މިއަދުގެ އާޔަތް: އެހެންމީހުންނަށްވުރެ މަތިވެރިވެލަން ކުރަންއޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މިއަދުގެ އާޔަތް: އެހެންމީހުންނަށްވުރެ މަތިވެރިވެލަން ކުރަންއޮތް ޢަމަލު-

އަނެކާއަށްވުރެ ތިމާގެ އަތުގައި ފައިސާގިނަވެ ތަނަވަސްވެލުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ނަމަވެސް ގިނަބައަކަށްވުރެ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވައި ދެއްވެވުން އެދިގެން ކުރަންވީ ޢަމަލު އެނގެން އެބައޮތެވެ! 

9﴾ أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ 

"ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމްގައި މަޑުމޮޅިވެ، އާޅިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަހްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞީޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހްލުވެރިންނެވެ."

(އައްޒުމަރު: 9) 

އޭނާގެ އަތުގައި ފައިސާގިނަވެފައި އޭނާގެ ތަނަވަސްކަން މާބޮޑުކަމަށްވެދާނެއެވެ! އެހެނަސް އޭނާއަކީ ރޭ އަޅުކަންކުރާ މީހަކު ކަމުގައި ނުވާނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާއަށް އޮތީ ކޮން ދަރަޖައެއް ހެއްޔެވެ؟ 

އެންމެ ތަނަވަސްކަން ބޮޑު މީހަކީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންވާ މީހާއެވެ. ވީމާ ތިމާގެ ދަރަޖަ އުފުލިގެންވުމަށް އެދޭމީހާ ރޭއަޅުކަންކުރަން ކަންނެތް ނުވާށެވެ! އެކަމަށް ހީވާގިވެލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން