ޢަލީ އިޙްޞާން ފިރާޤް
އުއްމުލް މުއުމިނީން ޢާއިޝަތުގެފާނަކީ ވަރަށް ހިތްވަރުފުޅުގަދަ ބޭކަނބަލެކެވެ. ވަރަށް ގިނަ ރޭރޭ ޖަންނަތުލް ބަޤީޢުއަށް ވަޑައިގެން މަރުވެފައިވާ މީސްތަކުންނަށް ހެޔޮ ދުޢާފުޅުކޮށް ހައްދަވައެވެ. ހަނގުރާމައިގެ މައިދާނަށްވަޑައިގެން މުޖާހިދުންނަށް ފެންފޯރުކޮށްދެއްވައި ހައްދަވައެވެ. ޒަޚަމްވެފައިވާ މުޖާހިދުންނަށް އެހީތެރިވެވަޑައިގެން އުޅުއްވައެވެ. އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ޖިހާދަށް ވަޑައިގެންނެވުމަށް ހުއްދައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަށް އިންކާރު ކުރެއްވެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވީ އަންހެނުންގެ ޖިހާދަކީ ޙައްޖުކަމުގައެވެ.
{ سليمان الندوي، سيرة السيدة عائشة أم المؤمنين رضى الله عنها}
އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއިއެކު ވަރަށް ގިނަ ދަތުރުފުޅުތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. ގިނަ ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. ޚަންދަޤު ހަނގުރާމައާއި، ބަނީޤުރައިޡަތުގެ ހަނގުރާމައާއި، މުސްތަލިޤު ހަނގުރާމައާއި، ޙުދައިބިއްޔާގެ ޞުލްޙައިގައްޔާއި، މައްކާ ފަތަޙަކުރެއްވުގެ މަސައްކަތްޕުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އުޅުއްވިއިރު އެންމެ ގާތުގައި ހުންނެވި އެއް އަންހެންބޭފުޅަކީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ.
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އުޙުދު ހަނގުރާމައިގެ ދުވަހުގައި ބައެއް މީހުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދޫކޮށް ޖިހާދުގެ މައިދާނުން ފިލަން ދުވުނެވެ. އެދުވަހު ޢާއިޝަތުގެފާނާއި، އުއްމު ސުލައިމު، މުސްލިމު މުޖާހިދުންނަށް ފެންހަންތައް އުފުއްލަވައި ދެއްވަނިކޮށް އަހަރެން ދުށީމެވެ. އެބޭކަނބަލުން ފެންހަންތައް ހިއްޕަވައިގެން ވަޑައިގެން މުޖާހިދުންނަށް ބޯންދެއްވައެވެ.]
{ބުޚާރީ، كتاب الجهاد والسير، باب غَزْوِ النِّسَاءِ وَقِتَالِهِنَّ مَعَ الرِّجَالِ، ޙަދީޘް 2880}