ނެތްފެންވަރު ދައްކައި ހަޤީޤަތް އޮޅުވާލައިގެން ކައިވެނިކުރުމާ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަންކަން ކޮށްދެވޭނެ ފެންވަރު ނެތި ކައިވެނިކުރުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ނެތްފެންވަރު ދައްކައި ހަޤީޤަތް އޮޅުވާލައިގެން ކައިވެނިކުރުމާ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަންކަން ކޮށްދެވޭނެ ފެންވަރު ނެތި ކައިވެނިކުރުން ހުއްދައެއް ނޫން!

ކައިވެނިކުރުމުގައި އެމީހެއްގެ ފެންވަރުން ކައިވެނިކުރުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ސަބަބަކީ ކައިވެންޏަށްފަހު އަނބިމީހާ އެދޭ ކަންކަން ކޮށްދޭންޖެހޭނެތީއެވެ. ކޮށްނުދެވޭނަމަ މައްސަލަތައް ޖެހި ކައިވެނި ރޫޅިގެންދާނެތީއެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ ޙަޤީޤަތް އޮޅުވާލައި ނެތްފެންވަރު ދައްކައި ތިމާގެ  ހަޤީޤަތް އޮޅުވާލައިގެންނާއި ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ކޮށްދޭން ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަންކަން ކޮށްދެވޭނެ ފެންވަރު ނެތި ކައިވެނިކުރުން ހުއްދައެއް ނޫންކަމަށެވެ. އަދި އެއީ ޙަޜާމްކަމެއްކަމަށްވެސް ބައެއް ޢިލްމުވެރިން ވަނީ ކަނޑައަޅުއްވަވާފައެވެ. 

މިޘާލަކަށް ކައިވެނިކުރުމަށްފަހު އަނބިމިހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް މަޖުބޫރުވެގެންވާ ކަމެކެވެ. އެހެންކަމަށްވާއިރު އެކަން ކޮށްދެވޭނެ ފެންވަރު ނެތި، ފެންވަރު އެބަހުރިކަމަށް ބުނެގެން ކައިވެނިކުރުމަށްފަހު ބުނާނީ ކީކޭހެއްޔެވެ؟ އަހުރެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭކަސް ނެތޭ، ދެމީހުން މަގުމަތީގައި ދިރިއުޅުމާހެއްޔެވެ؟  

ވީމާ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭނެ ނަމަ ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ދިރިއުޅޭ އަންހެނަކާއި ކައިވެނިކޮށްގެން ދެމީހުންވެސް މަގުމަތީގައި އުޅޭށެވެ. އެއަންހެންމީހާއަށް އެގޮތް ކަމުދާނެއެވެ. އެނޫން މީހުންނަކަށް އެގޮތެއް ކަމަކު ނުދާނެއެވެ. 

ދެން އަނެއް ގޮތަކީ އަމިއްލަ ގެދޮރު ނެތްނަމަވެސް މައިން ބަފައިންގެ ގެދޮރުގައި ދިރިއުޅެވޭނެ ކޮޓަރިއެއް ނަމަވެސް ހުރުމެވެ. ގިނަ ދެމަފިރިން ފުރަތަމަ ދިރިއުޅެން ފަށަނީ ކޮންމެވެސް އެކެއްގެ ޢާއިލާއާއިއެކުގައެވެ. ދެމީހުން އެކުގައި ދިރިއުޅެމުން ފައިސާ އެއްކޮށްގެން ވަކިދިރިއުޅުން ހޯދާމީހުން ބައިވަރެވެ. 

ހަމައެފަދައިން ކައިވެނިކުރުމުގައި މަކްރޫހަ ގޮތެއްވެސް އެބަ އޮތެވެ. އެއީ އަނެކާ ދެކެ ލޯބިނުވިނަމަވެސް ލޯބިވާކަމަށް ބުނެގެން އޭނާގެ ގޭގައި ދިރިއުޅުމުގެ ބޭނުމުގައި ކައިވެނިކުރުމެވެ. ބައެއް އަންހެނުން ކައިވެނިކުރަނީ މިބުނި ގޮތަށެވެ. މައިންބަފައިންގެ ގެދޮރުގައި ދިރިއުޅެން ދަތިވުމުންނެވެ. އެއްސަބަބަކީ ގޭގައި ޖާގަނެތުމެވެ. އަނެއް ސަބަބަކީ މައިންބަފައިންގެ ޢަމަލުތައް ހުންނަ ގޮތުން އަވަހަށް އެމީހުންނާއި ދުރަށްދާން ބޭނުންވުމެވެ.  

މިގޮތްގޮތަށް މެދުވެރިވެގެން ކައިވެނިކޮށްގެން ފިރިމީހާއަށް ލޯތްބެއް ނުދެވޭނެއެވެ. އަޅައިލުމެއްވެސް ނުދެވޭނެއެވެ. އިސާހިތަކު މައްސަލަތައްޖެހެން ފަށާނެއެވެ. މިގޮތަށް ކައިވެނިކުރުން މަކްރޫހަކަމަށް މިބުނާ އަނެއް ސަބަބަކީ ލޯބިނުވާއިރު ލޯބިވާކަމަށް ބުނެ ދޮގުހަދައިގެން ކައިވެނިކުރާތީއެވެ. 

ހަމައެފަދައިން ކައިވެނިކުރުން ވާޖިބުވާ ޙާލަތެއް އެބަ އައުދެއެވެ. އެއީ ކައިވެނިކޮށްގެން ދިރިއުޅެވޭނެ މަގުފަހިވެ، ކައިވެނިނުކޮށް ނުހުރެވޭ ޙާލަތެވެ. މިބުނަނީ ޖިންސީ އެދުންތައް ނުފުއްދައި ނުހުރެވޭނަމައެވެ. ޙަރާމްގޮތުގައި އެކަންކަން ކުރެވޭނަމައެވެ. އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އަވަހަށް ކައިވެނިކުރުމެވެ. 

މިވާހަކަ މިދެއްކީ ހަމައެކަނި އަންހެނުންނަށް ނިޞްބަތްކޮށްގެނެއް ނޫނެވެ. ފިރިހެނުންވެސް ހިމަނައިގެންނެވެ. 

- ޝައިޚް ޔަޙްޔާ ޢާދިލް އިބްރާހީމްގެ ދަރުސަކުން

 

މިއަދު އޮންލައިން