އަންހެނުން ފޭރާންލުމާ އެކުގަ ފެންވެރުމުގަ ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
އަންހެނުން ފޭރާންލުމާ އެކުގަ ފެންވެރުމުގަ ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް!

މިއަދުނޫހުގައި ޝާއިޢުކުރަމުން މިގެންދާ ޢާއިޝަތުގެފާނުގެ ސިޔަރަތުގެ މިއަދުގެ ބައިން އަންހެނުން ފޭރާންލުމާއި އެކުގައި ފެންވެރުމާއިބެހޭ ގޮތުން ދަސްކުރަންޖެހޭ ވަރަށް މުހިންމު  ފިލާވަޅުތަކެއް ފާހަގަކުރެވުމުން އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް މިގެންނަނީ އެއީ ސިޔަރަތު ކަމަށްވުމުން ނުކިޔައިދޫކޮށްލާ ކިޔުންތެރިންވެސް ތިބޭނެތީ އެމީހުންނަށްވެސް މިކަންކަން އަންގައިދިނުމުގެ ގޮތުންނެވެ. 

1-   ގިނަ ބައަކަށް ފެންނާނެގޮތަށް އެކުގަ ފެންވެރުން: 

"އަންހެނަކު އޭނާގެ ފިރިމީހާ ނޫން އެހެން މީހެއްގެ ކުރިމަތީގައި ހެދުން ބާލައިފިނަމަ، ހަމަކަށަވަރުން އޭނާ، މާތްﷲ އާއި އޭނާއާ ދެމެދުގައިވާ ފަރުދާ ވީދައި ކުދިކުދިކޮށްލައިފިއެވެ.] (ޙަދީޘް)  

އިހުޒަމާނުގައި ބައެއް ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް އެއްވެސް އެކަކު އަނެކަކަށް ފެންނާނެހެން ތިބެގެން ފެންވަރާކަމުގައިވެއެވެ. އެއްފަހަރަކު ޙިމްޞުގެ އަންހެނުންތަކެއް ޢާއިޝަތުގެފާނުގެ އަރިހަށް އައެވެ. އެކަމަނާ އެބައިމީހުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ކަލޭމެންނަކީ ހާމަތަންތަނަށް އެއްވެ އެކަކު އަނެކަކަށް ފެންނާނެހެން ފެންވަރާ މީހުން ހެއްޔެވެ؟ ރަނގަޅަށް ހަނދާންކުރާށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވަނިކޮށް އަހަރެން  އަޑު އެހީމެވެ. އަންހެނަކު އޭނާގެ ފިރިމީހާ ނޫން އެހެން މީހެއްގެ ކުރިމަތީގައި ހެދުން ބައިލައިފިނަމަ، ހަމަކަށަވަރުން އޭނާ، މާތްﷲ އާއި އޭނާއާ ދެމެދުގައިވާ ފަރުދާ ވީދައި ކުދިކުދިކޮށްލައިފިއެވެ.]

{އިމާމު އަޙްމަދު، މުސްނަދު، 24186} 

2-   ނޫރުސޫރަތުގައިވާ މިންވަރަށް ނިވާނުވާ ހެދުންލުން:

އެއްފަހަރަކު ޢާއިޝަތުގެފާނުގެ އަރިހަށް އައި އަންހެނެއް ލައިގެން ހުރި ހެދުމުން އޭނާ ރަނގަޅަށް ނިވާވާ ވަރެއްވެސް ނޫނެވެ. އެތަން ދެކެވަޑައިގެން އެކަމަނާ، އޭނާއާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ނޫރު ސޫރަތުގައިވާ ކަންތައްތައް ޤަބޫލުކުރާ މީހަކު ތިޔަފަދަ ގޮތަކަށް ހެދުމެއް ނާޅާނެވެ. ތިބާއީ މުއުމިނެއްނަމަ ދަންނާށެވެ. ތިބާ އަޅައިގެން ތިޔަ ހުރި ހެދުމަކީ މުސްލިމު އަންހެނުންގެ ހެދުމެއްނޫނެވެ.]

{އަލް އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ނޫރު ސޫރަތުގެ ތަފްސީރު}  

3-   ތުނި ފޭރާމުން ބުރުގާއެޅުން

ޙަފްޞާ ބިންތި ޢަބްދުއްރަޙްމާނަކީ ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަނބަލެކެވެ. އެއްފަހަރަކު ޙަފްޞާ ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން އިންނެވީ ވަރަށް ތުނި ބުރުގާކޮޅެކެވެ. މިތަން ދެކެވަޑައިގެން ޢާއިޝަތުގެފާނު އެބުރުގާކޮޅު ވީދަވައިލައްވައި ބޯފޮތީގެ ބުރުގާކޮޅެއް ޙަފްޞާއަށް ދެއްވިއެވެ.

{مشكاة المصابيح، كتاب اللباس، الفصل الثالث، ޙަދީޘް 4375،} 

މި 3 ކަންތަކަކީވެސް އަޅުގަނޑުމެންގެ ތެރޭގައިވެސް ހުރި، ހިނގަމުންދާ ކަންކަމެވެ. ގިނަ ބައަކު އެކަންކަން ކުރަނީ އެކަންކަމުގެ ޙުކުމް ނުއެނގިތިބެ ކަމަށް ބެލެވެއެވެ. ދުޢާއަކީ މިފަދަ ކަންކަން ވީހައި ގިނަ ބައަކަށް އެނގި ޢަމަލުތައް އިޞްލާޙްވުމަށް މަގުފަހިވުމެވެ. 

ބާލިޣްވުމަށްފަހު އޮތީ ދީނުގައިވާ ގޮތަށް ޢަމަލުކުރުމެވެ. ވީމާ ދަރިވަރުން ކޭމްޕް ގެންގޮސް ގިނަކުދިން އެކުގައި ފެންވަރަން ޖެއްސުވުމާއި ހެދުން ބަދަލުކުރުވުމާއި ދަތުރުގޮސް އުޅޭއިރު ގިނަބައަކު އެކުގައި ފެންވަރައި ހެދުން ބަދަލުކުރުން ފަދަ ކަންކަން ކުރާއިރު "މާތްﷲ އާއި އޭނާއާ ދެމެދުގައިވާ ފަރުދާ ވީދައި ކުދިކުދިކޮށްނުލަމާތޯއެވެ!"  

މިއަދު އޮންލައިން