"އަޅުގަނޑު ހުރިތަނެކެވެ. އަންހެނަކު އައިސް "ދަންނަ" މީހަކާ ސުވާލުކުރިއެވެ. "އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުދެކެ ލޯތްބެއް ނުވެއެވެ. އޭނާގެ ގާތުން އަޅުގަނޑަށް ވަރިވެވިދާނެތޯއެވެ؟ ފޯމުލުން ހުއްދަވާނެތޯއެވެ؟" ސުވާލުކުރުމުން އިތުރު އެއްވެސް ސުވާލެއް އޭނާ އާއި ނުކޮށް ވަޤުތުން ދިން ޖަވާބަކީ "އާނ! ހުއްދަވާނެ!" އެވެ. އެންމެ ކުޑަމިނުން ލޯބިނުވާން ކުރަނީ ކޮންކަމެއްތޯވެސް އަހައިނުލައެވެ.
އަޅުގަނޑުގެ ސުވާލަކީ މިއީ ހަމަ މިހާ ފަސޭހައިން ދެވިދާނެ ޖަވާބެއްތޯއެވެ؟ އެފިރިމީހާގެ ބަހެއްވެސް އޮޅުންފިލުވާ ނުލައި ކައިވެނި ރޫޅާލަން ހިތްވަރުދެވިދާނެތޯއެވެ؟"
ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ މިހާރު ވަރަށް ބޮޑުވެއްޖެ މައްސަލައެކެވެ. އެންމެ ކުޑަމިނުން އިސްތިޚާރާ ކޮށްލަންވެސް ނުބުނެ ތިއަފަދަ ކަންކަން ނިންމާލައި އެބަ ފަތުވާ ނެރެއެވެ. އެގޮތަށް އެކަންކުރަނީ "ދަންނަ" މީހުންނެއް ނޫނެވެ. "މާބޮޑަށް ދަންނަ" މީހުންނެވެ. ވަރިއަކީ ދެން އެހެން ގޮތެއް ނެތުމުން ކުރަންޖެހޭ ކަމެއްކަން ނުދަންނަ މީހުންނެވެ.
ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް ޙައްލުހޯދަން ކުރަންވީ ކަމަކާއިމެދު ސޯޝަލް މީޑިއާގައި ސުވާލުކުރުމަކީ ވަރަށް ގިނައިން ކުރަމުން އަންނަކަމެކެވެ. އެހެނަސް ބުނަމެވެ. ސޯޝަލް މީޑިއާގައި ސުވާލުކޮށްގެން ހޯދޭނެ އެއްވެސް ޙައްލެއް ނެތެވެ. ކަންކަން ބަދަލުވާނީ ގޯހުން ގޯހަށެވެ.
މިފަދައިން ކޮށްފައި ހުންނަ ސުވާލުތަކަށް މީސްތަކުން ކޮށްފައި ހުންނަ ކޮމެންޓުތަކަށް ބަލާށެވެ! ގިނައިން ހުންނާނީ ވަގުތުން ފިރިމީހާ ނުވަތަ އަނބިމީހާ އާއި ވަކިވުމަށް ބުނެފައެވެ. ބައެއް ފަހަރު މަރާލަންވެސް އެބަ ބުނެއެވެ. މިފަދަ ހަރުކަށި ޖަވާބުތައް ދެމުން ގެންދާއިރު ރަޙުމްއެވެ މިކިޔާއެއްޗެއް ކޮބައިހެއްޔެވެ؟
ރަނގަޅަށް ވިސްނާށެވެ! ދެމަފިރިއަކު ވަކިވުމަކީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ކުރަން އޮތް ކަމެއް ނޫނެވެ. ވީއިރު ފުރަތަމަވެސް ނަޞޭޙަތްތެރިވާންޖެހޭނީ ދެމަފިރިންގެ މެދުގައި އޮތް މައްސަލަ ޙައްލުކުރެވޭނެ އެއްވެސް މަގެއް އޮތްތޯއެވެ! ދެމަފިރިންގެ ކަންބޮޑުވުން ފިލުވައިދޭން ތިމާއަށް ކުރެވޭނީ ކޮންކަމެއްތޯއެވެ! ބައެއް ފަހަރު ދެމަފިރިންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ މާލީ ދަތިކަން ބޮޑުވުމުން ކުރިމަތިވެގެން ދިމާވެފައިވާ ޙާލަތަކަށްވެސް ވެދާނެއެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން ކުރިމަތިވެފައިވާ މައްސަލައަކަށްވެސްވެދާނެއެވެ. ދިރިއުޅޭތަނުގެ ކުލި ނުދެއްކިގެން ނުވަތަ އެނޫން ދަތިކަމެއް ކުރިމަތިވެގެން ޖެހިފައިވާ މައްސަލައަކަށްވެސް ވެދާނެއެވެ. ތިހައިވަރަށް ހެޔޮއެދޭނަމަ، ކަންބޮޑުވާނަމަ އެދެމަފިރިންގެ މައްސަލަ އޮޅުންފިލުންވައި ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ނުދެނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ޙާލުގައި ތިބި ބައަކަށް އެހީތެރިވެދިނުން ނޫން ހެއްޔެވެ؟
އަދިވެސް ސުވާލެއް ކުރާނަމެވެ. ދެމަފިރިން ވަކިވާން ތިއަދޭ ނަޞޭޙަތް ޤަބޫލުކޮށް ދެމަފިރިން ވަކިވުމުން ޙާލުގައި ޖެހޭ ކުދިން ބަލަހައްޓަން އެހީތެރިވެދޭނަން ހެއްޔެވެ؟ އަލުން ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ހޯދައިދޭނަން ހެއްޔެވެ؟ ނާޖާއިޒު ފައިދާއެއް ނެގުން ނޫން އެހެން އެއްވެސް ކަމެއް ކުރާނަން ހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ!
--ޝައިޚް މުޙައްމަދު ހޮބްލޮސް