މިއަދު އެއްބައަކު ދުނިޔަވީ މަންފާތަކަށް އެދިގެން މީސްތަކުންނަށް އަޅުވެތިވެ، އަނެއްބައަކު މީހަކު ދީފާނެ ގެއްލުމަކަށް ބިރުން ތެޅިފޮޅޭއިރު މިދެބައިމީހުންވެސް އެވަނީ ފޭލްވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
މިއަދު އެއްބައަކު ދުނިޔަވީ މަންފާތަކަށް އެދިގެން މީސްތަކުންނަށް އަޅުވެތިވެ، އަނެއްބައަކު މީހަކު ދީފާނެ ގެއްލުމަކަށް ބިރުން ތެޅިފޮޅޭއިރު މިދެބައިމީހުންވެސް އެވަނީ ފޭލްވެފަ!

އެއްބައެއްގެ ކިބައިން މިއަދު މިފެންނަނީ އެމީހެއްގެ ކިބައިން ތިމާއަށް މަންފާއެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ އެމީހަކު ރުއްސަން އެމީހަކަށް އަޅުވެތިވެވޭތަނެވެ. ދީނާއި އީމާންކަންވެސް ދޫކޮށްލާތަނެވެ. ހަމައެއާއިއެކު އަނެއްބައެއްގެ ކިބައިން މިފެންނަނީ މިވެނި މީހަކީ ތިމާއަށް ގެއްލުމެއް ދޭން އުޅޭ މީހަކުކަން ވިސްނިއްޖެނަމަ ގަންނަ ބިރުބޮޑުކަމުން އެމިހާއަށް އަޅުވެތިވެވޭ ތަނެވެ. އެކަމަސް ބިރުން ތެޅިފޮޅޭތަނެވެ. 

ހަމައެކަނި މިބަސްފުޅަށް ވިސްނައިލާށެވެ. 

"ﷲ ތިބާ އަށް ދެރައެއް މިންވަރު ކުރައްވައިފިނަމަ އެކަން މަނާކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ﷲ ތިބާ އަށް ހެވެއް މިންވަރު ކުރައްވައިފިނަމަ އެކަމަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއްވެސް ނުވެ އެވެ. 

ސޫރަތުލް ޖިންނިގެ 21 އަދި 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

(قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١ قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٢ ) 

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّه ގެ ޢަޛާބުން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.  " 

ވަރަށް ސާފުކޮށް އެނގިގެންމިދަނީ މީހަކަށް މޮޅުކަމެއް ކޮށްދެއްވެވުމާއި ދެރައެއް ދެއްވެވުމުގެ އެއްވެސް ބާރެއް ﷲ ތަޢާލާ އެކަލާނގެ އެންމެ މަތިވެރި ކުރެއްވެވި އަޅުގަނޑުމެންގެ ލޮބުވެތި ޞާޙިބާ، މުޙައްމަދު () އަށްވެސް ދެއްވަވާފައި ނުވާ ކަމެވެ. އެކަންކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެއްވެސް ކަމަކަށް އެދި އެއްވެސް މީހަކަށް އަޅުވެތިނުވާށެވެ! ކިތަންމެ ގިނަ ބައިވަރު ރަންތަކެއް ލިބެން އޮތަސް ދީނާއި އީމާންކަން ޤުރްބާން ނުކުރާށެވެ! އާދޭސްވެސް ނުކުރާށެވެ! ދީނުގެ ޢަޤީދާގެ މަތީގައި ޘާބިތުވެ ހުރެ ހަމައެކަނި ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ! ތިބާއަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ. ބޭނުންވާ ރައްކައުތެރިކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން