ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ އަޅުކަން ކުރެއްވުން ހުރި ގޮތުގެ ތަފްސީލު

ކިޔުމަށް ހޭދަވާނީ 2މ 3ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ އަޅުކަން ކުރެއްވުން ހުރި ގޮތުގެ ތަފްސީލު

ޢަލީ އިޙްޞާން ފިރާޤް

 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ، ވަރަށް އަޅުވެރި، އަޅުކަންތައްތައް ކުރުމުގައި ދެމިހުންނެވި ބޭކަނބަލެކެވެ. އަޅުކަމުގެ ކޮންމެ ކަމެއްގައިމެ، އެންމެ ފުރިހަމައަށް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ސުންނަތަށް ތަބާވެވަޑައިގެންނެވި ބޭކަނބަލެކެވެ. 

ޢުރުވަތު ބިން ޒުބައިރު ވިދާޅުވެފައިވެއެވެ. އަހަރެން ހެނދުނުގެ ވަގުތުގައި ތަނަކަށް ދަނީނަމަ އެންމެ ފުރަތަމަ އަހަރެންގެ ބޮޑުދައިތާފުޅު ޢާއިޝަތުގެފާނުގެ އަރިހަށް ގޮސް ސަލާމް ދަންނަވައިފައިނޫނީ އެތަނަކަށް ނުދަމެވެ. އެއްދުވަހަކު އަހަރެން އެކަމަނާގެ އަރިހަށް ދިޔައިރު އިންނެވީ ނަމާދުފުޅު ކުރެއްވުމާއި، ތަޞްބީޙަ ދެންނެވުމާއި، ޤުރްއާން ކިޔަވައި ވިދާޅުވުމުގައްޔާއި، އަސްތަޣްފާރު ކުރެއްވުމުގައެވެ. އަހަރެން ބާޒާރަށް ގޮސް އައިއިރުވެސް އިންނެވީ އެ ޙާލުކޮޅުގައެވެ. އޭރު ދުޢާފުޅު ކުރައްވައި ވިދާޅުވަމުން ގެންދަވައެވެ. [ތިމަންކަމަނާއަށް ލައިލަތުލް ޤަދުރިވިލޭރެއާ ދިމާވެއްޖެނަމަ، ތިމަންކަމަނާ މާތް ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވާނީ، އިސްވެގޮސްފައިވާ ފާފަތައް ފުއްސަވައި ދެއްވުމަށާއި، ފުރިހަމަ ޞިއްޙަތެއް ދެއްވުމަށެވެ.]

{އަބޫ ނުޢުމާން، ޙިލްޔަތު އަލް އައުލިޔާއު، ވޮލިޔުމް 2، ޞަފްޙާ 49 } 

ޢާއިޝަތުގެފާނަކީ ހިތްޕުޅުމަޑު ބޭކަނބަލެކެވެ. އެކަމަނާގެ ހިތްޕުޅުގައި އަރަހުށި މާތްﷲ ގެ ރަސްކަންފުޅާމެދު ބިރުވެރިކަން އޮވެއެވެ. ގިނަގިނައިން ނަމާދު ކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން އުޅުއްވުމަކީ އެކަމަނާގެ އުފާފުޅެކެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ޒަމާނުގައި އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެކަމަނާ ބަރާބަރަށް ތަހައްޖުދު ނަމާދުފުޅު ކުރައްވަމުން ގެންދެވިއެވެ. އެކަމަނާއަށް ތަހައްޖުދު ނަމާދަށް ހޭފުޅުނުލެވިއްޖެނަމަ، ޟުޙާ ނަމާދުގެ ކުރިން އެކަމަނާ އެނަމާދު އަލުން ކުރައްވައެވެ.  

ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރެއްވުމަކީ އެކަމަނާ ގަވައިދުން ކުރެއްވެވި ކަމެކެވެ. އެކަމަނާ ވަރަށް ގިނައިން ރޯދަފުޅު ހިއްޕަވައެވެ. ކުޅަދާނަކަން ލިބިވަޑައިގެންނެވި ކޮންމެ އަހަރަކު ޙައްޖުވެވަޑައިގެންނެވިއެވެ. ޢަރާފަތްދުވަހު ގަދަ ހޫނުގައިވެސް، އިސްތަށިފުޅަށް ފެންވިސަވައިގެން ރޯދަފުޅަށް ހުންނަވައެވެ.

{ سليمان الندوي، سيرة السيدة عائشة أم المؤمنين رضى الله عنها}

 

މިއަދު އޮންލައިން