ގޭގައި ނެތި ގޭގަ ހިނގާ ކަންކަން ފައިގެ ފަލަމަސްގަނޑު ބުނެދިނުން- މިހާރުވެސް ހިނގަމުންދާ ފަހުޒަމާނުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ގޭގައި ނެތި ގޭގަ ހިނގާ ކަންކަން ފައިގެ ފަލަމަސްގަނޑު ބުނެދިނުން- މިހާރުވެސް ހިނގަމުންދާ ފަހުޒަމާނުގެ ޢަލާމާތެއް!

ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ބައެއް ކަންކަން ޙަދީޘްފުޅުކުރައްވަވާފައިވާ ގޮތުން ލަފްޒުން ލަފްޒަށް މާނަކޮށްފިނަމަ ސުވާލު އުފެދިދާނެއެވެ. ނަމަވެސް މިއަދުގެ ޓެކްނޮލޮޖީއާއި ގުޅުވައިގެން ވިސްނައިފިނަމަ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. 

މިޘާލަކަށް މީހަކު ހެނދުނު ގެއިން ނުކުމެގެންދާފަހުން ގޭގައި ހިނގާ ކަންކަމުގެ ވާހަކަ ފައިގެ ފަލަމަސްގަނޑު ބުނެދޭނެކަމަށް އޮތުމުން ފަލަމަސްގަނޑު ވާހަކަދައްކާނެކަމާއިމެދު ސުވާލު އުފެއްދިދާނެއެވެ. ނަމަވެސް އެއީ މޯބައިލްފޯނު ކަމަށް ނުވަތަ ގޭގައި ހަރުކުރެވިފައިވާ ކެމެރާތައް ކަމަށް ބަލައިފިނަމަ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. 

ގޭގައި ހަރުކުރެވިފައިވާ ކެމެރާތާއް ގޭގައި ހުރިނަމަވެސް، ތިމާ އުޅެނީ ގެއާއި ކިތަންމެ ދުރުގައި ނަމަވެސް ގޭގައި ހިނގާ ހުރިހާ ކަންކަން ފޯނުން އެބަ ބަލައިލެވެއެވެ. ފޯނު ޢާންމު ގޮތެއްގައި ގެންގުޅެނީ ފަޓުލޫނުގެ ޖީބުގައެވެ. ޖީބު މިއިންނަނީ ފައިގެ ފަލަމަސްގަނޑުގައި ޖެހިފައެވެ. 

އެހެންކަމަށްވުމުން މިވާހަކަތައް ކިހައިބޮޑަށް އެބަދިމާވޭހެއްޔެވެ؟ ޢަރަބި ބަހުގައި މިބާވަތުގެ ބަސްތައް ވަރަށް ގިނައިން ބޭނުން ކުރެވެއެވެ. މިޘާލަކަށް ބޮލުގެކުލަ ހުދުވުން އޮންނައިރު ބޯހުދެއްނުވެއެވެ. ހުދުވަނީ އިސްތަށްޓެވެ. 

މީސްތަކުންނޭވެ! މިއީ މިއަދުވެސް ފެނި އެނގެމުންދާ ކަންކަމެވެ. އަދި ފަހުން ބަދަލުވާނެ ގޮތެއް، ދުނިޔެ ނިމިގެންދާއިރު މިކަންކަން ހިނގާނެ ގޮތެއް ވިސްނަން ނުވެސް އެނގޭނެއެވެ. އަދިވެސް މިޘާލެއް ބުނެލާނަމެވެ. 

ދުރު ކައިރިވާނެކަމަށް ބުނެވޭ ބުނުމެވެ. އެއީ ދުނިޔެ ކުޑަވެގެންގޮސް ކައިރިވުމެއް ނޫނެވެ. ދުނިޔެ މިހާރުވެސް ކުޑަނުވާހެއްޔެވެ؟ ކިތަންމެ ދުރުގައިހުރިނަމަވެސް އެބަ ވާހަކަދެއްކެއެވެ. ހިނގާ ކަންކަން އެބަ ލޮލުން ބަލައިލެވެއެވެ. ވީމާ ދުރު ކައިރިވާން ކޮންމެހެން ދުނިޔޭގެ ސައިޒު ކުޑަވާކަށް ނުޖެހޭ ނޫންހެއްޔެވެ؟ 

އަދިވެސް އިތުރު މިޘާލެއް ބުނެފާނަމެވެ. ކުރީ ޒަމާނުގައި ޙައްޖަށް ދިއުމަކީ އެތައް މަސްދުވަހެއްގެ ދަތުރަކުން ކުރެވޭކަމެކެވެ. ވަރަށް ބޮޑެތި ތަކްލީފްތައް ގިނަ ދުވަސްތަކެއްވަންދެން އުފުލައިގެން ކުރެވޭކަމެކެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެންމެ ދުރުހިސާބުންވެސް، ނުހަނު އަރާމުގައި އިނދެގެން ކުރާ 4،5 ގަޑިއިރުގެ ދަތުރަކުން އެބަ ޙައްޖަށް ދެވެއެވެ. 

ދުނިޔޭގެ ސައިޒު އޮތީ ހަމަ އޮތްވަރަށެވެ. އެހެންކަމާއިއެކުވެސް ދުރު ކައިރިނުވޭހެއްޔެވެ؟ 

މީސްތަކުންނޭވެ! ޢިބްރަތް ޙާޞިލްކުރާށެވެ! އެކިއެކި ކަންކަމާއި ގުޅޭގޮތުން ކުރައްވަވާފައިވާ ޙަދީޘްފުޅުތަކުގައި އެވަނީ ހަމަ ތެދު ވާހަކަތަކެވެ. ހިނގާނެ ކަންކަމުގެ ވާހަކަތަކެވެ. އަހުރެމެންނަށް އަދިވެސް ބައެއް ކަންކަން ވިސްނައި ނުގަނެވެނީއެވެ. އެއީ ޙަދީޘްފުޅުތަކުގައި ހުރި މައްސަލައެއް ނޫނެވެ. އަހުރެމެންގެ ކިބައިގައި ހުރި އުނިކަމެވެ. 

- ޝައިޚް ހަމްޒާ ޔޫސުފްގެ ދަރުސަކުން 

 

 

މިއަދު އޮންލައިން