ނަމާދަށް ފަރުވާކުޑަކުރެވުމާ ޙަރާމް ކަންކަން ކުރުން ޢާންމުވުން- ނަރަކައަށް ބިރެއް ނެތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ނަމާދަށް ފަރުވާކުޑަކުރެވުމާ ޙަރާމް ކަންކަން ކުރުން ޢާންމުވުން- ނަރަކައަށް ބިރެއް ނެތުން!

މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ނަމާދުކުރާނީ އެމީހަކަށް ފައިސާ ލިބެންހުރި ހުރިހާ ކަންކަމެއް ކުރުމަށްފަހުގައެވެ. ކުރަންހުރި މަސައްކަތެއް ކޮށްނިމުމުންނެވެ. އަދި އެހާލަތުގައި ނަމާދުކުރާއިރުވެސް ނަމާދުކުރާނީ އެއްވެސް ފަރުވާލެއް ނުބަހައްޓައި އަވަސްއަރުވާލައިގެންނެވެ. ކަމަކަށް ކަމެއްކުރާ އުޞޫލުންނެވެ. 

މިޙާލަތު ބައްދަލުކުރުމަކީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ މީސްތަކުންގެ ޢަމަލުތަކަށް އަންނަމުންމިދާ ބަދަލުތަކުގެ ތެރެއިން ޙަރާމް ކަންކަން ކުރަން ބިރުނުގަތުން، ޖެހިލުން ނުވުން ފަދަ ކަންކަމަކީވެސް ފަހުޒަމާނުގެ ޢަލާމާތްތަކެވެ. 

މިއަދު ބައެއް މީހުން ބުނަނީ އިސްލާމްދީނުގައި ވަރަށް ގިނަ ކަންކަން ޙަރާމްވެގެންވާ ކަމަށެވެ. އަދި އެއީ އެމީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. މިހެން މިވަނީ އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަންކަން ގިނަވުމަކުން ނޫނެވެ. ޙަރާމް ކަންކަން ކުރަން ބޭނުންވުން އިތުރުވުމުންނެވެ. 

އިސްލާމް ދިނަށް އެންމެ ފުރިހަމަ ގޮތުގައި ޢަމަލުކުރަމުން އައި ރަސޫލް ގެ ޒަމާނުގައިވެސް އަދި ޞަޙާބީންގެ ޒަމާނުގައިވެސް ޙަރާމްވެގެން ނުވާ އެއްވެސް ކަމެއް މިއަދަކުވެސް ޙަރާމްވެގެނެއް ނުވެއެވެ. ވީމާ ޙަރާމް ކަންކަމުގެ ލިސްޓް އޮތީ ހަމަ އޮތްވަރަށެވެ. އެއްވެސް ވަރަކަށް އިތުރެއް ނުވެއެވެ. 

މީސްތަކުންނޭވެ! ނަރަކައިގެ ޖާގައެއް ނުފުރޭނެއެވެ. ވީމާ ކިތަންމެ ގިނަ ބައަކު ފާފަކުރުމަކުން ނަރަކައަކަށް އެއްވެސް މައްސަލައެއް ނެތެވެ. ނަރަކައަށް މީހުންތައް އުކައިލެވޭވަރަކަށް ނަރަކަ ދާނީ އިތުރު މީހުންނަށް އެދި ދަންނަވަމުންނެވެ. އެކަން ނަރަކަ ހުއްޓައިލާނީ ﷲ ތަޢާލާ ފައިންޕުޅުން ޖެއްސެވުމުންނެވެ. 

ވީމާ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް އެއީ ޙަލާލްކަމަށް ހަދައި ހުއްދަކުރަން ނުއުޅޭށެވެ. ތިމާ އެކަމެއް ކުރަން ބޭނުންވުމުން އެއީ ހުއްދަކަމެއް ކަމަށް ހަދަން ނުއުޅޭށެވެ! ޙަރާމް ކަންކަމާއި ހުއްދަ ކަންކަމުގެ ލިސްޓަށް އުނިއިތުރެއް ނުގެނެވޭނެއެވެ! އެކަން ދެމިއޮންނާނީ ﷲ ތަޢާލާ އެކަންކަން ނިންމަވާފައިވާ ގޮތަށެވެ. 

ޙަރާމްކަންކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. ޙަރާމްކަންކަން ކޮށްގެން ނަރަކައަށް ވަންނަންޖެހޭނެ މީހަކަށްވުމާއި ނުވުމުގެ އިޚްތިޔާރު ވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ނިޔާ އިއްވަވާނީ އެމީހަކު ދުނިޔޭގައި ހުރެ ޢަމަލުކުރި ގޮތެއްގެ މައްޗަށެވެ. 

އާދޭސްކޮށްފައި ބުނަމެވެ! ކޮންމެ މީހަކުވެސް ތިމާއާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙަރާމް ކުރައްވަވާފައިވާ ކައިރިވެސް ނުވާށެވެ! ނަމާދުތަކަށް ފުރިހަމަ ގޮތުގައި ރައްކައުތެރިވެގެން މެނުވީ ސަލާމަތްކަމެއް ނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން