މިޔުޒިކަށް ލޯބިކުރުމަކީ ޝައިޠޯނާއަށް އަޅުކަންކުރުމުގެތެރެއިން ހިމެނޭ ބިރުހުރި ކަމެއް!: ޑރ. ބިލާލް ފިލިޕްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މިޔުޒިކަށް ލޯބިކުރުމަކީ ޝައިޠޯނާއަށް އަޅުކަންކުރުމުގެތެރެއިން ހިމެނޭ ބިރުހުރި ކަމެއް!: ޑރ. ބިލާލް ފިލިޕްސް

މިޔުޒިކްގެ ޙަރާމްވާހަކަ ދައްކާއިރަށް ބައެއް މީހުން ބުނެއެވެ. "އެޝައިޚަށް މިޔުޒިކަކީ ކޮބައިކަމާ މިޔުޒިކުން ލިބޭ ހިތްހަމަޖެހުން ހަމަ ނުއެނގެނީއެވެ. މިވެނި އެވެނި ޝައިޚުން މިޔުޒިކްގެ ފައިދާ އެނގޭތީ ހުއްދަކުރެއެވެ." 

އެހެންވެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަހުރެންނަކީ މިޔުޒިކްކުޅުނު މީހަކީމެވެ. ގިޓާކުޅެ ނައިޓްކްލަބްތަކުގައި ޝޯތައް ދިން މީހަކީމެވެ. ނަމަވެސް އެއީ އިސްލާމްވުމުގެ ކުރިންނެވެ. އަހުރެންނާއިއެކު ބޭންޑުގެ އިތުރު 2 މީހަކުވެސް އިސްލާމްވެ މިޔުޒިކާއި ދުރުހެލިވިއެވެ. ވީމާ އަހުރެން މިވާހަކަ މިދައްކަނީ މިޔުޒިކް ވަރަށް ރަނގަޅަށް އެނގިހުރެގެންނެވެ. 

މިޔުޒިކަށް ލޯބިކުރާނަމަ ކީރިތި ޤުރްއާނަށް ދެވޭ ސަމާލުކަމަށްވުރެ މިޔުޒިކް އަޑުއަހަން ދެވޭ ސަމާލުކަން މާބޮޑުވާނެއެވެ. ޤުރްއާނަށްވުރެ މަދަޙަތައް އަޑުއަހަން ދެވޭ ސަމާލުކަންވެސް މާބޮޑުވާނެއެވެ. މަދަޙަ އަޑުއެހުން ކަމުގައިވީނަމަވެސް އަންނަން ޖެހޭނީ ޤުރްއާނުގެ ފަހަތަށެވެ. 

މިޔުޒިކަކީ މީހުން އެކަމަށް ދެވިހިފާ ކަމެކެވެ. މިޔުޒިކާއި ލަވައަކީ އެކުގައި ހިތްތަކުގައި ބިންވަޅުނެގޭ އެއްޗެކެވެ! މިޘާލަކަށް 20 ވަރަކަށް އަހަރުގެ ކުރީގައި އަޑުއަހައި އުޅުނު ރާގެއް އަޑުއިވުނަސް ރާގާއި މުޅި ލަވަ ހިތަށް ގެނެވޭނެއެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ޝައިޠޯނާ އެކަން ކުރުވާތީއެވެ. 

މިޔުޒިކް ޙަރާމްކަން ކަނޑައެޅިގެން ބަޔާންކުރާ ޙަދީޘެއް ފެންނަން ނެތް ނަމަވެސް މިޔުޒިކް ޙަރާމްކަމަށް ދަލީލުލިބޭ އެތައް ޙަދީޘްފުޅުތަކެއް އެބަހުއްޓެވެ. އަދި ޤޔރްއާނުންވެސް އެކަމަށް ދަލީލު އެހުރީ ފެންނާށެވެ! ކޮންމެއަކަސް މިވަޤުތު ދައްކަން ބޭނުންވަނީ އެވާހަކައެއް ނޫނެވެ. ބުނެލަން ބޭނުންވަނީ މިޔުޒިކް ޙަރާމްކަން ހުރިހާ މުސްލިމުންވެސް ޤަބޫލުކުރުމަށެވެ. އެކަމަށް ޝައްކުނުކުރުމަށެވެ. 

ބައެއް ޒުވާނުން ބުނެއެވެ. "އަދި އަހުރެން ވަރަށް ޒުވާނެވެ. މުސްކުޅިވުމުން ދުރުހެލިވާނީއެވެ." އެހިސާބުން އުފެދޭ ސުވާލަކީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ދުރުހެލިވާންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވޭ ކަމެއް ޒުވާން ޢުމުރުގައި ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ޢުމުރުން ދުވަސްވަންދެން ދުނިޔޭގައި ނުހުރެވި ޒުވާން ޢުމުރުގައި މަރުވަނީ ކިތައް ޒުވާނުން ހެއްޔެވެ؟ 

ނިންމާލަމުންވެސް ބުނެލާނަމެވެ. މިޔުޒިކަށް ލޯބިކުރުމަކީ ޝައިޠޯނާއަށް އަޅުކަންކުރުން ފަދަ ކަމެކެވެ. ބިރުހުރި ކަމެކެވެ. އެޙާލުގައި މަރުވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ވީމާ އެންމެ ޒުވާން ޢުމުރުން ފެށިގެންވެސް ޙަރާމް ކަންކަމާއި ދުރުހެލިވާށެވެ! ހިތްހަމަޖެހުން ބޭނުންވާނަމަ ޤުރްއާން އަޑުއަހާށެވެ. ކިޔަވާށެވެ! ކުރާ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ 

- ޑރ. ބިލާލް ފިލިޕްސްގެ ދަރުސަކުން

މިއަދު އޮންލައިން