ދަރިންގެ މެދުގަ ތަފާތުކުރުމަކީ ދަރިންނަށް ދެވޭ އަނިޔާއެއް!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ދަރިންގެ މެދުގަ ތަފާތުކުރުމަކީ ދަރިންނަށް ދެވޭ އަނިޔާއެއް!: ޙަދީޘް

އިސްލާމްދީނުގައި ދަރިން ތަފާތުކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އިސްލާމްދީން އަންގަވާފައިވަނީ ހުރިހާ ކުދިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމަށެވެ. ބުޚާރީ އާއި މުސްލިމް ގައި އައްނުޢްމާން ބިން ބަޝީރު ގެ ކިބައިން ރިވާވެގެންވެއެވެ.  

"ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ އަރިހަށް ނުޢުމާން ބިން ބަޝީރުގެ ބައްޕަ އެކަލޭގެފާނައިގެން ވަޑައިގެން ދެންނެވިއެވެ. "ތިމަންނާގެ މިލްކުގައިވާ ޣުލާމް މިދަރިފުޅަށް ދީފީމެވެ". އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިބާގެ ހުރިހާ ކުދިންނަށް ވެސް ހަމަ މިފަދައިން ދިނިން ހެއްޔެވެ؟"، ނުޢުމާނުގެ ބައްޕާ ދެންނެވިއެވެ. "ނޫނެކެވެ"، ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ހިބަ އަނބުރާ ގެންދާށެވެ".

އެހެން ރިވާޔަތެއްގައިވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އޭ ބަޝީރެވެ. ތިބާގެ މިނޫނަސް ދަރިން ތިބޭހެއްޔެވެ؟"، ބަޝީރު ދެންނެވިއެވެ. "އާދޭހެވެ"، ޙަދީޘް ކުރެއްވިއެވެ. " އެހުރިހާ ކުދިންނަށް ހަމަ މިފަދައިން ދިނިންހެއްޔެވެ؟"، ބަޝީރު ދެންނެވިއެވެ. "ނޫނެކެވެ"، ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ މިކަމުގައި ތިމަންކަލޭގެފާނު ހެކިނުކުރައްވާށެވެ. ހަމަކަށަވަރުން އަނިޔާވެރިވުމަކަށް ތިމަންކަލޭގެފާނު ހެކިވެރިއެއްނުވަމެވެ".

އިސްވެދިޔަ ޙަދީޘް އިން ވަރަށް ޞަރީޙަކޮށް އެގެން އޮތް ގޮތުގައި ދަރިންގެ މެދުގައި ތަފާތު ކުރުމަކީ އެކުދިންގެ ޙައްގުގައި ވެވޭ އަނިޔާވެރިކަމެކެވެ. އެހެންކަމުން ހުރިހާ ކުދިންގެ މެދުގައި ހަމަހަމައަށް ކަންތައް ކުރަންވާނެއެވެ. ވަކި ދަރިޔަކު ތަފާތުކޮށްގެން ނުވާނެއެވެ.

ދެންއޮތީ ދަރިންގެ މެދުގައި ތަފާތުކޮށް ކަންތައްކުރާ މައިންބަފައިންނާއިމެދު، ދަރިން ކަންތައް ބަހައްޓަންވީ ގޮތުގެވާހަކައެވެ. ދަންނައެވެ. މައިންބަފައިން ދަރިންނަށް އަނިޔާވެރިވުމަކީ ދަރިން މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްގުތައް ދޫކޮށްލަންޖެހޭ ކަމެއްނޫނެވެ. މައިންބަފައިންގެ މައްޗަށްވާޖިބުވެގެންވަނީ ދަރިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމެވެ. ހަމައެފަދައިން ދަރިންގެ މައްޗަށް ވާޖިބުވެގެންވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.

މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް، އެންމެ މަތިވެރި، އަދި އެންމެ ލޮބުވެތިކަންބޮޑު އެއް ޢަމަލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެއްވެސް މީހަކު އެމީހެއްގެ ބައްޕަ އަޅެއްގެ ގޮތުގައިވަނިކޮށް މިނިވަންކޮށްފުމަށް ދާންދެން ބައްޕަ ކޮށްދިން ހެޔޮކަންތަކުގެ ބަދަލު ދިންކަމަކަށް ނުވާނެއެވެ".

އެހެންކަމުން މައިންބަފައިންގެ ޙައްގުތަކަކީ ވަރަށް މަތިވެރި ޙައްގުތަކެކެވެ. މައިންބަފައިންނަށް އަބަދާއި އަބަދު ހެޔޮ ދުޢާކޮށްދޭން ޖެހެއެވެ. އެގޮތުން މައިންބަފައިން ދަރިންގެ މެދުގައި ތަފާތުކުރިކަމުގައިވީނަމަވެސް ތިމާގެ މައްޗަށް ވާޖިބުވެފައިވާ ކަންތައް ފުރިހަމަ އަށް އަދާ ކުރާށެވެ. އަދި މައިންބަފައިންނަށް ޙައްގު ވިސްނޭތޯ ހެޔޮ ދުޢާކޮށްދޭށެވެ. ﷲ ހިދާޔަތް ދައްކަވާށިއެވެ. އާމީން. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ޢާއިލާ ތެރޭގައި ހަމަނުޖެހުމާ ބައިބައިވުން މައިންބަފައިންގެ ސަބަބުން އުފެދޭނަމަ އެކަމުގެ ޙުކުމަކީ ކޮބާތޯއެވެ؟

ދަރިން ތަފާތު ކުރުމާ އަދި ދަރިންގެ މެދުގައި އަނެއްދަރިފުޅުގެ ގޯސް ވާހަކަތައް ދައްކާއި ދަރިންގެ މެދުގައި އޮންނަންޖެހޭ ޢާއިލީ ގުޅުން މައިންބަފައިންގެ ސަބަބުން ނެތިދާނަމަ ކަންތައްތައް ކުރަންވީ ގޮތަކީ ކޮބާތޯ؟

އަދި ގޭތެރޭގެ މައްސަލަތައް ބޭރުގައި ދައްކާ މައިންބަފައިންނާމެދު ކަންތައްތައްކުރަންވީ ގޮތަކީ ކޮބައިތޯ؟

 

މިއަދު އޮންލައިން