ގޭގަ ގެންގުޅޭ މެއިޑުންގެ އަގުބޮޑުވެ ދޭނެ މުސާރަ ނުލިބޭތީ މެއިޑުން ނުގެންގުޅެވިގެން ދަތިވާ މީހުންނަށް އެކަން ހިލޭ ޙައްލުކުރެވެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ގޭގަ ގެންގުޅޭ މެއިޑުންގެ އަގުބޮޑުވެ ދޭނެ މުސާރަ ނުލިބޭތީ މެއިޑުން ނުގެންގުޅެވިގެން ދަތިވާ މީހުންނަށް އެކަން ހިލޭ ޙައްލުކުރެވެން އޮތް މަގު-

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކަމުގެ މަޢުލޫމާތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އެހެންކަމާއިއެކުގައިވެސް މިއަދުނޫހުގެ މިއަދުގެ އެޑިޝަންގައިވާ ޢާއިޝަތުގެފާނުގެ ސިޔަރަތުން މިބައި (މިޙަދީޘްފުޅު) ފެނުމުން އަނެއކާވެސް ހަމަ ކިޔުންތެރިންނަށް އެބޮޑު ލުއިފަސޭހަކަން ލިބިގަންނަން ހަނދުމަކޮށްލަދޭން ބޭނުންވީއެވެ. 

"ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އުޑި އެނބުރުއްވުމުގެ ސަބަބުން ފާޠިމަތުގެފާނުގެ އަތްޕުޅުގައި ހުންނަނީ ފޮޅުލައިފައެވެ. އެކަމުގެ ޝަކުވާ އެކަމަނާ ކުރައްވައެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ހަނގުރާމައިގެ އަސީރުންތަކެއް ގެނެވުނެވެ. އެތަނުން އަޅެއް ދެއްވާތޯ ބެއްލެވުމަށްޓަކައި ފާޠިމަތުގެފާނު މާތް ރަސޫލާ  صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. 

އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެކޮޅަކު ނޫޅުއްވައެވެ. އުޅުއްވަނީ ޙުރުމަތްތެރި ދޮންމަންމާފުޅު ޢާއިޝަތުގެފާނެވެ. ފާޠިމަތުގެފާނު އެވާހަކަ ޢާއިޝަތުގެފާނުގެ އަރިހުގައި ދަންނަވާފައި އެނބުރި ވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގަނޑުވަރިކޮޅަށް ވަޑައިގަތުމުން އަރިހުގައި ވިދާޅުވެ ދެއްވެވިއެވެ. 

އެރޭ ޢަލީގެފާނާއި ފާޠިމަތުގެފާނު އަވަހާރަފުޅު ލައްޕަވަން ތިއްބަވަނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެންނެވިއެވެ. ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [ދަރިފުޅު އެދުނު ކަންތަކަށްވުރެ ހެޔޮކަން ބޮޑު ކަމެއް ބައްޕަ ދަރިފުޅަށް އުނގަންނަވައި ދެއްވަން ހެއްޔެވެ؟ ދަރިފުޅު ނިދުމުގެ ކުރީން ﷲ އަކްބަރު ތިރީސް ހަތަރުފަހަރު، ސުބްޙާނަﷲ ތިރީސްތިންފަހަރު، އަލްޙަމްދުﷲ ތިރީސް ތިންފަހަރު ކިޔާށެވެ. އެއީ ޚާދިމަކަށްވުރެ ދަރިފުޅުމެން ދެމީހުންނަށް ރަނގަޅު ކަމެކެވެ.]

{ صحيح البخاري، كتاب فضائل أصحاب النبى صلى الله عليه وسلم، باب مَنَاقِبُ عَلِيِّ بْنِ أَبِي طَالِبٍ الْقُرَشِيِّ الْهَاشِمِيِّ أَبِي الْحَسَنِ رضى الله عنه، ޙަދީޘް 3705} 

ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި އެފަދައިން ޛިކުރުކޮށްގެން ނިދައިފިނަމަ އެމީހަކަށް އަނެއްދުވަހު މަސައްކަތްކުރާނެ ހަކަތަ ދެއްވަވާނެކަމަށެވެ. ކުރަންޖެހޭ މަސައްކަތްތައް ކުރަން ބުރައަކަށްނުވެ ލުއި ފަސޭހަވެގެންދާނެތެވެ. އިން ޝާ ﷲ. އެހެނީ ނޯކަރަކު ނުގެންގުޅެ އެކަން އެއަށްވުރެ ފައިދާހުރި މަގަކުން ޙާޞިލްކުރެވޭނީ އެގޮތުން ކަމުގައިވާތީއެވެ.

 

މިއަދު އޮންލައިން