ރޯދަމަސް ނިމުމުންވެސް އެންމެ މުހިންމު ކަމަކީ މީސްތަކުންނަށް ހިތް ޠޯހިރުކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރޯދަމަސް ނިމުމުންވެސް އެންމެ މުހިންމު ކަމަކީ މީސްތަކުންނަށް ހިތް ޠޯހިރުކުރުން-

ރަމަޟާންމަހަށްޓަކައި ތިމާގެ ހިތް ޠޯހިރުކުރަން ގިނަބައަކު މަސައްކަތްކުރެއެވެ. ގިނަބައަކު އެކަން ކާމިޔާބުވެސް ކުރެއެވެ. އެކަމަކުވެސް އުފެދޭ މައްސަލައެއް އެބައޮތެވެ. އެއީ ރަމަޟާން މަހަށް ފަހުގައި އެކަމަށް ފަރުވާކުޑަކުރެވޭކަމެވެ. 

މީސްތަކުންނަށް ހިތް ޠޯހިރުކުރުމަކީ ހަމައެކަނި ރަމަޟާން މަހު ކުރަން އޮންނަ ކަމެއް ނޫނެވެ. އެއީ ދުނިޔޭގައި ހުރި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުންވަނީ ސާފުހިތަކާއިގެން ދެވިއްޖެނަމައެވެ. ހިތް ސާފުކޮށް ޠޯހިރުކުރެވޭނީ އެހިތް އަބަދުވެސް ޠޯހިރުކޮށް ބާއްވައިގެންނެވެ. ޠޯހިރުކޮށް ބޭއްވޭނީ އެއްވެސް މީހަކަށް ހަސަދަ ނުލައި ރުޅިވެރިކަން ނުބާއްވައި ހިތްހެޔޮކޮށްގެން އުޅެވިއްޖެނަމައެވެ.  

މީހުންނަށް ހަސަދަލައި ރުޅިވެރިކަން ބާއްވާނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާނެތެވެ. އެހެނީ އީމާންކަން ފުރިހަމަވާނީ އެމީހެއްގެ އަމިއްލަ ނަފްސަށް އެދޭކަންކަން އެހެން އެންމެންނަށްވެސް އެދިގެންނެވެ. އެއްވެސް މީހަކަށް ދެރައެއް ލިބުމަށް ނުވަތަ ނިކަމެތިކަމެއް ލިބުމަށް އެދެވޭނަމަ އެމީހަކަށް އޮތީ އަވަހަށް އެކަން އިޞްލާޙްކުރުމެވެ. ތައުބާވުމެވެ. އަދި އެމީހަކަށްޓަކައި ހެޔޮދުޢާކުރުމެވެ. 

ވީމާ ދަންނާށެވެ! ރޯދަމަހުގެ ރޯދައަށް ހުންނައިރުގައިވެސް އަދި އެއިގެ ފަހުން ސުންނަތް ރޯދަ އަށް ހުންނަ ވަގުތުގައިވެސް އަދި އެނޫން ވަގުތު ތަކުގައިވެސް މީސްމީހުންނާއި މެދު ހިތްގޯސްކޮށް، ރުޅިވެރިކަން ބާއްވައި، ޙަސަދަލައި ހެދުމަކީ އިސްލާމްދީން މަނާ ކުރާ ކަންތަކެވެ. މިފަދަ ކަމެއް ކުރުމަކީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ. ނަމަވެސް، ރޯދައިގެ ދަރުމަ އުނިވެދާނެ ކަމެކެވެ. 

މުހިންމީ ރޯދައަށް ހުންނައިރުގައިވެސް އަދި އެނޫން ދުވަސްތަކުގައިވެސް އެއްވެސް މީހަކަށް ޙަސަދަނުލައި ހިތް ޠޯހިރުކޮށްގެން ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން