ލޯބިވާކަން ޔަޤީންކުރަން ކައިވެނިކުރުމުގެ ކުރިން ބޯންދޭ ޚާއްޞަ ކޮފީ އާ ކާމިޔާބު ކައިވެންޏަކަށް ބަލަންޖެހޭ އެންމެ މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ލޯބިވާކަން ޔަޤީންކުރަން ކައިވެނިކުރުމުގެ ކުރިން ބޯންދޭ ޚާއްޞަ ކޮފީ އާ ކާމިޔާބު ކައިވެންޏަކަށް ބަލަންޖެހޭ އެންމެ މުހިންމު ކަންކަން-

ކޮންމެ މުޖުތަމަޢުއެއްގައިވެސް ތަފާތު އާދަކާދަތަކެއް ހުރެއެވެ. އެގޮތުން ބައެއް މުޖުތަމަޢުތަކުގައި އޮންނަ އާދައިގެދަށުން ފިރިހެނަކަށް އަންހެނަކު ކައިވެނިކުރަން ކަމުދާނަމަ އޭނާގެ ގެއަށް ޒިޔާރަތްކުރާނެއެވެ. ޒިޔާރަތްކުރުމުން ކޮފީތަށްޓެއް ދޭނެއެވެ. 

އެކޮފީތަށްޓަކީ އާދއިގެ ކޮފީތަށްޓެއް ނޫނެވެ. އެއަށް ހުންނާނީ ލޮނާއި އަސޭމިރުސްވެސް އަޅައިފައެވެ. ޝަކުވާއެއް ނުކޮށް އެކޮފީތަށި ބުއިމަކީ ފުރަތަމަ ޓެސްޓެވެ. ދެވަނަ ޓެސްޓަކީ ފަހުން ދުވަހަކުވެސް އެފަދަ ކޮފީތަށްޓެއް ބޯން ޖެހުނަސް ހެޔޮކަމަށް ތައްޔާރުވެގެން އެހެން ދުވަހަކު އެގެއަށް ދިއުމެވެ. 

މިހިރީ އާދަކާދަތަކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ކައިވެނި ކާމިޔާބުވެ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބިދާނެކަން އަންގައިދޭ ކަންކަމެއް ނޫނެވެ. ޙަޤީޤަތުގައި 3 ކަމަކަށް ބަލަންޖެހެއެވެ. އެއީ އޭނާގެ އަޚްލާޤާއި ދީންވެރިކަމުގެ އިތުރުން ތިމާއަށް ކަމުދާ ސިފަތައް ހުރިތޯ އާއި އޭނާގެ ވިސްނުމެވެ. 

އަޚްލާޤާއި ދީންވެރިކަން ހުރުމަކީ މަޖުބޫރު ސިފައެކެވެ. ހަމައެއާއިއެކު ތިމާއަށް އެންމެ ރީތި ނޫން ކަމުގައިވީނަމަވެސް ބަލައިލަން ހިތްހަމަޖެހޭވަރުގެ މީހަކަށްވުމަކީވެސް ހަމަ މަޖުބޫރުކަމެކެވެ. ރީތިހުތުރަކީ އެކިމީހުންނަށް ތަފާތުވާ އެއްޗަކަށްވުމުން މިކަމުގައި ގޮތްނިންމަންވާނީ އެމީހަކު އަމިއްލައަށެވެ. 

އޭނާގެ ވިސްނުން ހުރި ގޮތެއް އެނގޭނީ ބައްދަލުވެ ވާހަކަ ދައްކައިގެންނެވެ. ދެމީހުން ބައްދަލުކުރަންޖެހޭނީ ހޭލުންތެރި، ގާތް މީހަކާއިއެކުގައެވެ. ބައްދަލުވުމުގައި ދެމީހުންވެސް އަނެކާގެ ކިބައިން ބޭނުންވާ ކަންކަމުގެ އިތުރުން އަނެކާގެ ގައިގައިހުރުން ބޭނުންވާ ސިފަތައް ބަޔާންކުރަންވާނެއެވެ. 

އެގޮތުން އަނެކާ ހުށަހަޅާ ކަންކަމަކީ ތިމާއަށް ޤަބޫލުކުރެވޭ، ޢަމަލުކުރެވޭނެ ކަންކަންތޯވެސް ކުރުއާލައި ކަނޑައަޅަންވާނެއެވެ. އެވަޤުތު އެއްބަސްވެފައި ކައިވެންޏަށްފަހު އެކަންކަމަށް ޢަމަލުނުކުރެވިއްޖެނަމަ ދެމީހުންގެ މެދުގައި މައްސަލަތައް ޖެހޭނެތީއެވެ.

- ޝައިޚް ޔަހްޔާ ޢާދިލް އިބްރާހީމްގެ ދަރުސަކުން

މިއަދު އޮންލައިން