މުރަނގަފަތް: ނުކައި ދޫކޮށްލާވަރަށްވުރެ މާގިނަ ފައިދާތައް ލިބޭ ފަތެއް-!

ކިޔުމަށް ހޭދަވާނީ 3މ 55ސ
މުރަނގަފަތް: ނުކައި ދޫކޮށްލާވަރަށްވުރެ މާގިނަ ފައިދާތައް ލިބޭ ފަތެއް-!

އުންމު ނަވާރު 

މުރަނގަފަތަކީ ކުރީ ޒަމަނުއްސުރެއް ދިވެހިން ކެއިންބުއިމުގަ ބޭނުންކުރަމުން އަންނަ ފަތެކެވެ. ދިވެހި ބޮޑެތި ކެއުންތައް ހަދާއިރުވެސް، މުރަނގަފަތްކޮޅެއް ތެލުލާފައި ނެތިއްޔާ ކެއުންގަނޑު ފުރިހަމަވެގެން ނުދެއެވެ. ނަމަވެސް މިއަދު މި ގެނެސްދެނީ ތެލުނުލާ ހުންނަ ރޯމުރަނގަފަތާއި ، އެފަތް ކެއުމުން ލިބޭ ގިނަގުނަ ފައިދާތަކާއި ބެހޭގޮތުންނެވެ. 

މުރަނގަފަތަކީ ގިނަ މަސައްކަތްތަކާއި ނުލައި ފަސޭހައިން ހެދޭ ފަތެކެވެ. ރަށްފުށުގައި ފަސޭހައިން ލިބެން ހުންނަ ފަތެކެވެ. އަދި އެހާމެ ގިނަގުނަ ފައިދާތައް ސިއްހަތަށް ލިއްބައިދޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ގިނަ ގުނަ ވިޓަމިންތަކާއި މަޢުދަންތައް މިފަތުގައި އުކުލެވެއެވެ.     

ގިނަ މީހުނަނަކީ އުމުރުގެ ކޮންމެވެސް ހިސާބަކުން ކަށީގެ މައްސަލަތައް ކުރިމަތިވާ މީހުންނެވެ. މިކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް މުރަނގަފަތުން ލިއްބައިދެއެވެ. އެގޮތުން މުރަނގަފަތަކީ ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ ފަތެކެވެ. ކެލްސިއަމްއަކީ ކަށިތައް ވަރުގަދަ ކުރުމަށްޓައި ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. ކެލްސިއަމް އެހެނިހެން މާއްދާތަކާއި ގުޅިގެން ކަށިތައް ވަރުގަދަކޮށްދެއެވެ. ކެލްސިއަމްގެ ކުޑަ މިންވަރެއް ލެއާއި އެކުވެ ހިތާއި، މަސްތަކާއި، ލެއާއި އަދި ނާރު ދުޅަހެޔޮ ސިއްހަތެއްގައި މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ. ކަށިތައް މަސއްކަތްކުރަނީ ކެލްސިއަމް ރައްކާކޮންފައިވާ ބޭންކެއް ފަދައިންނެވެ. ކެއުމުގައި އެކަށީގެންވާ މިންވަރަށް ކެލްސިއަމް ނުހިމެނޭނަމަ، ދެން ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ހަށިގަނޑަށް ނަގަނީ ކަށީގައި ރައްކާކުރެވިފައިވާ ކެލްސިއަމްގެ ތެރެއިންނެވެ. މިހެންވުމުގެ ސަބަބުން ކަށިތަކުގެ ބާރުދެރަވެއެވެ. މުރަނގަފަތުން ވިޓަމިން ޑީ ލިއްބައިދެއެވެ. ދުޅަހެޔޮ ވަރުގަދަ ކަށިތަކެއް ބިނާ ކުރުމަށް ވިޓަމިން ޑީ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ކެލްސިއަމް ހަށިގަނޑަށް ނަގައިދެނީ ވިޓަމިން ޑީއެވެ. ވިޓަމިން ޑީގެ އިތުރުން ވިޓަމިން ކޭ ވެސް މުރަނގަފަތުން ލިއްބައިދެއެވެ. ވިޓަމިން ކޭ    ކަށިތައް އުފައްދައި ދިނުމަށާއި ކަށިތަކުގައި ހުންނަ ކެލްސިއަމް ކަށިތަކުން ދިއުމުން ސަލާމަތްކޮށްދެއެވެ.                 

ހަކުރު ބައްޔާއި ކޮލެސްޓްރޯލް ބައްޔަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ދެ ބައްޔެވެ. މުރަނގަފަތުގައި އެލުލެވޭ މާއްދާއަކުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. މުރަނގަފަތަކީ ކޮލެސްޓްރޯލް މަތިވާ މީހުން ބޭނުންކުރުމަށް ރަނގަޅު ފަތެކެވެ. ހިތުގެ ގިނަ މައްސަލަތައް ކޮލެސްޓްރޯލް މަތިވުމުން ކުރިމަތިވެއެވެ. މުރަނގަފަތުން ކޮލެސްޓްރޯލް މަތިވުމުން ރައްކާތެރިކޮށްދެއެވެ.                

މުރަނގަފަތަކީ ހަޖަމްކުރުމުގެ ނިޒާމްއަށް ދިމާވާ އެކިއެކި ބަލިތަކަށް ފައިދާހުރި ފަތެކެވެ. ބަނޑުހަރުވެ ބޮޑުކަމުދާން އުދަނގޫވާ އަދި ވައިގެ އުދަނގޫ ތަހައްމަލުކުރަމުންދާ ބޭފުޅުން ކެއެމުގައި މުރަނގަފަތް ބޭނުންކުރުން އެދެވިގެންވެއެވެ. ތަފާތު އެކި ބޭސްތައް ބޭނުން ނުކޮށް މުރަނގަފަތުގެ އަޖުމަބަލާލާށެވެ.

ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވާލަން އުދަނގޫވެގެން އަބަދުވެސް ކޮންމެވެސް ޑައިޓްއެއްގަ މީހުން އުޅޭ ވާހަކަ ވަރަށް ގިނައިން އަޑުއަހަމެވެ. މުރަނގަފަތް ބޭނުންކުރުމުން ހަށިގަނޑުން ސަރުބީ ވިރުވާލާ މިންވަރު އިތުރުކޮށެދެއެވެ. ހަށިގަނޑުން ހަކަތަ ދަންނުކޮށްލާ ހިކުމަށް އެހީތެރިވެދެއެވެ. އަދި ގިނައިން ކާހިންވުން ކުޑަކޮށްދީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ.    

މުރަނގަފަތުން އިސްތައްޓަށާއި ގައިގެ ހަންގަނޑަށް ގިނަގުނަ ފައިދާ ލިއްބައިދެއެވެ. އިސްތަށިގަނޑަށް އުޖާލާކަން ގެނަސްދީ އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލުތަކާއި އަދި ހަންގަނޑު ރޫ ޖެހުން ކުޑަކޮށްދިނުމަށް މުރަނގަފަތް އެހީތެރިވެއެވެ. މުރަނގަފަތް ޗިސްކޮށްލާފައި ބޮލުގެ އިސްތަށިގަނޑުގައި އުގުޅުމުން ބޮލުގައި ހަންފޮޅުން ކުޑަކޮށްދެއެވެ. މީގެ އިތުރުން ހަންގަނޑުގެ ކުލަ އަލިކޮށްދެއެވެ. މޫނުގައާއި އިސްތަށިގަނޑުގައި އުނގުޅާ ގިނަ އުފެއްދުންތަކުގައި މުރަނގަފަތް ބޭނުކޮށްފައި ހުރެއެވެ.            

އާންމު ގޮތެއްގައި މުރަނގަފަތަކީ ގިނަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާއި އަދި އެހެނިހެން މީހުންވެސް ކެއުމުގައި ބޭނުންކުރުމަށް ރައްކާތެރި ފަތެކެވެ. މިފަތް ކެއުމުން އެހެންޔާނުވާ އުދަގުލެއް ދިމާވާނަމަ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާލަންވާނެއެވެ. ބައެއް ބޭފުޅުންނާއި މިފަތް ނުގުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމާނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައޫލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގެ މަސައްކުރާފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.

ލިޔުނީ: އުންމު ނަވާރު

“Calcium & Bone Health” (2022) Healthy Bones Australia, 21 October.

“Moringa leaves - 16 health benefits that you should know” (2023) PharmEasy Blog, 4 April.

މިއަދު އޮންލައިން