ހިތަށް އެންމެ ބޮޑަށް އަސަރުކޮށް ހިތްދަތިވާނީ އަނބިދަރިން، ފިރިން، ޢާއިލާ، އަދި އެމީހަކު ލޯބިވާ މީހުންގެ ކިބައިން ހިތްވަރާ އެއްބާރުލުން ނުލިބުމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ހިތަށް އެންމެ ބޮޑަށް އަސަރުކޮށް ހިތްދަތިވާނީ އަނބިދަރިން، ފިރިން، ޢާއިލާ، އަދި އެމީހަކު ލޯބިވާ މީހުންގެ ކިބައިން ހިތްވަރާ އެއްބާރުލުން ނުލިބުމުން!: މުފްތީ މެންކް

ކޮންމެ މީހެއްގެ ކިބައިން ނަމަވެސް ހިތްދަތިވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހިތަށް އަސަރުކުރާނެއެވެ. އެފޮތުން ކުރާ އަސަރު ބޮޑުވެގެން ދިއުމަށްވެސް ސަބަބުތަކެއްވެއެވެ. އަދި ވަކި ބައެއްގެ ކިބައިން ހިތްދަތިކަން ނުވަތަ އެއްބާރުލުން ނުލިބުމުން ކުރާ އަސަރު އިތުރަށް ބޮޑުވެގެންދެއެވެ.

މިޘާލަކަށް ކަމަކަށް ބޭނުންވުމުން ކޮންމެ މީހެއްގެ ގާތަށްދާނީ އެކަން ޙާޞިލްވާނެކަމުގެ ޔަޤީންކަމާއިއެކުގައެއް ނޫނެވެ. އެފަދަ މީހެއްގެ ކިބައިން ކަމެއް ޙާޞިލްނުވުމުން ކުރާއަސަރަށްވުރެ އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަމާއިއެކު ކަންކަމަށް އެދެވޭ މީހުންގެ ކިބައިން ކަންކަން ނުވުމުން ކުރާ އަސަރު ބޮޑުވެގެންދާނެއެވެ.

އިންސާނުންގެ ހިތަށް އެންމެ ބޮޑަށް އަސަރުކޮށް ހިތްދަތިވާނީ އެމީހަކަށް އެބައެއްގެ ކިބައިން ހިތްވަރާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދުކޮށް ޔަޤީންކޮށްގެން ހުންނަ މީހުންގެ ކިބައިން އެކަންކަން ނުލިބުމުންނެވެ. އެމީހެއްގެ އަނބިދަރިން، ފިރިން، ޢާއިލާ، އެމީހަކު ލޯބިވާ މީހުންގެ ކިބައިން ހިތްވަރާއި އެއްބާރުލުން ނުލިބުމުންނެވެ.

އެންމެ ފުރަތަމަ ބަލައިލަންވީ ރަސޫލް ﷺ އަށް އެންމެބޮޑަށް އެކަންކަން މެދުވެރިވި ސަބަށެވެ. ﷲ ތަޢާލާ އިސްލާމް ދީން ބާވައިލެއްވެވުމުން އެންމެ ބޮޑަށް ރަސޫލް ﷺ އުންމީދުކުރެއްވެވީ އެކަލޭގެފާނުގެ ޢާއިލާ އާއި ގާތް މީހުން އަދި މައްކާގެ އަހުލުވެރިންގެ ކިބައިން ރަސޫލް ﷺ އަށް ހިތްވަރުފުޅާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނމަވެސް ކަންތައްތައް މެދުވެރިވީ އެފަދައިންނެއް ނޫނެވެ. އެއިގެތެރެއިން ގިނަ ބައަކު ނުކުތީ ރަސޫލް ﷺ އާއި ދެކޮޅަށެވެ.

އެކަމުގެ ސަބަބުން ހިތްޕުޅަށް ދަތިކަންލިބިވަޑައިގަންނަވާތީ ﷲ ތަޢާލާ ޢަމަލުކުރަން އެންގެވި ގޮތް މި 3 އާޔަތުން އެނގިގެންދެއެވެ.

"ހަމަކަށަވަރުން އެއުރެން ބުނާބުނުމުން ކަލޭގެފާނު ހިތްޕުޅުދަތިވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." (އަލްޙިޖްރި: 97)

"ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށްޙަމްދާއިއެކު ތަސްބީޙް ވިދާޅުވާށެވެ! އަދި ސަޖިދަކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައގަންނަވާށެވެ." (އަލްޙިޖްރި: 98)

"އަދި ކަލޭގެފާނުގެ އަރިއަހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ!" (އަލްޙިޖްރި: 99)

މިއީ ހަމަ އަހަރެމެނެން ހުރިހާ މުސްލިމުންވެސް މިފަދަ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޢަމަލުކުރަން އޮތް ގޮތެވެ. ކޮންމެ ފަދަ ބޮޑު ހިތްދަތިކަމެއް، ކަންބޮޑުވާންޖެހޭ ކަމެއް އަދި މުޞީބާތެއް ކުރިމަތިވިނަމަވެސް ﷲ ތައާލާ އަނގަވާފައިއެވަނީ އެކަލާނގެ ހަނދުމަކޮށް ތަސްބީޙް ކިޔުމަށެވެ. ނަމާދުކޮށް ސަޖިދަކުރުމަށެވެ.

މިފަދަ ކޮންމެ ކަމަކާއި ގުޅިގެން ނަމާދުކުރިނަމަވެސް ނަމާދުގައި ސަޖިދަ ތަންކޮޅެއް ދިގުކޮށްލާށެވެ! ސަޖިދައިގައި އޮވެ އެމީހަކު ދަންނަވަން ބޭނުން ކޮންމެ ކަމަކަށް އެދި ދަންނަވާށެވެ. އެމީހަކަށް އެކަމެއް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

ދެން އަނަގަވާފައި އެވަނީ އެންމެ މުހިންމު ބައެވެ. އެއީ މަރުވުމަށްދާންދެން ތަސްބީޙް ކިޔުމާއި ސަޖިދަކުރުންމަތީގައި ދެމިހުރުމަށެވެ. ވީމާ ތިމާއަށް ކުރިމަތިވި ކަންތައް ޙައްލުވިނަމަވެސް، ޙައްލުނުވެ ލަސްވިނަމަވެސް މިފަދައިން ޢަމަލުކުރުންމަތީގައި ދެމިހުންނާށެވެ! ދެދުނިޔޭގައިވެސް އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ ެންކުގެ ދަރުސަކުން https://www.facebook.com/100050678550504/videos/328628025245912 sajidha Dhuaa

މިއަދު އޮންލައިން