މިއަދުގެ އާޔަތް: "ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މިއަދުގެ އާޔަތް: "ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟"

أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ 

"ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟"

(އަލްޢަލަޤް: 14) 

އާޔަތަށް ބަލާލައިފިނަމަ ވަރަށް ކުރުކުރު އާޔަތެކެވެ. ނަމަވެސް މާނައަށް ބަލައިފިނަމަ ވަރަށް ވަރުގަދަ ސުވާލެކެވެ. ގަދަފަދަވެގެންވާ އިންޒާރެކެވެ. މިއަދު ފާފަކުރުން މިވަނީ ޢާންމުވެފައެވެ. އެކަހެރިކޮށް ކިތަންމެ ކުޑަ ވަޤުތުކޮޅެއް ހޭދަކޮށްލަން ލިބުނަސް އަތުގައި އޮންނަ ފޯނުނަގައިގެން ފާފަ ނުކުރަނީ މަދުމީހެކެވެ. 

ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ނުކުރާ ފާފައެއް ނެތެވެ. ފާފަތަކަށް އަރައިގަންނަނީ އެއްވެސް ބިރެއް ނެތިއެވެ. ދުނިޔޭގައި ކުށްވެރިނުވާނެކަން ޔަޤީންވާނަމަ ކުރަން ބުރުގަންނަ ފާފައެއް ނެތްކަމަށް ބުނެވިދާނެއެވެ. 

މިސުވާލި ވަހީ ކުރައްވަވާފައި މިއޮތީ އެހެންވެގެންކަމަށް ބަލަމާހެއްޔެވެ؟ އެފާފަތައް ކުރާއިރު ""ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟" 

ކޮންމެއަކަސް އަދިވެސް އިތުރަށް ކުރިއަށްދަމާ ހިނގާށެވެ! 

"ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ." (15)

"އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ." (16)

"ފަހެ، އޭނާޔާއެކު ޖަލްސާ ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!" (17)

"ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ." (18)

)އަލްޢަލަޤް: 15،16،17،18) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންނަށް ކުރެވޭ ހުރިހާ ކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެއީ ކިތަންމެ ކުޑަކުޑަ ޢަމަލެއް ނަމަވެސްމެއެވެ. ފާފައެއް ކުރެވޭނަމަ ﷲ ތަޢާލާގެ ކޯފާ އަހަރެމެންނާއި ހަމައަށް އައުމުގެ ކުރިން އަވަހަށް އެކަންކުރުން ހުއްޓައިލާށެވެ! ﷲ ތަޢާލާ މީހަކު ހިއްޕަވައިފިނަމަ އެމީހަކަށް ސަލާމަތްކަން ދޭނީ ކާކު ހެއްޔެވެ؟ އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުންކުރަންވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހެޔޮ ޢަމަލުތައް ކުރުމަށެވެ. ބާއްޖަވެރިންނަކީ އެއީއެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާމީހުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން