އާޚިރަތް ދުވަހަށާ ނަރަކައަށް ބިރުވެތިވާނަމަ މުއްމިނުންގެ ކިބައިގަ ހުންނަންޖެހޭނެކަން ވަޙީން އެނގެން އޮތް މިސިފަތަކުން ތިބާގެ ގައިގަ ކިތައް ސިފަ އެބަހުރިތޯ އަމިއްލައަށް ވަޒަންކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
އާޚިރަތް ދުވަހަށާ ނަރަކައަށް ބިރުވެތިވާނަމަ މުއްމިނުންގެ ކިބައިގަ ހުންނަންޖެހޭނެކަން ވަޙީން އެނގެން އޮތް މިސިފަތަކުން ތިބާގެ ގައިގަ ކިތައް ސިފަ އެބަހުރިތޯ އަމިއްލައަށް ވަޒަންކޮށްލަބަލަ!

މުއްމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (1) އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (2) އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. (3) އަދި އެއުރެންނީ، ޒަކާތްދޭ މީހުންނެވެ. (4)

އަދި އެއުރެންނީ، އެއުރެންގެ ފަރުޖް ތަކަށް ރައްކާތެރިވާމީހުންނެވެ. (5) އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. (6) ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ. (7)

އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ އަހްދު ތަކަށް ރައްކާތެރިވާ މީހުންނެވެ. (8) އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (9) 

(ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ. (10) އެއުރެންނީ، ފިރްދައުސް އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. (1)

(އަލްމުއްމިނޫން: 1ން 11އަށް) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ކޮންމެ މުސްލިމަކުވެސް މިބުނަނީ އާޚިރަތް ދުވަހަށް ބިރުވެތިވާ ކަމަށާއި ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބެން އެދޭ ކަމަށެވެ. ހަމަކަށަވަރުން މިކަންކަން ޙާޞިލުކުރެވޭނީ (ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނ) ފުރިހަމަ ގޮތުގައި މުއްމިނަކަށް ވެވިގެންނެވެ. 

މިތަނުގައި ﷲ ތަޢާލާއަށް ޝަރީކުކުރުމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެހެނީ އަހުރެމެން މުސްލިމުންނަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ތިބި ބައަކީމުއެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ފުރިހަމަ މުއްމިނަކަށް ވުމަށްޓަކައި މިއާޔަތުގައިވާ ކަންކަން ޙާޞިލުކުރެވެން އެބަޖެހެއެވެ. އެކަންކަމަށް ޢަމަލުކުރާބައަކު ކަމުގައިވާން އެބަޖެހެއެވެ. އެހެންކަމަށްވާއިރު ކޮންމެ މުސްލިމަކުވެސް ވިސްނާލަންވީ މިސިފަތައް ތިމާގެ ކިބައިގައި ހުރި މިންވަރަށެވެ. 

ފުރތަމަވެސް ފެށިގެން މިއަންނަނީ ނަމާދުންނެވެ. ނަމާދުތަކަށް ރައްކައުތެރިވެވޭހެއްޔެވެ؟ ނަމާދުތަކުގައި މަޑުމައިތިރިވެވޭ ހެއްޔެވެ؟ ޚުޝޫޢަތްތެރިވާން މަސައްކަތްކުރެވޭ ހެއްޔެވެ؟  ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބުމާއި ޒަކާތްދިނުމުގެ ވާހަކައަށްފަހު ދެން މިއަންނަނީ ގިނަ ބައަކު އެންމެ ބޮޑަށް ފޭލްވެފައިވާ ކަންތަކުގެ ވާހަކައެވެ. އެއީ ފާހިޝް ޢަމަލުތައް ކުރުމުން އެއްކިބާވެ ހުރުމެވެ. ފަރުޖުތަކަށް ރައްކައުތެރިވުމަކީ އެއީއެވެ. 

ދެން މިއަދު އެންމެ ބޮޑަށް ޢާންމުވެފައި މިވަނީ އަމާނާތްތަކަށް ޚިޔާނާތްތެރިވުމުގެ ވާހަކައެވެ. އަމާނާތްތަކަށާއި އަހްދު ތަކަށް ރައްކާތެރި ނުވެވޭނަމަ އެއީ މުނާފިޤުންގެ ސިފައެވެ. ހަމައެއާއިއެކު ހެޔޮކަން ކުރުމަކުން އެކަނި ނުފުދެއެވެ. ހެޔޮކަން ފަތުރާބައަކަށްވެސް ވާންއެބަޖެހެއެވެ. 

ކޮންމެއަކަސް މުއްމިނުންގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް އެމީހެއްގެ ކިބައި ފުރިހަމަވެފައިވާނަމަ އެމީހަކު ވެގެންދާނީ ފިރްދައުސް އޭކިޔުނު ސުވަރުގެ ވާރުތަވާ މީހަކަށެވެ. އެތާނގައި ދާއިމަށް ދެމި ހުރެވޭނެ މީހަކަށެވެ. 

އަހުރެން މިދެއްކި ހުރިހާ ވާހަކައެއް މިދެއްކީ އަމިއްލައަށް ކަންކަން އިތުރުނުކޮށެވެ. ހަމައެކަނި މިއާޔަތްތަކުން އެނގެން އޮތް މިންވަރަށެވެ. މާނައަށް ވިސްނައިގެން ޤުރްޢާން ކިޔަވާނަމަ މިކަންކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ދުޢާއަކީ މިބައްދަލުވުމުން ފެށިގެން އަމިއްލައަށް އެމީހެއްގެ ހިސާބުތައް ޖަހައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ، ފުރްދައުސް ހޯދަން މަސައްކަތްކުރާ ބައަކު ކަމުގައި އަޅަމެން އެންމެންވެސް ލެއްވެވުމެވެ. ޢާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން