ޤުރްއާން އުނގަންނައިދިނުމަކީ ހަމައެކަނި އަގަށް ކުރާކަމަކަށް ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤުރްއާން އުނގަންނައިދިނުމަކީ ހަމައެކަނި އަގަށް ކުރާކަމަކަށް ނުހަދާށެވެ!

ވަރަށް ގިނަ މީސްމީހުންގެ ވާހަކަތައް ވަނީ އަޑުއިވިފައެވެ. ޤުރްއާނާއި ބާއްވަންޖެހޭ މިންވަރަށް ގުޅުން ބޭއްވި މީހަކު ނިކަމެތި ޙާލެއްގައި މަރުވާންޖެހުނު ވާހަކައެއް އަޑެއް ނުއަހަމެވެ. މީގެ މާނައަކީ އެފަދަ މީހަކަށްވެސް ދަތިޙާލެއްގައި އުޅެން ނުޖެހޭ ވާހަކައެއް ނޫނެވެ. ކިތަންމެ ބޮޑު ތަޤްވާވެރިއަކަށް ނަމަވެސް ދަތިޙާލެއް ކުރިމަތިކުރައްވަވައިފާނެއެވެ. އެއީ އިމްތިޙާނު ކުރެއްވެވުމަށެވެ.  

ތިބާ ޤުރްއާން ކިޔަވައި ޢަމަލުކުރަން މަސައްކަތްކުރަމުން އަންނައިރު އިމްތިޙާންތައް ކުރިމަތިކުރައްވަވާނަމަ ބައެއް ކަންކަމަށް ބަލައިލާށެވެ! އެގޮތުން ކިޔެވެނީ ފަރުވާތެރިކަމާއިއެކުގައިތޯ، މާނައަށް ވިސްނައިގެންތޯ، ފަދަ ކަންކަމަށް ވިސްނައިލާށެވެ!  

ހަމައެއާއިއެކު ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް، ޚާއްޞަކޮށް ދަރިންނަށް ޤުރްއާން އުނގަންނައިދެވޭކަމާއިމެދުގައިވެސް ވިސްނައިލާށެވެ. އަދި ތިމާއަކީ ޤުރްއާނުގެ ޢިލްމް އުނގެނިގެންހުރި މީހަކު ނަމަ އެހެން މީހުންނަށް އުނގަންނައިދެވޭކަމާއިމެދުގައިވެސް ވިސްނައިލާށެވެ.  

ކޮންމެ މީހަކީވެސް ދިރިއުޅެން ފައިސާ ބޭނުންވާނެ މީހެކެވެ. ވީމާ ޤުރްއާން އުނގަންނައިދިނުމުން ލިބޭ އާމްދަނީގެ ބޭނުންކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް އަހުރެން ބުނާނީ އެކަމަކީ ހަމައެކަނި އަގަށް ކޮށްދޭ ކަމަކަށް ނުހަދާށެވެ. އެންމެންގެ އަތަކު ފައިސާއެއް ނުހުންނާނެއެވެ. ދަތިޙާލުގައި އުޅޭ މީހުންވެސް ތިބޭނެއެވެ. އެމީހުންނަށް ހިލޭ ކިޔަވައިދޭށެވެ.  

ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހުން ވަނީ އެންމެ މަތިވެރިކަން ބޮޑު މީހުންގެ ތެރެއިންނެވެ. ވީމާ އެފަދަ މީހަކަށްވާން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު މީހަކަށް ވެވުމަށްވުރެ ލިބޭނީ ކޮން ބޮޑު މަތިވެރިކަމެއް ހެއްޔެވެ؟   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން