މުންކަރާތްތައް ހިންގާ ތަންތަނުގަ ތިބޭނަމަ އެކަމުގަ ބައިވެރިވިކަމަށްވެ ނަރަކައަށް އެއްލައިލެވިދާނެ ޢަމަލެއްކަން ޤުރްއާނުން މިއޮތީ އެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 21ސ
މުންކަރާތްތައް ހިންގާ ތަންތަނުގަ ތިބޭނަމަ އެކަމުގަ ބައިވެރިވިކަމަށްވެ ނަރަކައަށް އެއްލައިލެވިދާނެ ޢަމަލެއްކަން ޤުރްއާނުން މިއޮތީ އެގެން!

"އަޅިގަނޑު އަދާކުރަންޖެހޭ ވަޒީފާގެ ގޮތުން އެހެން ދީންތަކުގެ މީހުން ފާހަގަކުރާ ޢީދުތަކުގައި ބައިވެރިވާންޖެހެއެވެ. އެކަމަށް ވަރަށް ބިރުގަނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެކަމުން އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟"

ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން 2020 ވަނަ އަހަރު ޢާންމުކޮށްފައިވާ ބަޔާނެކެވެ.  

އެހެން ދީންތަކުގެ ޢީދާއި މުނާސަބާތައް ފާހަގަކުރުންފަދަ މުންކަރާތްތައް ހިނގަމުން ދާއިރު، އެކަން އެނގިތިބެ އެކަންކަން ވަންހަނާ ކުރުމަކީ އެންމެ އާދައިގެ ފަރުދެއްގެ ޙައިސިއްޔަތުންވެސް ވިސްނާލަންޖެހޭނެ ކަމެކެވެ. އެހެނީ، އެއީ އެފަދަ ކަންކަން ޢާންމުވެ މި ބިމުގައި އެކަންކަން މޫލުމަށް ދެވޭ ފުރުޞަތަކަށްވުމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ހަނދުމަބަހައްޓަން ޖެހޭނެތީއެވެ.  

މާތް ﷲ ވަޙީ ކުރައްވާފައިވައެވެ: 

﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّـهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ اللَّـهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا﴾ (سورة النساء ١٤٠) 

"ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، މުނާފިޤުންނާއި ކާފިރުންގެ އެންމެން ޖަހަންނަމައިގެ ތެރޭގައި ﷲ އެއްކުރައްވާނެތެވެ". 

﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ﴾ (سورة آل عمران ١٠٤) 

"ހެޔޮކަމުގެ މަގަށް ގޮވާލައި، އަދި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރާ ބަޔަކު، ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އަދި ދިންނަވާނޭ މީހުންނަކީ އެބައިމީހުންނެވެ." 

މިލޮބުވެތި ދިވެހި އިސްލާމީ އުންމަތް އިސްލާމީ ހަރުދަނާ ޞައްޙަ ޢަޤީދާގެ މަތީގައި އިސްލާމްވަންތަ ކަމުގައި މާތް ﷲ ލަހައްޓަވާށިއެވެ! އާމީން. 

08ޖުމާދަލްއޫލާ 1442

23ޑިސެމްބަރ 2020 

 -ޢިލްމުވެރިންގެ ގުޅުމުގެ ބަޔާނުން 

ޣައިރު ދީންތަކުގެ ޢީދުތަކުގައި ބައިވެރި ނުވުމަށް ދީނީ ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފި 

الحمد لله الواحد القهار. الأحد الصمد. الذي لم يتخذ ولدا ولا شريكا. والصلاة والسلام على من أرسل أن يهدينا إلى التوحيدوأن يحفظنا عن الشرك. وعلى اله وأصحابه ومن سار على نهجه إلى يوم الدين. أما بعد. 

ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށެވެ. ދުނިޔޭގައި އަޅުގަނޑުމެންނަށް ދެއްވާފައިވާ ކުރު މުއްދަތު އެކަލާނގެ އެންގެވި ގޮތަށް ހޭދަ ކުރުމަށެވެ. ދުނިޔޭގެ ޙަޔާތް ނިމިގެން ދާއިރު އެ އިލާހުގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި އެ އިލާހުގެ ޙަޟްރަތަށް އެނބުރި ދިއުމަށް ގަދައަޅައި މަސައްކަތް ކުރުމަށެވެ.

ތަޢާލާއާއި އެހެން ފަރާތްތައް އެއްފަދަ ކުރުމާއި، އެއިލާހަށް ކުއްތަންވުމުގައާއި އަޅުކަން ކުރުމުގައި އެހެން ފަރާތްތައް ބައިވެރިކުރުމާއި، އެއިލާހުގެ އަމުރުފުޅުތަކާއި އަދި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ މައްޗަށް އެހެން ފަރާތްތަކުގެ ބަހާއި ގޮތްތައް އިސްކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ އަދި އެންމެ އަނިޔާވެރިކަން ބޮޑުވެގެންވާ ޖަރީމާވެސް މެއެވެ.

ކަން މިހެން އޮތްއިރު، މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ އެކަންކަމުގެ ދިފާޢުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ ޢަމަލުތައް ހިމެނިގެންވާ މިފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެވެ. އެހެންކަމުން އެފަދަ ކަންކަމުން ދިވެހި އުންމަތުގެ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ދުރުވެ ރައްކާތެރިވެ ތިއްބެވުމަށް އިލްތިމާސްކުރަމެވެ. 

ތަޢާލާ އަޅުގަނޑުމެން މިދުނިޔޭގައި ލައްވަވާފައިވަނީ ވަކި އަޖަލެއް ކަނޑައަޅުއްވާފައެވެ. އެމުއްދަތުގައި އެމީހަކަށް ކަނޑައަޅުއްވާފައިވާ ރިޒުޤު ދެއްވާފަރާތަކީ ވެސް ހަމަ ﷲ ތަޢާލާއެވެ. އެކަލާނގެ ވަނީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ރިޒުޤު ޙަލާލު ގޮތުގައި ޙާޞިލުކުރުމަށްޓަކައި ހިނގަން އޮތް މަގުތައް ނުހަނު ސާފުކޮށް ދައްކަވައިފައެވެ. އަދި ހަމަ އެހެންމެ އެ ރިޒުޤު ހޯދާނެ ޝަރުޢީ މިންގަނޑުތަކެއް ވެސް އެއިލާހު ތަޢާލާ ބަޔާންކޮށްދެއްވާފައިވާކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަން ޖެހެއެވެ.  

އެހެންކަމުން ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ރިޒުޤު ހޯދުމަށް އިޚްތިޔާރުކުރާ މަގަކީ، އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން ރައްކާތެރިވެފައިވާ، އަދި އެކަލާނގެ ރުހިވޮޑިގަންނަވާ ފަދަ މަގެއްކަމުގައި މަގެއް ކަމުގައި ހަދަން ޖެހެއެވެ. އެހެނީ، ރޯދީގައި ބަރަކާތް އިތުރުވެ ދިރިއުޅުން ތަނަވަސްވެގެން ދާނީވެސް ޙަލާލު މަގު އިޚްތިޔާރުކޮށް، ޙަރާމް ކަމެއްގެ ތެރެއަށް ވެއްޓިދާނެ ފަދަ ޝުބުހައެއް އޮތް ކަމެއް ނަމަ އެކަމުން ރައްކާތެރިވެ ދުރުހެލިވެގެންނެވެ. މިއީ އަޅުގަނޑުމެން އަބަދުވެސް ސަމާލުވާންޖެހޭ ކަމެކެވެ. މީސްތަކުންނަށް ސަލާމަތާއި ރައްކާތެރިކަން އޮތް މަގު އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވުމުގައި އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ޤުރުބާން ކުރެއްވި، އަދި އަޅުގަނޑުމެންނަށް ޓަކައި ހެޔޮދުޢާ ތަކުރާރުކުރެއްވި، މަތިވެރި މާތް ނަބިއްޔާ މުޙައްމަދު އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދަކީ އެއީއެވެ. 

އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، ދުނިޔެ ބަވަނަވެ، ތަފާތު އެކި ޤައުމުތަކާއި، ދީންތަކުގެ ޘަޤާފަތްތަކާއި ކަންކަން އަޅުގަނޑުމެންނަށް ގާތުން އަބަދާއަބަދު ފެންނަގޮތަށް ކަންކަން ހަމަޖެހިފައި އޮތް ޒަމާނެއްގައެވެ. ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ ހިތްތަކުގައި ޒަމާނުއްސުރެ އިސްލާމް ވަންތަކަމަށް އޮންނަ ލޯތްބާއި، ޝިރުކުގެ ޢަމަލުތަކަކީ ނުރައްކާތެރި ކަންކަން ކަމަށް އިޢުތިޤާދުކޮށް އީމާންވެގެން ތިބި ތިބުމަށް، ޝައިޠާނާގެ ފަރާތުން ނޭދެވޭ އަޘަރުތައް މަޑުމަޑުން ފޯރުވުމުގެ ފުރުސަތު ބޮޑުކަން، އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހެއެވެ. ޚާއްޞަ ގޮތެއްގައި މިފަދަ ދުވަސްވަރެއްގައި ހެދިބޮޑުވަމުން އަންނަ ޒުވާނުންނަށް އެކަންކަން ހެޔޮގޮތުގައި ވިސްނައި ނުދެވޭނަމަ، އެކުދިން އެފަދަ އޮއިވަރުގައި ޖެހި މުޅި މުޖުތަމަޢު އެފަދަ ކަންކަމުގައި ބެހިގެން ހިނގައިދާނެ ކަމަށް ޓަކައި މައިންބަފައިންގެ ފަރާތުންނާއި، ތަޢުލީމާއި ތަރުބިއްޔަތުދޭ މުއައްސަސާތަކުންނާއި މުޅި މުޖުތަމަޢުވެސް ވަރަށް ބޮޑަށް ހޭލައި ސަމާލުވާންޖެހެއެވެ. 

އެހެންކަމުން، ނަޞާރާއިންގެ ކްރިސްމަސް ފާހަގަ ކުރުމާއި ޣައިރު ދީންތަކުގެ އެނޫން ބާޠިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށާއި، ﷲ ތަޢާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ލޮބުވެތި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.  

އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަޤާމުތަކާ ޙަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއި އެކަމުގެ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށް އެފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

އަދި އެފަދަ ކަންކަން ދިވެހި މުޖުތަމަޢުގައި ހިންގިޔަ ނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށާއި، އެފަދަކަމެއް ހިނގަމުން ދާނަމަ ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެއިން މަސްއޫލުވެރި ފަރާތްތަކަށް ލިބިދީފައިވާ ޝަރުޢީ އަދި ޤާނޫނީ ބާރުގެ ބޭނުންކޮށް، އެކަން މަނާކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މީސްތަކުންނަށް އެކަމުގެ ނުބައިކަން އަންގައިދީ މަޢުލޫމާތު ޙިއްޞާ ކުރަމުން ގެންދިއުމަށް އެންމެހާ ފަރުދުންނަށާއި މުއައްސަސާތަކަށް އިލްތިމާސްކުރަމެވެ. 

 -ދީނީ ޢިލްމުވެރިންގެ ގުޅުން

 

މިއަދު އޮންލައިން