ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު ހެދުންކޮޅު ތުރުކުރެއްވި ގޮތާ، ފަރުދާކުރެއްވުމުގައި ރައްކާތެރިވެވަޑައިގެންނެވުން ހުރި ގޮތް-

ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު ހެދުންކޮޅު ތުރުކުރެއްވި ގޮތާ، ފަރުދާކުރެއްވުމުގައި ރައްކާތެރިވެވަޑައިގެންނެވުން ހުރި ގޮތް-

ޢަލީ އިޙްޞާން ފިރާޤް

 

ޢާއިޝަތުގެފާނުގެ ސިފަފުޅު އަދި ހެދުންކޮޅު: 

ޢާއިޝަތުގެފާނަކީ ދޮން އޮޅަލި ކުލައިގެ ބޭކަނބަލެކެވެ. މޫނުފުޅުމަތީ ރަތްކަމެއް ހުރެއެވެ. އެކަމަނާއަކީ ވަރަށް ރީތި ބޭކަނބަލެކެވެ. އެކަމަނާގެ ޒުވާން އުމުރުފުޅުގައި ހުންނެވީ ހިކިފުޅުކޮށެވެ. ނަމަވެސް ފަހުން ހުންނެވީ އިހުނަށްވުރެ ރޫފަ ރަނގަޅުކޮށެވެ. 

ޒާހިދުކަމުގެ ބޮޑުކަމުން (ތުރުކުރައްވައިގެން ހުންނަ ހެދުމުގެ އިތުރުން) ގެންގުޅުއްވަނީ އެންމެ ހެދުންކޮޅެކެވެ. ހެދުންކޮޅު ދޮންނަވަނީ އަމިއްލަފުޅަށެވެ. ބައެއް ފަހަރު ސެފްރޮންއިން ހެދުންކޮޅުގައި ކުލަޖައްސަވައި ހައްދަވައެވެ. ގަހަނާގެ ގޮތުގައި ޔަމަނު ޢަޤީޤު އަބާރަނަކޮޅެއް ތުރުކުރެއްވިއެވެ. އިނގިލިފުޅުގައި ރަން އަނގޮއްޓި ތުރުކުރެއްވިއެވެ. 

ޢާއިޝަތުގެފާނު ހެދުންކޮޅު ތުރުކުރައްވާ އުޅުއްވީ ނުހަނު ސާދާގޮތެއްގައެވެ. އެއީ އެކަމަނާއަށް އަގު ބޮޑެތި ހެދުންކޮޅުތައް ލިބިވަޑައި ނުގަންނަވާތީއެއްނޫނެވެ. އެއްފަހަރަކު އަމީރު މުޢާވިޔަތުގެފާނު، ޢާއިޝަތުގެފާނަށް ހެދުންކޮޅުތަކަކާއި، ރިއްސާއި، އެނޫންވެސް ބޭނުންފުޅުވާނެ ތަކެތި ފޮނުއްވިއެވެ. އެތަކެތި ލިބިވަޑައިގަންނެވުމުން ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. [މާތް ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނަށް ދުވަހަކުވެސް މިފަދަ ތަކެއްޗެއް ބޭނުންފުޅު ކުރައްވައިފައެއްނެތެވެ.] މިހެން ވިދާޅުވެފައި، އެތަކެތި ބައިބައިކޮށްލެއްވުމަށްފަހު، ފަޤީރުންނާއި މިސްކީނުންނަށް ބައްސަވާ ހުސްކޮށްލެއްވިއެވެ. ރޭގަނޑުވީއިރު އަމީރު މުޢާވިޔަތުގެފާނު ފޮނުއްވި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް އެކަމަނާގެ އަތްޕުޅަކުނެތެވެ.

{އަބޫ ނުޢައިމް، ހިލްޔަތުލް އައުލިޔާ ، ވޮލިޔުމް 2، ޞަފްޙާ 48} 

ފަރުދާކުރެއްވުމުގައި ރައްކާތެރިވެވަޑައިގެންނެވުމުން: 

ފަރުދާގެ އާޔަތް ބާވައިލެއްވުމަށްފަހު ޢާއިޝަތުގެފާނު ވަރަށް ބޮޑަށް ޙިޖާބުވެވަޑައިގެން ނިވާވެވަޑައިގެންނެވުމަށް އިސްކަމެއްދެއްވިއެވެ. ޅަ ފިރިހެން ކުދިން އެކަމަނާގެ އަރިހަށް ކިޔަވަން އަތުވެއްޖެނަމަ އޭގެ ތެރެއިން ބައެއް ކުދިންނަށް ޢާއިޝަތުގެފާނުގެ އުޚުތުންލައްވައި ކިރު ދެއްވައެވެ. އޭރު އެކުދިންވާނީ ކިރުގެ ގޮތުން ޢާއިޝަތުގެފާނުގެ މަޙްރަމުންނަށެވެ. އެނޫން ކުދިންނަށް އެކަމަނާ ކިޔަވައިދެއްވަނީ ފަރުދާ ކުރައްވައިގެންނެވެ. 

ޙައްޖަށް ވަޑައިގަންނަވާ ފަހަރު ފަހަރު ގެފުޅުގެ އަރިހުގައި ފިރިހެނުންގިނަ ނަމަ އެކަމަނާ އެތަނަކަށް ވަޑައެއް ނުގަންނަވައެވެ. ވަޑައިގަންނަވަން ވެއްޖެނަމަ ވަޑައިގަންނަވަނީ މޫނުފުޅު ނިވާކުރައްވާ ފަރުދާ ކުރައްވައިގެންނެވެ. އެހެންނޫންނަމަ ފިރިހެނުންތައް ޠަވާފުކޮށް އަވަދިވެގެން ދަންދެން މަޑުކުރައްވައިގެން އިންނަވަނީއެވެ. 

އިސްޙާޤު އައްޠާބިޢީއަކީ ލޯ އަނދިރި މީހެކެވެ. އޭނާ ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންފިނަމަ އެކަމަނާ ފަރުދާކުރައްވައެވެ. އޭނާ އެއްދުވަހަކު ސުވާލު ކުރެއްވިއެވެ. [އަޅުގަނޑަކީ ލޯ އަނދިރި މީހެކެވެ. ފަރުދާ ކުރައްވަނީ ކީއްވެގެންތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [ތިބާއަށް ތިމަންކަމަނާ ނުފެނުނުކަމުގައި ވިޔަސް، ތިމަންކަމަނާއަށް ތިބާ ފެނެނެއެވެ. ފަރުދާ ކުރަނީ އެހެންވެގެންނެވެ.] 

މައްޔިތުންގެ ގާތުގައި ފަރުދާ ކުރުމަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ ކަމެއް ނޫނެވެ. ނަމަވެސް އިތުރަށް ރައްކާތެރިވެވަޑައިގެންނެވުމުގެ ގޮތުން ޢާއިޝަތުގެފާނު މައްޔިތުންގެ ގާތުގައިވެސް ފަރުދާ ކުރައްވައެވެ. ޢުމަރުގެފާނު އެކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވިފަހުން އެކަމަނާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޤަބުރުފުޅު ކައިރިއަށް ވަޑައިގަންނަވަނީ ރަނގަޅަށް ނިވާވެވަޑައިގެން ހުންނަވައިގެންނެވެ.

{މި ސުރުޚީގެ ދަށުން ހިމަނައިލި މަޢުލޫމާތު ނެގީ ސައްޔިދު ސުލައިމާން ނަދުވީ ލިޔުއްވި ޢާއިޝަތުގެފާނުގެ ސީރަތު މި ފޮތުންނެވެ.} 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަމަނާ ކުރެއްވި ޙައްޖުގެ ވާހަކަ ބަޔާން ކުރައްވަމުން ވިދާޅުވެފައިވެއެވެ. [ ރަސޫލާގެ ޒަމާނުގައި ތިމަންމެން އިޙްރާމުގައި ތިބޭއިރު އަސްވާރަކު އަންނަކަމުގައިވާނަމަ ވަގުތުން ތިމަންބޭނބަލުން މޫނު ނިވާކުރަމެވެ. އެމީހުން ތިމަންބޭކަނބަލުން ހުރަސްކޮށް ދިޔުމުން މޫނު ބުރުގާ ނަގަމެވެ.]

 

މިއަދު އޮންލައިން