ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމަށްޓަކާ ސިކުނޑިތައްޔާރުކުރެވޭނެ ގޮތް- : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމަށްޓަކާ ސިކުނޑިތައްޔާރުކުރެވޭނެ ގޮތް- : މުފްތީ މެންކް

ފުރަތަމަ ކަމަކަށް ނަމާދުތައް ދަރަޖަ ނުކުރާށެވެ! ކޮންމެ ނަމާދަކީވެސް ހަމަ ﷲ ތަޢާލާ ބާވައިލެއްވެވި ނަމާދެކެވެ! މިޢްރާޖް އަރާބަޑައިގަތްރޭ 5 ނަމާދު ފަރުޟުކުރެއްވެވުމަކީ ސުންނަތް ނަމާދުތައް ކުރާއިރު ފަރުވާކުޑަކުރަންޖެހެންވީ ސަބަބެއް ނޫނެވެ. 

ބައެއް މީހުން ސުންނަތް ނަމާދުކުރާއިރު ވަރަށް ބޮޑަށް އަވަސްއަރުވާލައިގެން ކުރާތަން ފެނެއެވެ. އެއީ ވަރަށް ދެރަކަމެކެވެ. އެއްގޮތަކަށްވެސްކޮށްގެންވާނެ ކަމެއް ނޫނެވެ. ސުންނަތް ނަމާދެއް ނަމަވެސް ކުރަންވާނީ ރަސޫލް ނަމާދުކުރެއްވެވިގޮތަށެވެ. ލަސްލަހުންނެވެ. މަޑުކުރަންޖެހޭ މަޤާމްތަކުގައި މަޑުކުރަމުންނެވެ. ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. 

ކޮންމެ ނަމާދެއްކުރާއިރުވެސް ޚުޝޫޢަތްތެރިވާންވާނެއެވެ! ޚުޝޫޢަތްތެރި ނުވެވޭ އެންމެ ބޮޑު ސަބަބަކީ ބޭކާރު ކަންކަމުން ސިކުނޑި ފުރާލާފައި ހުންނަކަމެވެ. މިސާލަކަށް ގެންގުޅޭ ފޯން ނުވަތަ ކޮމްޕިޠުޓަރުގެ މެމަރީއަށްބަލާށެވެ! ކެޕޭސޓީއަކީ ކިތަންމެ މަތީ ގީބީއެއް ނަމަވެސް ބޭކާރު ތަކެތި އެއިން ސާފުކޮށް ފުހެމުން ނުގެންދާނަމަ އަބަދުވެސް އުޅެންޖެހޭނީ މެމަރީ ފުރިގެންނެވެ. އިތުރުއެއްޗެއް ނޭޅޭނެއެވެ. އަދި ފޯނު ހުޅުވުންވެސް ލަސްވާނެއެވެ. 

އިންސާނުންގެ ސިކުނޑިއަކީވެސް އެފަދަ އެއްޗެކެވެ. ބޭކާރުކަންކަން ވިސްނުމުގައި ބަހައްޓައިގެން އުޅޭނަމަ ސިކުނޑިއަށް ބާރުބޮޑުވާނެއެވެ. ނަމާދަށް ހުންނައިރުވެސް ބޭކާރު ޚިޔާލުތަކާއި ކަންކަން ވިސްނުމަށް އައުން އިތުރުވާނެއެވެ. އިމާމްގެ ފަހަތުގައި ނަމާދުކުރިނަމަވެސް އިމާމް ކިޔާއެއްޗަކަށް ސަމާލުކަންދެވުން ކުޑަވަނީ އިމާމް ކިޔާއެއްޗަކަށްވުރެ ތިމާގެ ވިސްނުން މާފަހަތުގައި އުޅޭތީއެވެ. 

ނަތީޖާއަކަށްވަނީ އިމާމް اهدِنَــــا الصِّرَاطَ المُستَقِيمَ ކިޔައި ސީދާވެގެންވާ ތެދުމަގު ދައްކަވައިދެއްވެވުން އެދިދުޢާކުރާއިރު ހިތުގައި އެހެން ކޮންމެވެސް ކަމެއް އޮތުމެވެ. ފެނުނު ރީތި މީހެއް، ރީތި ކާރެއް، ވިޔަފާރީގެ މުޢާމަލާތެއްގެ ކަންކަން ފަދަ ކަންކަން ހިތުގައި އޮންނާތީއެވެ. 

ވީމާ އަބަދުވެސް ބުނާފަދައިން އެންމެ މުހިންމު ކަމަކީ ސިކުނޑީގައި ބޭކާރު ކަންކަމުގެ ވިސްނުންތައް ނުބެހެއްޓުމެވެ. އެކަންކަން ސިކުނޑިން ފުހެމުން ގެންދިއުމެވެ. ނަމާދަށް ފަށައި ހޭދަކުރާ ހައަކަ ނުވަތަ ގިނަވެގެން ދިހަވަރަކަށް މިނިޓު ނަމާދަށް ސަމާލުކަންދީގެން ނޫނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދެއް ނުކުރެވޭނެއެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން