އެއްވެސް ދެމީހެއްގެ އިނގިލީގެ ނިޝާނާ ޑީއެންއޭ ދިމާނުވުން- ޤިޔާމަތްދުވަހަށް ބިރުވެތިވާންޖެހޭ ސަބަބަކަށްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެއްވެސް ދެމީހެއްގެ އިނގިލީގެ ނިޝާނާ ޑީއެންއޭ ދިމާނުވުން- ޤިޔާމަތްދުވަހަށް ބިރުވެތިވާންޖެހޭ ސަބަބަކަށްވަނީ ކީއްވެ؟

ﷲ ތަޢާލާ ނިޢްމަތް މިންވަރު ކުރެއްވެވުމުން އެކަން ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. ދުނިޔެއާއި ދުނިޔޭގައިވާހައި ތަކެތި އުފެއްދެވީ ﷲ ތަޢާލާކަން ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެވަރުން ނުވެގެން ކޮންމެ ކަމެއްވެސް މެދުވެރިވަނީ އެއްވެސް ފަރާތެއްގެ ބާރެއް ނެތި އިއްތިފާޤަކުން ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. 

އެފަދަ މީހުންނާއި ސުވާލެއް ކޮށްލަން ބޭނުންވެއެވެ. ދުނިޔޭގައި ލެއްވެވި އެންމެ ފުރަތަމަ އިންސާނަކީ އާދަމް ޢަލައިހިއްސަލާމްއެވެ. އެންމެފަހުން އުފަންވާނީ ކާކުކަމެއް ނުއެނގެއެވެ. އެކަމަކު އެނގި ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ އާދަމްގެފާނުން ފެށިގެން މިއަދާއި ހަމައަށްވެސް އެއްވެސް ދެމީހެއްގެ ފިންގަރޕްރިންޓް ނުވަތަ އިނގިލީގެ ނިޝާން ދިމާނުވަނީ ކީއްވެގެންހެއްޔެވެ؟ ކޮންމެ މީހެއްގެ ޑީއެންއޭ ތަފާތުވަނީ ކީއްވެގެންހެއްޔެވެ؟ 

އިއްތިފާޤަކުން ކަންކަން މެދުވެރިވާނަމަ އަޅެ އެންމެ ދެމީހެއްގެ ނަމަވެސް ފިންގަރ ޕްރިންޓް އާއި ޑީއެންއޭ ދިމާނުވެގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ މި ސުވާލުތަކަށް ނިކަން ޖަވާބުދީބަލާށެވެ! 

ރަނގަޅަށް ވިސްނައިފިނަމަ މިކަމުގައިވެސް ފިލާވަޅެއް ވެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ ނިމެންދެން (ޤިޔާމަތް ވަންދެން) ދުނިޔެއަށް އުފަންވި އެންމެން ޤިޔާމަތް ދުވަހު އެއްތަނަކަށް އެއްކުރައްވަވާއިރުގައިވެސް ކޮންމެ މީހަކީވެސް އެމީހާކަން ދެނެގަނެވޭނެކަމެވެ. އެންމެން ﷲ ތަޢާލާ ދެނެވޮޑިގެންވާނެ ކަމެވެ. އެމީހަކަށް ދެއްވަވާނީ އެމީހަކަށް ޙައްޤު ޖަޒާކަމެވެ. 

މިއަދު އެއީ ކާކުކަން ދެނެގަތުމަށް ފިންގަރޕްރިންޓާއި ޑީއެންއޭ ޓެސްތް ހަދަންޖެހުނަސް އެދުވަހަކުން ނުޖެހޭނެއެވެ. ﷲ ތަޢާލާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. 

ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ދުނިޔޭގައި ކަންކަން މިހިނގަނީ އިއްތިފާޤަކުން ނޫންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ވީމާ އެފަދަ ވާހަކަތައް އެއީ ބިއްދީގެ ހަމަތަކުން ބެލިނަމަވެސް ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަން ޔަޤީންވެގެންދާނެއެވެ. 

ބުއްދީގެ ބޭނުންކުރާށެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެ ކިޔަމަންތެރިވާށެވެ! ޤިޔާމަތް ދުވަހުން ތިބާގެ އަތަށް ލިބޭނީ ތިބާގެފަތްކަން ޔަޤީންކުރާށެވެ! އެފަތަކީ ތިބާގެ ކަނައަތަށް ލިބޭނެ ފަތަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބުންވަނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން