ޢާއިޝަތުގެފާނުގެ ސީރަތު: މީސްތަކުންނަށް ޢާއިޝަތުގެފާނު ދެއްވި ބައެއް އަގުހުރި ނަސޭޙަތްޕުޅުތައް

ކިޔުމަށް ހޭދަވާނީ 4މ 14ސ
ޢާއިޝަތުގެފާނުގެ ސީރަތު: މީސްތަކުންނަށް ޢާއިޝަތުގެފާނު ދެއްވި ބައެއް އަގުހުރި ނަސޭޙަތްޕުޅުތައް

ޢަލީ އިޙްޞާން ފިރާޤް

 

މޫނުބުރުގާ ތުރުކުރައްވައި، ފަރުދާ ކުރައްވައިގެން އުޅުއްވިނަމަވެސް، މީސްތަކުންނަށް ހެޔޮ ނަޞޭޙަތްޕުޅުތައް ދެއްވުމާއި، އިރްޝާދެއްވުމުގައި ޢާއިޝަތުގެފާނު، ފިރިހެން ޞަޙާބީންނަކަށްވުރެ ވަކިން ދެރައެއްނޫނެވެ. އެކަމަނާ މީސްތަކުންނަށް ދެއްވައިފައިވާ ހުރި ނަޞޭޙަތްޕުޅުތައް ޙަދީޘް ޢިލްމުގެ ފޮތްތަކާއި، ފިޤުހު ފޮތްތަކުގައި ވަރަށް ގިނައިން ހުރެއެވެ. 

ޢުޘްމާނުގެފާނުގެ ޚިލާފަތުގެފަހުކޮޅު މީސްތަކުން އެކަލޭގެފާނަށް ނިސްބަތްކޮށް ބަދުބަސްތައް ރައްދުކުރަމުން ގެންދިޔައެވެ. އެކަން އެނގިވަޑައިގެން އެކަމުގެ ލަފައަކަށް އެދި مخارق بن ثمامه އޭ ކިޔުނު ބަޞަރާގެ އިސްވެރިއަކު ޢާއިޝަތުގެފާނަށް ސިޓީއެއް ފޮނުއްވިއެވެ. ޢާއިޝަތުގެފާނު ސިޓީގެ ޖަވާބުގައި ލިޔުއްވިއެވެ. [ޢުޘްމާނުގެފާނަށް ލަޢުނަތްދޭ ބަޔަކަށް މާތްﷲ ލަޢުނަތް ލައްވާނެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢުޘްމާނުގެފާނުގެ ގައިކޮޅުގައި ލެނގިވަޑައިގެން އިންނަވަނިކޮށް ވަޙީ ބާވައިލެއްވި މަންޒަރު އަހަރެން ދުށީމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދެދަރިކަނބަލުންގެ ކައިވެނިފުޅު ޢުޘްމާނުގެފާނަށް ދެއްވެވިއެވެ. ވަޙީ ލިޔުއްވުމަށްޓަކައި އެކަލޭގެފާނު އައްޔަންކުރެވުނެވެ.] {އަޙްމަދު، މުސްނަދު، ވޮލިޔުމް 6، ޞަފްޙާ 261}

ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހުގެ ދަރިކަލުން އަބޫސަލަމަތު، ބިމެއްގެ މައްސަލައިގައި މީހަކާ ދެބަސްވިއެވެ. މިކަމުގެ ޚަބަރު ލިބިވަޑައިގެން ޢާއިޝަތުގެފާނު، އަބޫސަލަމަތު ގެންނަވައި އެބިން ދޫކޮށްލެއްވުމަށް ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. [އަނިޔާވެރިކަމާއެކު މީހެއްގެ ބިމުން ކައިވަތެއްގެ މިންވަރު އަތުލިމީހަކަށް ޤިޔާމަތް ދުވަހުން އޭނާގެ ކަރުގައި އޭގެ ހަތް ބިން އެޅުވޭ ހުއްޓެވެ.] 

ابن أبي السائب އަކީ މަދީނާގެ ވަރަށް މަޝްހޫރު ވާޢިޡެކެވެ. ވާހަކަ ކިޔައިދޭން މޮޅު މީހެކެވެ. އޭނާއަށް ނަޞޭޙަތް ދެއްވަމުން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [ދުޢާ ކުރާއިރު ބޭނުންނެތް ބަސްތައްލައިގެން ދުޢާގެ އިބާރާތް ދިގު ނުކުރާށެވެ. މީސްތަނުންނަށް ވަޢުޡު ބުނާއިރު ހަފްތާއަކު އެއްފަހަރު ވަޢުޘު ބުނާށެވެ. ދެ ދުވަސް ނުވަތަ ތިން ދުވަހަށްވުރެ އިތުރު ނުކުރާށެވެ. އެގޮތަށް ކަންތައް ކުރަންފަށައިފިނަމަ މީސްތަކުން ފޫހިވެދާނެއެވެ. މީސްތަކުންގެ މަޖިލިސްތަކަށް ގޮސް އެބައިމީހުންގެ ވާހަކަތައް މެދުކަނޑައިލުމަށްފަހު ވަޢުޡުބުނެ ވާހަކަ ކިޔައިދީ ނަހަދާށެވެ. އެކަން ކުރާނީ އެބައިމީހުން އެކަމަށް އެދުމުންނެވެ.] 

ޢަރަބިކަރަ ފިޔަވާ އެހެން ޤައުމުގެތަކުގެ މީހުން، ރަލާއި މަސްތުވާތަކެއްޗަށް ތަފާތު ނަންތައްދީގެން އުޅެއެވެ. މީސްތަކުން އެފަދަ ބާވަތަކާމެދު ސުވާލު ދެންނެވުމުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [ކޮންމެ ނަމެއް ކިޔަސް ރާވާނީ ރަލަށެވެ.]

އެކަމަނާ މުސްލިމު އަންހެނުންނަށް ނަޞޭޙަތް ތެރިވެވަޑައިގެންފައިވަނީ ފައިގައި ތަކަހޮޅި އަޅާއިރު އޭގެއިން އަޑު ކިޔާ ވައްތަރުގެ ތަކަހޮޅި ނޭޅުމަށެވެ. އެހެނީ އެއީ ފިރިހެނުންގެ ޝައުޤުވެރިކަން އެކަނބަލުންގެ މައްޗަށް ހުއްޓޭނެ ކަމެއްކަމުގައިވާތީއެވެ. 

އެއްފަހަރު ޢާއިޝަތުގެފާނަށް ފެނިވަޑައިގެންނެވީ ޅަ ފުރައިގެ ދެ އަންހެން ކުއްޖަކު ބުރުގާ ނާޅައި ނަމާދު ކުރަނިކޮށެވެ. އެ މަންޒަރު ދެކެވަޑައިގެން އެދެކުދިންނަށް ނަޞޭޙަތްތެރިވެވަޑައިގެންނެވީ ނަމާދު ކުރާއިރު ބުރުގާ އަޅައިގެން ނަމާދު ކުރުމަށެވެ. އެކަމަނާ ވަރަށް ގިނައިން މީސްތަކުންނަށް ޖިހާދު ކުރުމަށް ހިތްވަރުދެއްވައެވެ. 

އެއްފަހަރު ބަޔަކު މީހުން ޢާއިޝަތުގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ބައެއް މީހުން ރެޔަކު ދެތިން ފަހަރު ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވާ ނިންމައެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެބައިމީހުން ޤުރްއާން ކިޔެވުމެކޭ، ޤުރްއާން ނުކިޔެވުމެކޭ އެއްފަދައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ގިނައިން، ވަރަށް ގިނަ ވަގުތުވަންދެން ރޭގަނޑު ތަހައްޖުދު ނަމާދު ކުރައްވައެވެ. ނަމަވެސް ބަޤަރާ ސޫރަތާއި، އާލުޢިމްރާން ސޫރަތާއި، ނިސާ ސޫރަތަށްވުރެ އިތުރަކަށް ކިޔަވާ ވިދާޅެއް ނުވެއެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވުމުގައި އުފާވެރިކަމުގެ ޚަބަރެއްގެ އާޔަތަކާ ދިމާވެއްޖެނަމަ އެކަމަކަށް އެދި ދުޢާ ކުރައްވައެވެ. ޢަޛާބުގެ އާޔަތެއް ދިމާވެއްޖެނަމަ، އެކަމަކުން ބަރީއަކޮށްދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވައެވެ.] 

ކަޢުބާގެ އުރަކޮޅަކީ ކޮންމެ އަހަރަކު އާ ކުރެވޭ އެއްޗެކެވެ. ޢާއިޝަތުގެފާނުގެ ޒަމާނުގައި ކަޢުބާގެ މުތަވައްލީ ހައްދަވާ ގޮތަކީ އާ އުރަކޮޅު ލެއްވުމަށްފަހު ބާ އުރަކޮޅު ވަޅުލަނީއެވެ. އެއީ އޭގެ ޙުރުމަތްކެނޑި ނަޖިސްވެގެން ގޮސްދާނެތީއެވެ. މިކަން އެނގިވަޑައިގެން ޢާއިޝަތުގެފާނު، ކަޢުބާގެ މުތަވައްލީ ޝައިބާއަށް އެންގެވިއެވެ. [ތިޔަ ހައްދަވަނީ އަދި ރަނގަޅަކަށް ނޫނެވެ. އެ އުރަކޮޅު ކަޢުބާއިން ބޭލުމުން އެއަށް އަންނާނީ އާންމު ފޮތީގެ ޙުކުމެވެ. ވީމާ އެ ފޮތިގަނޑު ވިއްކަވައިލައްވައިފައި، ލިބޭ ފައިސާ މިސްކީނުންނަށް ބައްސަވާށެވެ.]

{މި ސުރުޚީގެ ދަށުން ހިމަނައިލި މަޢުލޫމާތު ނެގީ ސައްޔިދު ސުލައިމާން ނަދުވީ ލިޔުއްވި ޢާއިޝަތުގެފާނުގެ ސީރަތު މި ފޮތުންނެވެ.}

 

މިއަދު އޮންލައިން