ބިރެއް ނުގަނޭތަ؟ ގެންގުޅޭ ފޯނުގެ އެންމެ ފިތަކަށް ފިއްތައިލުމަކުންވެސް ނަރަކައިން ސަލާމަތް ނުވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބިރެއް ނުގަނޭތަ؟ ގެންގުޅޭ ފޯނުގެ އެންމެ ފިތަކަށް ފިއްތައިލުމަކުންވެސް ނަރަކައިން ސަލާމަތް ނުވެވިދާނެ!

މީސްތަކުން އަމިއްލައަށް ކުރާ ކަންތައްތަކާއި އެހެނިހެން ކަންކަން ދުނިޔެއަށް ހާމަކުރަން މިއަދު ބޭނުންކުރާ އެންމެ ޢާންމު ވަސީލަތަކީ ގެންގުޅޭ ފޯނެވެ. ފޯނުގެ އެންމެ ފިތަކަށް ފިއްތައިލެވޭ ގޮތަކުންވެސް ތިމާއަށް ނަރަކައިން ސަލާމަތްނުވެވިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. ހާމަކޮށްލެވޭ އެންމެ ފޮޓޯއަކުން ނަމަވެސްމެއެވެ.

އެހެނީ ކިތަންމެ ކުޑަ ފާފައެއް ކުރުމަށްފަހުގައި ނަމަވެސް އެކަމަށް ފަޚުރުވެރިވެ އެހެން މީހުންނަށް ހާމަކުރުމަކީ ދާއިމަށް ނަރަކައަށް ވަންނަންޖެހިދާނެ ކަމަކަށްވާތީއެވެ. "ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންތެރެއިން މުހާޖިރީން ނޫން އެންމެންގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށް" ޙަދީޘްފުޅުގައި އޮތުމުންނެވެ.

އަހަރެން ބުނާނީ އަންހެނަކާއި ފިރިހހެނަކު ދޮނެއް ދީފައި އެކަން ހާމަކުރުމަކީވެސް ހަމަ މިފަދަ ކަމެއް ކަމަށެވެ. އެއީ ދެމަފިރިންކަމުގައިވީނަމަވެސް މެއެވެ. ސަބަބަކީ އެދެމީހުންނަށް ގުޅުން ބާއްވަން ހުއްދަވެގެންވަނީ މީސްތަކުންނަށް ދައްކައިގެނެއް ނޫނެވެ.

ޙަދީޘްފުޅުގެ މުރާދަކީ ފާފަކުރަން އެހެން މީހުންނަށް ހިތްވަރުދިނުމެވެ. ދެމަފިރިންގެ މިފަދަ ގުޅުންތައް ޢާންމުކުރުމަކީވެސް އެކަންކުރަން އެހެން މީހުންނަށް ހިތްވަރުދިނުމެވެ. އަދި އެފޮޓޯ ބެލުމަކުން ތިމާ ނުދަންނަ މީހުންނަކަށް އެއީ ދެމަފިރިންކަންވެސް ނުއެނގޭނެތީއެވެ. މިއީ މިކަމުގައި އަހރެން ޤަބޫލުކުރާ ގޮތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ކުރެވޭ ކިތަންމެ ކުޑަ ފާފައެއް ނަމަވެސް ޢާންމުކުރުމުން ނަރަކައިން ސަލާމަތްނުވެވިދާނެފަދަ ބޮޑު ފާފައަކަށް ބަދަލުވެގެންހިނގައިދާނެ ކަމެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟

ވީމާ މި ޙަދީޘްފުޅަށް ބިރުވެތިވެ ރައްކައުތެރިވާށެވެ! ސަލާމަތާއި ރައްކައުތެރިކަން ލިބުންވަނީ އެއިރުންނެވެ. މިޙަދީޘްފުޅުގެ ވާހަކަ ވަރަށް ގިނައިން ޢިލަމުވެރިން ދައްކަވައެވެ. އެއީ ވިސްނައިލުމެއް ނެތި މިބޮޑު ފާފަ ގިނަބައަކު ކުރަމުން ގެންދާތީއެވެ. އެކަމަށް ހޭލުންތެރިވާންޖެހިފައިވާ މިންވަރު ބޮޑުކަމުންނެވެ.

"ކުރެވުނު ފާފައެއްގެ ވާހަކަ ދެއްކުން ހުއްދަވެގެންވަނީ ހަމަ އެންމެ ޙާލަތެއްގައެވެ. އެއީ އެކަމާއިމެދު ފަޚުވެރިނުވެ އެފަދަ ކަމެއް ނުކުރަން އެހެން މީހުންނަށް ހިތްވަރުދިނުމަށެވެ. އެހެން މީހުން ހޭލުންތެރިކުރުވުމަށެވެ." : ބިލާލް އަސްއަދު

--އިސްލާީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން