ދުވަހުގެ އާޔަތް: ދުނިޔޭގެ އުފާ ހޯދަންވެސް އޮތީ ތައުބާވެ ހެޔޮ ޢަމަލުކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދުވަހުގެ އާޔަތް: ދުނިޔޭގެ އުފާ ހޯދަންވެސް އޮތީ ތައުބާވެ ހެޔޮ ޢަމަލުކުރުން-

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ (ޤުޔާމަތް ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާއިމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."

(ހޫދު: 3)  

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުން އެކަމުގެ ފައިދާކުރާނީ ހަމައެކަނި ޤިޔާމަތް ދުވަހުގައި ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ކުށްހީއެކެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ.  

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ..."

ވީމާ ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމުން މިދުނިޔޭގައިވެސް ކުރާނެ ބޮޑު މަންފާ މިއޮތީ އެނގޭށެވެ. ދުނިޔޭގައިވެސް އެމީހަކަށް އޮތީ އުފާވެރިކަމެވެ. އަދި ހެޔޮ ޢަމަލުތައް ކުރުމުގައި ކުރިއަރައިދިއަވަރަކަށް އެމީހަކަށް އެކަމުގެ އުފާވެރިކަން ޤިޔާމަތް ދުވަހު ދެއްވަވާނެކަންވެސް މިއޮތީ އެނގޭށެވެ.  

މީސްތަކުންނޭވެ! ބިރުވެތިވާންވީ އެދުވަހަށެވެ. ފާފަކުރެވިފައިވީނަމަވެސް މާޔޫސްވުމެއް ނެތެވެ. އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުމެވެ. އެކަމަށް ފުރަގަސްދީ ފަސްޖެހިއްޖެ މީހަކަށް އޮތީ ހިތާމަކުރަންޖެހުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން