ޢަލީ އިޙްޞާން ފިރާޤް
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށް ކާފަ ވިދާޅުވާ ބޭފުޅަށްވެސް ޢާއިޝަތުގެފާނު ޚާއްޞަ ގޮތްކޮޅެއް ބެހެއްޓެވިއެވެ. އެބޭކައުކަނބަލުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއް ފަސްޖެހިވަޑައިގެންނެވުމެއްނެތި އެކަމަނާ ކުރައްވައެވެ. އެބޭފުޅުންވެސް ޢާއިޝަތުގެފާނަށް ވަރަށް ކަމޭހިއްތަވައެވެ. ހެޔޮފުޅުކޮށް ހިއްތަވައެވެ. ޖަމަލު ހަނގުރާމަ ނިމިގެން ޢާއިޝަތުގެފާނު ބަޞަރާއިން ފުރާވަޑައިގެންނެވުމުން ޙަސަންގެފާނާއި ޙުޞައިންގެފާނު، ދޮންމާމާފުޅުގެ ލަޝްކަރުގައި އެކަމަނާއާއެކު އެތައް މޭލަކަށް ދަތުރުފުޅު ކުރެއްވެވިއެވެ.
ޙަސަންގެފާނު އަވަހާރަވުމުގެ ކުރީން އެކަލޭގެފާނުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ފަސްދާނުވެޑުވުމުގެ ހުއްދައަކަށް ޢާއިޝަތުގެފާނުގެ އަރިއަހުން އެދިވަޑައިގެންފައެވެ. ޢާއިޝަތުގެފާނު އެއްވެސް އިޢުތިރާޟެއްނެތި އެކަމަނާގެ ކޮޓަރިކޮޅުގައި ޙަސަންގެފާނު ފަސްދާނުވެޑުވުމުގެ ހުއްދަ ދެއްވިއެވެ.
އިކްރިމާ ވިދާޅުވެފައިވާ ކަމަށް އިބްނު ސަޢުދު އޭނާގެ ޠަބަޤާތުގައި ލިޔުއްވައިފައިވެއެވެ. [ޙަސަންގެފާނާއި ޙުސައިންގެފާނާ ދެބޭކަލުން ވަޑައިގެންނެވުމުން ޢާއިޝަތުގެފާނު ފަރުދާ ކުރައްވައެވެ.] މިކަމާ އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. [އެދެބޭކަލުންނާ ފަރުދާއަކާ ނުލައި ބައްދަލު ކުރުމަކީ ހުއްދަކަމެވެ.]
ޒައިނަބުގެފާނުގެ ދަރިކަނބަލުން އައްސައްޔިދާ އުމާމާއަކީ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އެންމެ ދޮށީ ކާފަދަރިކަނބަލުންނެވެ. މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އުމާމާ ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. ވަރަށް ގިނައިން އެދަރިކަނބަލުން އުރުވަޑުވައި ލޯބި ކުރައްވައި ހައްދަވައެވެ. ބައެއް ފަހަރު ނަމާދުފުޅު ކުރައްވާއިރު އެދަރިކަނބަލުން އުރުވަޑުވައިގެން ހުންނަވައި ނަމާދުފުޅު ކުރައްވައި ހައްދަވައެވެ.
އުއްމުލް މުއުމިނީން އާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހަބަޝާގެވެރި ނަޖާޝީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ނުހަނު ގިނަ ހަދިޔާ ފޮނުއްވިއެވެ. އޭގެތެރޭގައި އަގުބޮޑެތި ގަހަނާތަށް ހިމެނެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެތަނުން އަނގޮއްޓިއެއް ނެންގެވިއެވެ. އެއަށް ފަހު އައްސައްޔިދާ އުމާމާ ބަލައިފޮނުއްވައިގެން ގެންނަވައި އެ އަނގޮއްޓި ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. [އޭ އަހުރެންގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ އިނގިލީގައި ތިޔަ އަނގޮއްޓިއަޅާށެވެ.] ( ސުނަނު އިބްނު މާޖާ،މިއީ ޙަސަން ދަރަޖައިގެ ހަދީޘެކެވެ.)
ޝައްކެއްނެތެވެ. މިދެންނެވި ބޭފުޅުންގެ މައްޗަށް އެއްވެސް ލޯބިފުޅެއް ނުވަތަ ކުލުނުވެރިކަމެއް ނުވާނަމަ ޢާއިޝަތުގެފާނު އެބޭފުޅުންގެ ވާހަކަފުޅުތައް މި އުއްމަތަށް ރިވާކޮށްދެއްވުމުގެ ބޭނުންފުޅެއް އޮންނާނެތޯއެވެ؟