އަނބިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑު އެއް ފާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަނބިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑު އެއް ފާފަ!

އަނބިންނަށް އަނިޔާވެރިވުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިގެންވާ ކަމެކެވެ. އެކަމުގެ ބޮޑުކަމުން ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި އަނބިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑު ފާފައެކެވެ. 

އިސްލާމް ދީނުގައި އެންމެ މަތިވެރިކަން ލިބިގެންވާ މީހަކު ކަމުގައި ވެވެން އޮތް ސަބަބުތަކުގެ ތެރޭގައި ޢާއިލާއަށް، ޚާއްޞަކޮށް އަނބިންނަށް ހެޔޮކޮށް ހިތުން ލައްވަވާފައިވާކަން ޙަދީޘްފުޅުން އެނގެން އޮތްއިރު އެކަން ނުކުރުމުން ޙައްޤުވާ ޢުޤޫބާތެއް އޮތްކަމަށްވެސް ޤަބޫލުކުރަންވާނެއެވެ.  

ދެމަފިރިންނަކީ އެންމެ ގާތް 2 ރަޙްމަތްތެރިންގެ ގޮތުގައި އުޅުމަކީ ކައިވެނި ނުވަތަ ޒަވާޖީ ޙަޔާތް ބާއްޖަވެރިވުމަށް އޮތް މަގެކެވެ. ވީމާ ދެމީހުން ވާހަކަދައްކައި އެކުވެރިވާންވީ ވަކިކަމަކަށް ބޭނުންވުމަކުން ނޫނެވެ. އަނެކާގެ ކިބައިން ކޮންމެވެސް އެދުމެއް ޙާޞީލުކުރަންވުމަކުން ނޫނެވެ.  

އަދިވެސް ބުނެލާނަމެވެ. އިންސާނުން ކަމުގައިވީތީ އެންމެން އެއްގޮތެއް ނުވާނެއެވެ. ނުބައި މީހުންނާއި ރަނގަޅު މީހުން އުޅޭބެއެވެ. ކިތަންމެ ހެޔޮކޮށް ކަންކަންކުރި ނަމަވެސް އެކަން ނުދަންނަ ބައަކުވެސް އުޅޭނެއެވެ. އެހެނަސް ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބާއްވައި ލޯބިދީގެން އުޅެން ދެމީހުންވެސް މަސައްކަތްކުރާނަމަ ތިމާއަށް ބޭނުންވާ އުފާވެރިކަން ނުލިބިގެން އުޅެންޖެހޭނީ ވަރަށް މަދު މީހަކަށެވެ.  

އިސްލާމް ދީނުގައި އަނބިންނަށް ހެޔޮވާން އޮވެފައި ނިމެނީއެއް ނޫނެވެ. ފިރިމީހާއަށް ވަފާތެރިވެ އަމާނާތްތެރިވެ ކިޔަމަންތެރިވުމަކީ އަނބިމީހާއަށް ސުވަރުގެ ވަދެވެން އޮތް އެންމެ ފަސޭހަ އެއް މަގެވެ. މިދެއްކެނީ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް ޙާޞިލުކުރެވެން އޮތްކަމުގެ ވާހަކައެވެ. އެއަށްވުރެ ބޮޑު ނިޢުމަތަކީ ކޮބައިހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން