އަޅުންނަށާއި ގެންގުޅޭ ޚާދިމުންނަށް އޯގާތެރިވުމަކީ ޢާއިޝަތުގެފާނު އިސްކަމެއްދެއްވި ކަމެކެވެ. އެކަމަނާވަނީ ވަރަށް ގިނަ އަޅުން މިނިވަން ކުރައްވައިފައެވެ. ބަރީރާއޭ ކިޔުނު އަޅަކު މަދީނާގައި އުޅުނެވެ. ބަރީރާވަނީ އޭނާގެ ސާހިބު މީހާއާ ވާހަކަ ދައްކައިގެން މުކާތަބު އަޅަކަށްވެވަފައެވެ. މުކާތަބުއަޅުންނަކީ އެބައިމީހުންގެ އަގު ސާހިބުމީހާއަށް ދެއްކުމުން މިނިވަންވާ އަޅުންނެވެ. ބަރީރާގެ ހާލަތު އެނގިވަޑައިގެންނެވުމުން ޢާއިޝަތުގެފާނު ބަރީރާގެ އަގު އަދާކުރައްވާ އޭނާ މިނިވަން ކުރެއްވިއެވެ.
އެއްފަހަރަކު ޢާއިޝަތުގެފާނަށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. މިކަންތައް ރަނގަޅަށް ބެއްލެވުމުން އެނގިވަޑައިގެންނެވީ އެކަމަނާ ގެންގުޅުއްވި އަޅުއަންހެނަކު އެކަމަނާއަށް ސިޙުރު ހެދީކަމުގައެވެ. ޢާއިޝަތުގެފާނު އެއަޅުއަންހެނާ ގެންނަވައިފައި ސުވާލުކުރެއްވިއެވެ. [ކަލޭ އަހަރެންނަށް ސިޙުރު ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟] އޭނާ ޖަވާބު ދިނެވެ. [އަޅުގަނޑު ބޭނުންވީ ކަމަނާ އަވަހާރަކޮށްލަންށެވެ. އޭރުން އަޅުގަނޑަށް އަވަހަށް މިނިވަންކަން ލިބޭނެއެވެ.] ޢާއިޝަތުގެފާނު އެއަޅުއަންހެނާ ވިއްކަވައިލެއްވުމަށްފަހު، ލިބިވަޑައިގެންނެވި ފައިސާއިން އަޅަކު މިނިވަންކުރެއްވިއެވެ.
{ سليمان الندوي، سيرة السيدة عائشة أم المؤمنين رضى الله عنها، ޞަފްޙާ 220-221}
ބަނީތަމީމުވަންހައިގެ މީހުންނަކީ ސަލާމްލެއްވި އިސްމާޢީލުގެފާނުގެ ދަރިކޮޅުން އައިސްތިބި ބައެކެވެ. ބަނީތަމީމުވަންހައަށް ނިސްބަތްވާ އަޅުއަންހެނަކު ޢާއިޝަތުގެފާނު ގެންގުޅުއްވިއެވެ. އެއްދުވަހަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢާއިޝަތުގެފާނަށް ޙަދީޘް ކުރެއްވިއެވެ. [އެ އަޅުއަންހެނާ މިނިވަންކުރާށެވެ. އެހެނީ އެއީ އިސްމާޢީލުގެފާނުގެ ދަރިކޮޅުގެ މީހެކެވެ.]
{ البخاري (ت ٢٥٦)، صحيح البخاري ٢٥٤٣ • صحيح}
އެއްފަހަރަކު ޢާއިޝަތުގެފާނު، އިބްނު ޒުބައިރުދެކެ ކޯފާ އިސްކުރައްވާ ދެން ދުވަހަކުވެސް އޭނާއާ ބަސްފުޅު ވިދާޅުނުވުމަށް ނަދުރު ވިދާޅުވިއެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އެ ވިދާޅުވެވުނީ ރަނގަޅު ނަދުރުފުޅެއް ނޫންކަން އެނގިވަޑައިގެން އެކަމުން ބަރީއަވެވަޑައިގެންނެވިއެވެ. ނަދުރުގެ ކައްފާރާ ދެއްވިއެވެ. ނަދުރުގެ ކައްފާރާއަކީ އަޅަކު މިނިވަންކުރުމެވެ. ނަމަވެސް އެފަހަރު ޢާއިޝަތުގެފާނު ޖުމްލަ ސާޅީސްއަޅުން މިނިވަން ކުރެއްވިއެވެ. އޭގެ ފަހުން އެ ނަދުރުފުޅު ހަނދުމަފުޅުވާ ކޮންމެ ފަހަރަކު އެކަމަނާގެ ބުރުގާކޮޅު ފޯވަންދެން ކީރިތި ކުރައްވައެވެ.
{ صحيح البخاري، كتاب الأدب، ޙަދީޘް 6073}
އައްޞަންޢާނީ ރަޙިމަހުﷲ އޭނާ ލިޔުއްވި ['ސުބުލުއް ސަލާމް] ގައި ބަޔާން ކުރައްވައިފައިވެއެވެ. އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އެކަމަނާގެ ޙަޔާތްޕުޅުގައި 67 އަޅުން މިނިވަން ކުރެއްވިއެވެ.