ފިރިމީހާ އަނބިމީހާ ކައިރިން އެދުންފުއްދުމަށް އެދުމުން މަޤުބޫލު ޢުޒުރެއް ނެތްނަމަ އަނބިމީހާ އެކަމަށް އިޖާބަ ދިނުމަކީ އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މަޖްބޫރު ޙާލަތަކަށް ބެލެވޭނީ އަނބިމީހާ މައްސަރު ކަންތައް ޖެހިފައި ހުރުން، ނުވަތަ ފަރުޟުނަމާދެއް ނުކޮށް ހުއްޓާ ވަގުތު ކުޑަތަންވުން، ނުވަތަ ބަލިޙާލުހުރިގޮތުން އެފަދަ ކަމެއް އެވަޤުތުކޮށްދެވެން ނެތުން ފަދަ ކަންތަކެވެ.
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ( إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها، لعنتها الملائكة حتى تصبح) روى البخاري (3237) ومسلم (1436)
މާނައީ: " އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ފިރިމީހާ އަނބިމީގާތުން އެއްދާން ކުރުމަށް އެދުމުން، އަނބިމީހާ އެކަމަށް އިންކާރުކޮށް، އަދި ފިރިމީހާ އޭނާދެކެ ރުޅިއައިސްފައިވާޙާލު އެރޭ ވޭތުކޮށްފިނަމަ، އަނެއްދުވަހުގެ ހެނދުނު ވުމަށް ދާންދެން މަލާއިކަތްބޭކަލުން އެކަނބުލޭގެ މައްޗަށް ލަޢުނަތް ލައްވާ ޙުއްޓެވެ."
ޢުޒުރަކާނުލައި ފިރިމީހާގެ އެދުމަށް ނުކިޔަމަންތެރި ވެއްޖެނަމަ އަނބިމީހާ ބެލެވޭނީ ނުކިޔަމަންތެރިވި އަންހެނެއްގެ ގޮތުގައެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ނަފަޤާ (ޚަރަދު) އާއި އަންނައުނު ދިނުން ހުއްޓާލުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ.
މިފަދަ ކަމެއް ދިމާވުމުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އަނބިމީހާއަށް ނަޞޭޙަތާއި ވަޢުޡު ދިނުމެވެ. އަދި މި ކަމުގެ ނުބައިކަން ޤްރުއާނާއި ސުންނަތުގެ އަލީގައި އަނބިމީހާއަށް ވިސްނައިދިނުމަށް މަސައްކަތް ކުރުމެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ތަންމަތިން ވަކިކޮށް، އަދި އަނިޔާ ނުވާގޮތަށް އަދަބުދިނުންވެސް ހުއްދަވެގެންވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަނބިމީހާ ބޭނުންވުމުން އޭނާގެ ބޭނުންތައް ފުއްދައިދިނުން ފިރިމީހާގެ މައްޗަށް ވެސް ވާޖިބުވާނެ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރޭގަނޑު މެންދަންވަންދެން ބޭރުގައި އުޅެފައި ގެއަށް އައިސް، އަނބިމީހާއަށް އަޅާނުލައި ވަރުބަލިވެފައިކަމަށް ހަދައިގެން ބިއްދޮށަށް އެނބުރި އޮވެ ނިދުން ފިރިހެނުންނަކަށް ހުއްދަވެގެން ނުވާކަން މިއޮތީ އެނގޭށެވެ!