ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު އެކަމަނާއަށް ދޮންމަންމަ ވިދާޅުވާ ބޭފުޅުންނަށްވެސް އަޅާލުމާ އޯގާތެރިކަން ބެހެއްޓެވި

ކިޔުމަށް ހޭދަވާނީ 8މ 19ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު އެކަމަނާއަށް ދޮންމަންމަ ވިދާޅުވާ ބޭފުޅުންނަށްވެސް އަޅާލުމާ އޯގާތެރިކަން ބެހެއްޓެވި

ޢަލީ އިޙްޞާން ފިރާޤް

އެނގިވަޑައިގެންފައިވާނެ ފަދައިން އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އުފަންބޭފުޅަކު ނެތެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިދަރިކަލުންނަށާއި ދަރިދަރިކަނބަލުންނަށް އެކަމަނާ ވަރަށް ހޮޔޮފުޅުކޮށް ކަންތައްކުރެއްވިއެވެ. އިބްނު ޙަޖަރު ވިދާޅުވާ ގޮތުންނަމަ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ހަގު ދަރިކަނބަލުން ފާޠިމަތުގެފާނަށްވުރެ ޢާއިޝަތުގެފާނު ހަގުފުޅެވެ. ނަމަވެސް ފާޠިމަތުގެފާނުވެސް ޢާއިޝަތުގެފާނާމެދު ކަންތައް ކުރެއްވީ އިޙްތިރާމާއެކުގައެވެ. ޢާއިޝަތުގެފާނުވެސް ފާޠިމަތުގެފާނާ މެދު ޚާއްޞަ ގޮތްކޮޅެއް ބެހެއްޓެވިއެވެ.

ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އުޑި އެނބުރުއްވުމުގެ ސަބަބުން ފާޠިމަތުގެފާނުގެ އަތްޕުޅުގައި ހުންނަނީ ފޮޅުލައިފައެވެ. އެކަމުގެ ޝަކުވާ އެކަމަނާ ކުރައްވައެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ހަނގުރާމައިގެ އަސީރުންތަކެއް ގެނެވުނެވެ. އެތަނުން އަޅެއް ދެއްވާތޯ ބެއްލެވުމަށްޓަކައި ފާޠިމަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެކޮޅަކު ނޫޅުއްވައެވެ. އުޅުއްވަނީ ޙުރުމަތްތެރި ދޮންމަންމާފުޅު ޢާއިޝަތުގެފާނެވެ. ފާޠިމަތުގެފާނު އެވާހަކަ ޢާއިޝަތުގެފާނުގެ އަރިހުގައި ދަންނަވައިފައި އެނބުރި ވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ.

އެރޭ ޢަލީގެފާނާއި ފާޠިމަތުގެފާނު އަވަހާރަފުޅު ލައްޕަވަން ތިއްބަވަނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެންނެވިއެވެ. ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [ދަރިފުޅު އެދުނު ކަންތަކަށްވުރެ ހެޔޮކަން ބޮޑު ކަމެއް ބައްޕަ ދަރިފުޅަށް އުނގަންނަވައި ދެއްވަން ހެއްޔެވެ؟ ދަރިފުޅު ނިދުމުގެ ކުރީން ﷲ އަކްބަރު ތިރީސް ހަތަރުފަހަރު، ސުބްޙާނަﷲ ތިރީސްތިންފަހަރު، އަލްޙަމްދުﷲ ތިރީސް ތިންފަހަރު ކިޔާށެވެ. އެއީ ޚާދިމަކަށްވުރެ ދަރިފުޅުމެން ދެމީހުންނަށް ރަނގަޅު ކަމެކެވެ.]

 { صحيح البخاري، كتاب فضائل أصحاب النبى صلى الله عليه وسلم، باب مَنَاقِبُ عَلِيِّ بْنِ أَبِي طَالِبٍ الْقُرَشِيِّ الْهَاشِمِيِّ أَبِي الْحَسَنِ رضى الله عنه، ޙަދީޘް 3705}

މިދެންނެވި ވާހަކައިންވެސް ޢާއިޝަތުގެފާނާއި ފާޠިމަތުގެފާނުގެ ދެކަނބަލުންގެ ދެމެދުގައި އޮތްގުޅުން ހާމަވެގެންދެއެވެ. ފާޠިމަތުގެފާނަކީ ސުވަރުގޭގެ އަންހެންތަކުންގެ ސާހިބުކަމަނާ ކަމުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި ބަސްފުޅުވެސް ރިވާކޮށްދެއްވައިފައިވަނީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނެވެ. ނަމަވެސް ޢާއިޝަތުގެފާނާއި، ފާޠިމަތުގެފާނާ ދެބޭފުޅުންގެ ދެމެދުގައި ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އޮތް ކަމަށާއި، ޖަމަލު ހަނގުރާމައިގައި ޢަލީގެފާނާ ދެކޮޅަށް ޢާއިޝަތުގެފާނު ހުންނެވި ހުންނެވުމަކީވެސް އޭގެ ހެއްކެއްކަމަށް ބައެއް ލިޔުންތެރިން ލިޔެފައިވެއެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއްނެތް ވާހަކަތެކެވެ.

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން އެކަލޭގެފާނުގެ އަރިހުގައި ތިއްބަވަނިކޮށް އެތަނަށް ފާޠިމަތުގެފާނު ވަޑައިގެންނެވިއެވެ. މާތްﷲ ގަންދީ ބުނަމެވެ. އެކަމަނާގެ ހިންގެވުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިންގެވުމާ ތަފާތެއްނެތެވެ. އެކަމަނާ ވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ސިއްރުން ވާހަކަފުޅެއް ވިދާޅުވިއެވެ. އެއްވާހަކަފުޅު ވިދާޅުވުމުން އެކަމަނާ ކީރިތި ކުރެއްވިއެވެ. އަނެއްވާހަކަފުޅު ވިދާޅުވުމުން އެކަމަނާ ހިނިފުޅު ވެޑުވިއެވެ. ދެން ތިމަންކަމަނާ ފާޠިމަތުގެފާނަށް ދެންނެވީމެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ކަމަނާ ގާތު ޙަދީޘް ކުރެއްވީ ކީކޭތޯއެވެ؟] ފާޠިމަތުގެފާނު ވިދާޅުވިއެވެ. [މާތްﷲ ގެ ރަސޫލާ صلّى اللّـه عليه وسلّم ގެ ސިއްރެއް އަޅުގަނޑު ފާޅެއް ނުކުރާނަމެވެ.] ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު ތިމަންކަމަނާ ފާޠިމަތުގެފާނަށް ދެންނެވީމެވެ. [ކަމަނާގެ މައްޗަށް އަޅުގަނޑަށް ލިބިގެންވާ ޙައްޤު (ދޮންމަންމައެއްގެ ޙައްޤު) މެދުވެރިކޮށް ބުނަމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެދުވަހު އެ ޙަދީޘް ކުރެއްވީ ކީކޭތޯއެވެ؟]

ފާޠިމަތުގެފާނު ވިދާޅުވިއެވެ. [ކަމަނާ ތިޔަހެން ވިދާޅުވީތީ ދަންނަވަމެވެ. އެދުވަހު ބައްޕާފުޅު ވިދާޅުވިއެވެ. ޖިބްރީލުގެފާނު ކޮންމެ އަހަރަކު އެއްފަހަރު ޤުރްއާން މުރާޖައާކޮށްދެއްވައެވެ. ނަމަވެސް މިއަހަރު ޖިބްރީލުގެފާނު ދެފަހަރު ޤުރްއާން މުރާޖައާކޮށްދެއްވައިފިއެވެ. ބައްޕައަށް ހީވަނީ ބައްޕަގެ އަޖަލު ގާތްވެއްޖެހެންނެވެ. ދަރިފުޅު މާތްﷲ އަށް ތަޤުވާވެރިވެ، ކެތްތެރިވާށެވެ. މިހެން ޙަދީޘް ކުރެއްވުމުން ދޮންމަންމާފުޅަށް ފެނިވަޑައިގެންނެވި ފަދައިން އަޅުގަނޑަށް ރޮވުނީއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އޭ ފާޠިމާއެވެ. ދަރިފުޅު ސުވަރުގޭގެ އަންހެނުންގެ ސާހިބާއަށް ވުމަށް ނޭދެމުހެއްޔެވެ؟ އެހެން ޙަދީޘް ކުރެއްވުމުން އަޅުގަނޑަށް ހެވުނީއެވެ.

{ صحيح البخاري،كتاب الاستئذان،باب مَنْ نَاجَى بَيْنَ يَدَىِ النَّاسِ وَمَنْ لَمْ يُخْبِرْ بِسِرِّ صَاحِبِهِ، فَإِذَا مَاتَ أَخْبَرَ بِهِ،ޙަދީޘް 6285} 

ޒައިނަބުގެފާނަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ދޮށީ އަންހެންދަރިކަނބަލުންނެވެ. އެކަމަނާގެ ފިރިކަލުން ބަދުރުހަނގުރާމައިގައި ހައްޔަރުވެވަޑައިގެންނެވުމުން ފިރިކަލުން މިނިވަން ކުރެއްވުމަށް ޒައިނަބުގެފާނު ކުރެއްވި މަސައްކަތްޕުޅުވެސް ރިވާކޮށްދެއްވައިފައިވަނީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނެވެ. އެކަމަނާ ބަޔާން ކުރައްވައިފައިވެއެވެ.

ބަދުރު ހަނގުރާމައިގައި ހައްޔަރުވި އަސީރުންގެ ތެރޭގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަނބިދަރިކަލުން އަބުލްޢާޞް ބުނުއް ރަބީޢު ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ފިދުޔައެއް ކަމުގައި، އެކަލޭގެފާނުގެ އަނބިކަނބަލުން ޒައިނަބުގެފާނު ފޮނުއްވީ ވަރަށް ރީތީ ހާރުކޮޅެކެވެ. އެ ހާރުކޮޅަކީ އެކަމަނާގެ ކާވެނިފުޅުގެ ރޭ މައިކަނބަލުން ޚަދީޖަތުގެފާނު ތުރުކޮށް ދެއްވި ހާރުކޮޅެކެވެ. މި ހާރުކޮޅު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ފެނިވަޑައިގަތުމުން ލޯފޮދުން ކަރުނަފޮދު އޮހިގެންދިޔައެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަޙާބީބޭކަލުންނާ މުޚާޠަބުކުރައްވައި، އެ ހާރުކޮޅާއެކު އަބުލްޢާޞް ބުނުއް ރަބީޢު ދޫކޮށްލުމަށް ރުހޭނަމަ އެކަން ކުރެއްވުމަށް އެންގެވިއެވެ. ޞަޙާބީން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި ދެންނެވުމަށް އެއްވެސް އިޢުތިރާޟެއް ނުކުރެއްވިއެވެ. {އިބްނު ހިޝާމް، ސިޔަރަތު، ދެވަނަ ޖިލްދު، ޞަފްޙާ 653}

އިބްރާހީމުގެފާނަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ހަގުދަރިކަލުންނެވެ. އެދަރިކަލުން ލިބިވަޑައިގެންނެވި އައްސައްޔިދާ މާރިޔަތުލް ޤިބްޠިއްޔާ ރަޟިޔަﷲ ޢަންހާ ގެ ބަނޑުފުޅުންނެވެ. އެދަރިކަލުން ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމުގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން ދިހަވަނަ އަހަރުގެތެރޭގައެވެ. ބައެއް ޢިލްމުވެރިން ލިޔުއްވާގޮތުގައި ރަބީޢުލް އައްވަލު މަހުގެ ތެރޭގައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖުމާދުލް ޢާޚިރާމަހުގެ ތެރޭގައެވެ. އިބްރާހީމުގެފާނު އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ކޮބައިކަން މި އުއްމަތަށް ބަޔާންކޮށްދެއްވައިފައިވަނީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނެވެ. އިބްރާހީމްގެފާނު އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅު ބަޔާން ކުރައްވަމުން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [އެކަލޭގެފާނު މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ޢުމުރުފުޅުން އެންމެ އަށާރަ މަސްދުވަހުގައެވެ.]

 

މިއަދު އޮންލައިން