ޢަލީ އިޙްޞާން ފިރާޤް
ނުބައިކަންތައްތައް ނަހީކުރެއްވުން
ސާލިމު ވިދާޅުވެފައިވެއެވެ. ސަޢުދުބުން އަބީ ވައްޤާސުގެފާނު އަވަހާރަވި ދުވަހު ތިމަން ޢާއިޝަތުގެފާނުގެ އަރިހަށް ދިޔާމެވެ. އެ ވަގުތު ޢާއިޝަތުގެފާނުގެ އަޚް ޢަބްދުއްރަޙްމާނު ވަޑައިގެން އެކަމަނާގެ ކުރިފުޅުމަތީގައި ވުޟޫކުރެއްވިއެވެ. އެކަލޭގެފާނު ވުޟޫކުރެއްވި ގޮތާމެދު ޢާއިޝަތުގެފާނު ނުރުހުންވެވަޑައިގެން ވިދާޅުވިއެވެ. [އޭ ޢަބްދުއް ރަޙްމާންއެވެ. ވުޟޫ ރަނގަޅަށް ފުރިހަމަ ކުރާށެވެ.]
{صحيح مسلم، كتاب الطهارة، باب وُجُوبِ غَسْلِ الرِّجْلَيْنِ بِكَمَالِهِمَا ، ޙަދީޘް 240}
ޙަފްޞާ ބިންތި ޢަބްދުއްރަޙްމާނަކީ ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަނބަލެކެވެ. އެއްފަހަރަކު ޙަފްޞާ ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން އިންނެވީ ވަރަށް ތުނި ބުރުގާކޮޅެކެވެ. މިތަން ދެކެވަޑައިގެން ޢާއިޝަތުގެފާނު އެބުރުގާކޮޅު ވީދަވައިލައްވައި ބޯފޮތީގެ ބުރުގާކޮޅެއް ޙަފްޞާއަށް ދެއްވިއެވެ. {مشكاة المصابيح، كتاب اللباس، الفصل الثالث، ޙަދީޘް 4375،}
ބޮޑެތިފާފައިންނާއި ކުދި ފާފައިން ރައްކާތެރިވުމަކީ އެކަމަނާގެ އަމިއްލަ ނަފްސު ހާނުއްވައިފައިވާ ކަމެކެވެ. މީހަކު ކިތަންމެ ކުޑަ ފާފައެއް ކުރަނިކޮށް ފެނުނުނަމަވެސް އެކަން އެކަމަނާ މަނާކުރައްވައެވެ. އެއްފަހަރަކު އެކަމަނާގެ ގެއަށް އައި މެހެމާނުންތަކެއްގެ އަތުގައި نَرْد (ޑައިސް) ހުރިކަން އެނގިވަޑައިގެން އެކަމަނާ އެބައިމީހުންނަށް ޚަބަރު ފޮނުއްވިއެވެ. [މިގެއިން އެތަކެތި ނެރޭށެވެ. ނޫނީ އަހަރެން ކަލޭމެން މިގެއިން ނެރޭނަމެވެ.]
އިހުޒަމާނުގައި ބައެއް ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް އެއްވެސް އެކަކު އަނެކަކަށް ފެންނާނެހެން ތިބެގެން ފެންވަރާކަމުގައިވެއެވެ. އެއްފަހަރަކު ޙިމްޞުގެ އަންހެނުންތަކެއް ޢާއިޝަތުގެފާނުގެ އަރިހަށް އައެވެ. އެކަމަނާ އެބައިމީހުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ކަލޭމެންނަކީ ހާމަތަންތަނަށް އެއްވެ އެކަކު އަނެކަކަށް ފެންނާނެހެން ފެންވަރާ މީހުން ހެއްޔެވެ؟ ރަނގަޅަށް ހަނދާންކުރާށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑު އެހީމެވެ. އަންހެނަކު އޭނާގެ ފިރިމީހާ ނޫން އެހެން މީހެއްގެ ކުރިމަތީގައި ހެދުން ބައިލައިފިނަމަ، ހަމަކަށަވަރުން އޭނާ، މާތްﷲ އާއި އޭނާއާ ދެމެދުގައިވާ ފަރުދާ ވީދައި ކުދިކުދިކޮށްލައިފިއެވެ.]
{އިމާމު އަޙްމަދު، މުސްނަދު، 24186}
އެއްފަހަރަކު ޢާއިޝަތުގެފާނުގެ އަރިހަށް އައި އަންހެނެއް ލައިގެން ހުރި ހެދުމުން އޭނާ ރަނގަޅަށް ނިވާވާ ވަރެއްވެސް ނޫނެވެ. އެތަން ދެކެވަޑައިގެން އެކަމަނާ، އޭނާއާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ނޫރު ސޫރަތުގައިވާ ކަންތައްތައް ޤަބޫލުކުރާ މީހަކު ތިޔަފަދަ ގޮތަކަށް ހެދުމެއް ނާޅާނެވެ. ތިބާއީ މުއުމިނެއްނަމަ ދަންނާށެވެ. ތިބާ އަޅައިގެން ތިޔަ ހުރި ހެދުމަކީ މުސްލިމު އަންހެނުންގެ ހެދުމެއްނޫނެވެ.]
{އަލް އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ނޫރު ސޫރަތުގެ ތަފްސީރު}