މިއަދުގެ އާޔަތް: އެމެރިކާގެ ޑޮލަރުގެ ބާރު ކެނޑުމާ ދުނިޔެ ބަނޑަށް ޖެހިގެންދިއުން- ކުރިމަތިވާން އުޅޭ އެންމެ ބޮޑު ނުރައްކާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
މިއަދުގެ އާޔަތް: އެމެރިކާގެ ޑޮލަރުގެ ބާރު ކެނޑުމާ ދުނިޔެ ބަނޑަށް ޖެހިގެންދިއުން- ކުރިމަތިވާން އުޅޭ އެންމެ ބޮޑު ނުރައްކާ!

"އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެއުރެން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، މައްދަންތައް ނެރުމަށް) ތައްޔާރުކުރޫއެވެ. އަދި (މައްކާގެ ގެ މުޝްރިކުން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެއުރެން އެ ބިން އާބާދުކުރޫއެވެ. އަދި އެއުރެންގެ ރަސޫލުން، ފާޅުވެގެންވާ މުޢްޖިޒާތް ތަކާއިގެން، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ﷲ، އެއުރެންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ ނަފްސްތަކަށް އަނިޔާކުރާކަމުގައި ވިއެވެ."

(އައްރޫމް :9) 

މިއަދު މުޅި ދުނިޔެ މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ދުނިޔޭގެ އެންމެ ގިނަބައަކު ބޭނުންކުރާ ފައިސާ އެމެރިކާ ޑޮލަރަކީ ކަރުދާހަށްވާން ގާތްވުމުގެ ޢަލާމާތްތައް ފެންނަން ފަށައިފިއެވެ. އެމެރިކާގެ ފައިސާގެ އަގުހިފަހައްޓަނީ ރަނެވެ. ނަމަވެސް ރަނުގެ ބަދަލުގައި މިއަދު ފައިސާގެ އަގުހިފަހައްޓަނީ ތެލެވެ.

އީރާނުން މިހާރުވެސް ވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޠޫރޯއަށް ތެޔޮވިއްކަން ފަށައިފައެވެ. ސައުދީ ޢަރަބިޔާއިން މިހާރުވަނީ ޑިލަރު ނޫން އެހެން ފައިސާއަށް ތެޔޮ ވިއްކުމުގެ މަގުމަތީގައެވެ. ނުވަތަ އެކަން ފަށައިފައެވެ. އެހެންކަމަށްވެގެންދިއުމުން ޑޮލަރަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ 

ޑޮލަރުގެ އަގުވެއްޓި ކަރުދާހަށްވުމަކީ 3 ވަނަ ދުނިޔޭގެ ޤައުމުތަކުގެ އިޤްޠިޞޯދަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. 3 ވަނަ ދުނިޔޭގެ ޤައުމުތައް ބަނޑަށް ޖެހުމާއި ގާތްވެގެންދާނެއެވެ. ހައިހޫނުކަން ޢާންމުވާނެއެވެ. އަތުން ފައިސާ ހުސްވެގެންދާނެއެވެ. ބާރުގަދަ ޤައުމުތަކުން 3 ވަނަ ދުނިޔޭގެ ޤައުމުތަކަށް އަރައިގަނެ މުއްސަނދިކަން ފޭރެންފަށާނެއެވެ. ދަނޑުގޮވާންތައް އަތުލައިގަންނާނެއެވެ. 

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "3 ވަނަ ބޮޑުހަނގުރާމަކުރާނީ ކޮން ހަތިޔާރަކުން ކަމެއް ނުއެނގެއެވެ. ނަމަވެސް 4 ވަނަ ބޮޑުހަނގުރާމަކުރާނީ އޮއްގަލާއި ލަޓިބުރިތަކުންނެވެ." މާނައަކީ ހަތިޔާރު ގަންނާނެ ފައިސާއެއް ޤައުމުތަކުގައެއް ނުހުންނާނެއެވެ. 

އެމެރިކާ މިހާރުވެސް މުއްސަނދިކަން ހިފަހައްޓަނީ އެމީހުން ބޭނުންވާ ޤައުމުތަކުގެ ފައިސާތައް ހިފަހައްޓައިގެންނެވެ. އަތުލައިގަނެގެންނެވެ. އެންމެ ގިނައިން އަތުލައިގަންނަނީ މުސްލިމް ޤައުމުތަކުގެ ފައިސާތަކެވެ. އެހެންކަމުން މިއުޅެނީ ﷲ ތަޢާލާގެ ކޯފާ އަންނަންހެއްޔެވެ؟ 

މިހިރީ ހައްތާވެސް ސުވާލުތަކެވެ. ހުރިހާވެސް މައްސަލައަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ވިސްނައި ނުލެވޭކަމެވެ. ބިރުވެތިނުވެވޭކަމެވެ. ޤުރްއާން ޤަބޫލުނުކުރާކަމެވެ. ޤުރްއާނަށް ޢަމަލުނުކުރާކަމެވެ. 

ބުނަން ހެއްޔެވެ؟ މިބުނި ކަންކަން އެއް ދުވަހުން ލޮލަށް ނުފެނިދާނެއެވެ. އެހެނަސް އެކަންކަން ބައްދަލުކުރުން ދެން ލަހެއް ނުވާނެއެވެ. ދުނިޔެ މިދަނީ ނިމުމަކަށެވެ. މިހުރިހާ ކަންކަން ގުޅިފައިވަނީ ދުނިޔޭގެ ނިމުމާއިއެވެ. އެނގިގެން މިދަނީ މަހްދީގެފާނު ފައުޅުކުރެއްވެވުން ދާދި ގާތްވެއްޖެކަމެވެ. 

މީސްތަކުންނޭވެ! ހޭލާށެވެ! ހޭލުންތެރިވާށެވެ! މިބުނި ޙާލަތުން ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ޤުރްއާނުގައިވާ ކަންކަން ޤަބޫލުކޮށް ޢަމަލުކުރި މީހަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން