މަރުވެދާނެކަމަށް ބިރުގަންނަ ނަމަ ފުރަތަމަ ކަމަކަށްވެސް ޖަމާޢަތުގެ ނަމާދު ދޫކޮށް ނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މަރުވެދާނެކަމަށް ބިރުގަންނަ ނަމަ ފުރަތަމަ ކަމަކަށްވެސް ޖަމާޢަތުގެ ނަމާދު ދޫކޮށް ނުލާށެވެ!

މަރުވެދާނެކަމށް ބިރުގަންނަ މީހާ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ޖަމާޢަތުގެ ނަމާދުދޫކޮށްނުލާށެވެ! އަދި ކުރާ ކޮންމެ ނަމާދެއް އެންމެ ރަނގަޅު ފެންވަރުގައި ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކަށްކުރެވުނު ހެޔޮ ޢަމަލު މަދުވެގެން އުޅޭނެ ދުވަހެވެ.

ވިޔަފާރިއަކުން 27 ގުނަ ފައިދާ ލިބެން އޮއްވައި އެންމެ ގުނައެއް ބޭނުންވާނީ ކާކުހެއްޔެވެ؟ ހަމަ އެއުޞޫލުން ޖަމާޢަތުގެ ނަމާދާއި މެދުގައިވެސް ވިސްނައިލާށެވެ! 27 ގުނަ އިތުރަށް ލިބެން އޮއްވައި އެންމެ ޘަވާބަކުން ފުދޭނީ ކިހިނަކުން ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ކޮންމެ ވެސް ދުނިޔޭގައި ހޭދަކުރަމުން މިގެންދާ ދުވަސްތަކަކީ އިމްތިޙާނުގެ ދުވަސްތަކެއްކަން އެންމެންނަށްވެސް އެނގެއެވެ. މިއީ ދިރިހުރިހާ ދުވަހަކަށް ދެމިގެންދާ އިމްތިޙާނެކެވެ. އަދި ނަތީޖާ ފައުޅުކޮށް އިނާމު ލިބެންޖެހޭ މީހުންނަށް އިނާމުލިބުން އޮތީ ޤިޔާމަތްދުވަހުންނެވެ.

އިނާމު ލިބުމުގެ ރަސްމިއްޔާތާއިމެދު މިގޮތަށް ވިސްނައިލާށެވެ! އިމްތިޙާނުން ފާސްވެ މަތީވަނަތައް ޙާޞިލުކޮށް އިނާމު ލިބެން އެދޭދަރިވަރުން ކޮންމެ ދުވަހަކުވެސް ގަޑި ނުޖެހި ސްކޫލަށްދާނެއެވެ. އަހަރެމެން މިދެކެން ބޭނުންވާ ދުވަހަށް ތައްޔާރުވާ މީހާއަށްވެސް އޮތީ ހަމަ އެގޮތެވެ. ހަމަ އެންމެ ފަހަރަކުވެސް ގަޑިޖެހިގެންވާކަށް ނެތެވެ. ކޮން ކަމަކަށް ކޮންތަނަކަށް ހެއްޔެވެ؟

ޖަވާބަކީ މިސްކިތަށެވެ. ނަމާދަށެވެ. ޖަމާޢަތުގައި ބައިވެރިވުމަށެވެ.

މީސްތަކުންނޭވެ! ދުނިޔެއަށް އައުމަށްފަހު މަރުވާނެކަން އެއީ ހަމަ ކޮންމެ މީހަކަށްވެސް ޔަޤީންކަމެކެވެ. މަރުވާން ބޭނުން ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް މަރުނުވެ ދިރިހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އަހަރެމެންނަށް ކުރެވެން އޮތް ހަމައެކަނިކަމަކީ މަރަށް ތައްޔާރުވެ ތިބުމެވެ. އެކަމަށްޓަކައިވެސް ކުރަންޖެހޭ އެންމެ މުހިންމު ނަމާދުކުރުމެވެ. ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން