެދުންކޮޅެއް ނުހޯއްދަވަނީ ކީއްވެގެންތޯއެވެ؟]
ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ތިމަންކަލޭގެފާނާ އާޚިރަތުގައި ބައްދަލު ކުރައްވަން އެދިވަޑައިގަންނަވާނަމަ ދަންނާށެވެ. ލާންގެންގުޅޭ ހެދުންކޮޅު ބޭނުންނުކުރެވޭ ވަރުވެގެން މެނުވީ އައު ހެދުންކޮޅެއް ނުހޯއްދަވާށެވެ. އެއްމަހުގެ ފުރާޤަށްވުރެ އިތުރުރަށް ހޯއްދަވަން ނުވިސްނަވާށެވެ.] ވީމާ އެކަލޭގެފާނު އަމުރު ކުރައްވައިފައިވާ ކަމެއް ތިމަންކަމަނާއަށް ބަދަލުކުރެވޭނީ ކިހިނެއްތޯއެވެ؟ {ތަބަރާނީ، މުއުޖަމުލް އައުސަތު، 7010}
އެއްދުވަހަކު ޢާއިޝަތުގެފާނުގެ އަރިހަށް ވަރަށް ނިކަމެތި ފަޤީރު އަންހެނަކު އައިސް ސަލާންޖެހިއެވެ. އެކަމަނާ ގެކޮޅު ހޯއްދެވިއިރު ފެނިވަޑައިގެންނެވީ ހަމައެކަނި ހިކިރޮށިކޮޅެކެވެ. އެދުވަހު އެކަމަނާ ރޯދަފުޅު ވީއްލެއްވުމަށް އޮތް އެއްޗަކީވެސް އެ ހިކިރޮށިކޮޅު އެކަންޏެވެ. ޢާއިޝަތުގެފާނު އެކަމަނާގެ ޚާދިމާއަށް އެރޮށިކޮޅު އެ އަންހެންމީހާއަށް ދިނުމަށް އެންގެވިއެވެ. އެވަގުތު ޚާދިމާ ދެންނެވިއެވެ.
[މީތިކޮޅު އޭނާއަށް ދީފިނަމަ، ކަމަނާ ރޯދަފުޅު ވީއްލަވާނެ އެއްޗެއް މިގެއަކު ދެނެއް ނެތެވެ.]
ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [މައްސަލައެއްނެތެވެ. އޭނާއަށް އޭތި ދޭށެވެ.]
ޢާއިޝަތުގެފާނު އަމުރުކުރެއްވި ގޮތަށް ޚާދިމާ އެހިކިރޮށިކޮޅު ދީފިއެވެ. އެދުވަހުގެ އިރު އޮއްސެން ދާދި ގާތްވެފައިވަނިކޮށް ޢާއިޝަތުގެފާނުގެ އަރިހަށް މީހަކު ވެދުމަކަށް ބަކަރިމަހާއި، ރޮށި ފޮނުއްވިއެވެ. ޢާއިޝަތުގެފާނު އެކަމަނާގެ ޚާދިމާއަށް ސަމާސާފުޅު ކުރެއްވުމުގެ ގޮތުން ވިދާޅުވިއެވެ. [ހިކިރޮށިކޮޅަކަށް ވުރެ މިއީ މާ ރަނގަޅު އެއްޗެއް ނޫހެއްޔެވެ.]
{އިމާމު މާލިކު، މުވައްޠާ، ޙަދީޘް 1810}