﴿11﴾ وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ
"އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ އިޞްލާޙްކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ." (އަލް ބަޤަރާ: 11)
މިއާޔަތް ވަޙީކުރެއްވެވި ޒަމާނުގައި އެގޮތަށް ބުނަމުން އައީ މަދުބައަކު ނަމަވެސް މިއަދު މިވަނީ އެކަން ބަދަލުވެ ގިނަ ބައަކު ބުނާބަހަކަށް ބަދަލުވެފައެވެ. ފިލައި ފޮރުވިގެން ތިބެ ފަސާދަކުރާމީހުން ގިނަވެފައެވެ.
މުޖުތަމަޢު ފަސާދަނުކުރާށޭ، ފަސާދަވުމުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރާށޭ ބުނެވިއްޖެނަމަ ބިރެއްނެތި ބުނެލާނީ ތިމަންމެންނަކީ ﷲ ތަޢާލާގެ ދީން ޙިމާޔަތްކޮށް މަތިވެރިކުރަން މަސައްކަތްކުރާ ބައަކު ކަމަށެވެ. ކެނޑިނޭޅި މަސައްކަތްކުރަނީ މުޖުތަމަޢު ފަސާދައިން ސަލާމަތްކުރުވަން ކަމަށެވެ.
ސުވާލަކީ އެމީހުން އެހަދަނީ ބޮޑު ދޮގެއްކަން ﷲ ތަޢާލާ ދެނެވޮޑިގެން ނުވާކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުންނުވާނެއެވެ. މޭއިރައިގެން ހިތްބެލިނަމަވެސް ހިތުގައި އޮތް އެއްޗެއް ނުއެނގޭނެއެވެ. ނަމަވެސް އެހިތުގައިވާ އެއްޗެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ކުރާ ޢަމަލުތަކުގެ އިތުރުން އެމީހާގެ ނިޔަތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
މީސްތަކުންނޭވެ! ފާފަކުރުމާއި ދުރުހެލިވާށެވެ! ފަސާދަ ނުކުރާށެވެ! ފަސާދައިން ސަލާމްވުމަށާއި އެހެން މީހުން ސަލާމަތްކުރަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ! ފަސާދައަކަށްވެދާނެ ކިތަންމެ ކުޑަކުޑަ ޢަމަލެއް ނަމަވެސް ނުކުރާށެވެ! ޖަވާބުދާރީވާންޖެހޭނެ ދުވަހަށް ބިރުވެތިވާށެވެ!
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ފަސާދަކުރާ މީހުންގެ ޢަމަލުތަކަށް އެކަލާނގެ ބައްލަވައިވޮޑިގެންވާ ކަމަށެވެ. އިރާދަކުރައްވަވައިފިނަމަ ދުނިޔޭގައިވެސް އެމީހަކު ހިއްޕަވާނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން