މިއަދުގެ އާޔަތް: ޤުރްއާނުގައިވާ މިކަންކަން އެނގޭނަމަ ތަޤްވާވެރިކަމަށް ހާދަބޮޑު ކުރިއެރުމެއް ލިބޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
މިއަދުގެ އާޔަތް: ޤުރްއާނުގައިވާ މިކަންކަން އެނގޭނަމަ ތަޤްވާވެރިކަމަށް ހާދަބޮޑު ކުރިއެރުމެއް ލިބޭނެއެވެ! އިން ޝާ ﷲ

"މިއީ އެ ފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށްހުރި ހިދާޔަތެކެވެ."

(އަލް ބަޤަރާ: 2)  

ދުނިޔޭގައި މީސްތަކުން ލިޔެފައިވާ ހުރިހާ ފޮތްތަކާއި ކީރިތި ޤްރްޢާނުގެ ފެށުން އެކަނިވެސް ވަރަށް ބޮޑަށް ތަފާތު ނޫންހެއްޔެވެ؟ ދުނިޔޭގެ އެންމެ މަޝުހޫރުކަންބޮޑު މީސްމީހުން ނުވަތަ އެންމެ ބޮޑެތި ޖަމިއްޔާތަކުން ނެރޭ ފޮތްތައް ނެރޭއިރު ފުރަތަމަ މަސައްކަތްކުރަނީ އެފޮތް ލިޔަން ކުރި މަސައްކަތް ބަޔާންކޮށް މީސްތްކުންގެ ތަޢްރީފްހޯދުމަށެވެ. 

ދެން އަވަސްވެގަންނާނީ ފޮތް ލިޔަން އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރުމަށެވެ. މިހެން ގޮސް އެތައް ޞަފްޙާތަކެއްގައި އެފަދަ ބަނދިވަރުތައް ލިޔެ ނިންމާލަމުން ބުނާނެއެވެ. "މިފޮތް އެކުލަވާލަން އަހުރެން ކުރި ބޮޑު، ބުރަ މަސައްކަތް މިކިޔައިދިނީއެވެ. މިފޮތް ލިޔެފައިވާނީ ވަރަށް ގިނަ ކަންކަމަށް ބަލައިގެންނެވެ. ވަރަށް ގިނަ ދިރާސާތައްކޮށްގެންނެވެ. އެހެންކަމާއިއެކުވެސް މި ފޮތުގައި ކުށެއް ލިޔެވިފައި އޮވެދާނެއެވެ. އިޞްލާޙްކުރަން ޖެހޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އަންގާލަ ދިނުން ވަރަށް ބޮޑަށް އެދެމެވެ. އިތުރު މައުލޫމާތު ލިބޭވަރަކުން އައު އެޑިޝަންތައްވެސް ނެރެމުން ގެންދާނަމެވެ.  

ނަމަވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅު މުޅިންތަފަތާވެ! ފުރަތަމަވެސް މި ވަޙީކުރައްވަވަނީ މިފޮތުގައިވާ އެއްވެސް ކަމަކަށް އެއްވެސް މިންވަރަކަށް ޝައކުކުރުމެއް ނެތެވެ. އޮތީ ޔަޤީންކުރުމެވެ. މިފޮތް ޤަބޫލުކޮށް ފޮތުގައި ހިފަހައްޓައި ތިމަން ﷲ ގެ ޙުކުމްފުޅުތަކަށް ޢަމަލުކޮށްފިނަމަ އެމީހަކު އެވަނީ ހިދާޔަތު ލިބިގެންވާ މީހުންގެތެރެއިންނެވެ. މިފޮތަކީ މީސްތަކުންނަށް ހިދާޔަތު ދައްކައިދޭނެ އަލިގަދަ ދަންމަރެވެ. 

ދުނިޔޭގައި މިއަދު އެންމެ ގިނަބައަކު ހިތުދަސް، އެންމެ ގިނަބައަކު ކިޔަވާ ފޮތް ކަމުގައިވާ ކީރިތި ޤުރްއާން ބާވައިލައްވަވަން އެހެން ބައެއްގެ އެހީތެރިކަން ހޯދެއްވިކަމަށްވެސް ނެތެވެ. އެކަން އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެކަލާނގެއީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ކޮންމެ ކަމެއް މިންވަރުކުރައްވަވާ ރަސްކަލާނގެއެވެ. ބޭނުންފުޅުވެ ވޮޑިގެންނެވި ކޮންމެ ކަމެއްވެސް ކުރެއްވެވުމުގެ ފުރިހަމަ ބާރުތަކާއި އިޚްތިޔާރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެއްވެސް ކަމެއްގައި އެހެން އެއްވެސް ފަރާތަކުން ޛައްރެއްގެ މިންވަރުންވެސް އެހީތެރިކަމަށް ބޭނުންފުޅުވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.  

ދެން ނިކަން ބުނެބަލާށެވެ! އަހުރެމެންގެ ދެދުނިޔެ އަލިކޮށްދެއްވެވުމަށްޓަކައި ﷲ ތައާލާ އަހަރެމެންނަށް ދެއްވަވާފައިވާ ޤުރްއާން ނުވަތަ އަލިގަދަ ދަންމަރުގެ ބޭނުން ނުހިފާނީ މޮޔައިން ނޫންހެއްޔެވެ؟ މިޒަމާނުގެ ޢިބާރާތުންނަމަ ﷲ ތަޢާލާ އެންމެހައި މީސްތަކުންނަށް ގޮންޖައްސަވައި އެ ވަޙީކުރައްވަވަނީ މިއީ (ޤުރްއާނަކީ) އެއްވެސް ޝައްކެއް ނެތް މިންވަރަށް، ޔަޤީންމިންވަރަށް ޙައްޤު ތެދުމަގު ކަމަށެވެ.  

1450 އަހަރު ފާއިތުވެގެންދާއިރުވެސް މިއަދާއި ހަމައަށްވެސް އެ ފޮތުން ހަމައެއްވެސް ކުށެއް ނުދެއްކުނުތަނުގައި އެއްވެސް މިންވަރެއްގެ ޝައްކެއްވެސް އުފެއްދުވިފައެއް ނުވެއެވެ. ހޯދި ވަރަކަށް އެނގި ޘާބިތުވަމުން އަންނަނީ އެފޮތުގެ ޞައްޙަކަމެވެ. އެފޮތުގައި ހުރީ އެއްވެސް މިންވަރަކަށް ޝައްކެއް ކުރަން ނުޖެހޭނެ ޔަޤީން ވާހަކަތަކެއް ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން