ދުވަހުގެ އާޔަތް: އެއްވެސް މީހަކަށް މޫނުކުނިކުރުން ފަދަ ކުޑަކުޑަ ފާފައެއްވެސް ނުކުރަންވީ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދުވަހުގެ އާޔަތް: އެއްވެސް މީހަކަށް މޫނުކުނިކުރުން ފަދަ ކުޑަކުޑަ ފާފައެއްވެސް ނުކުރަންވީ ސަބަބު-

﴿7﴾ فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ

﴿8﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ 

"ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ."

"އަދި ޙައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ."

(އައްޒަލްޒަލާ: 7،8) 

މީސްތަކުންގެ ވިސްނުން މިއަދު މިވަނީ ބަދަލުވެފައެވެ. ބޮޑެތި ފާފަތައްކުރަން ޖެހިލުންނުވާތަނުގައި ކުދިފާފަތައް ކަމަށް ބެލެވޭ ފާފަތައްކުރަން އެއްވެސް ވަރަކަށް ޖެހިލުން ނުވާ މީހުން ދަނީ ގިނަވަމުންނެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. 

ކިތަންމެ ކުޑަނަމަވެސް ފާފައަކަސްވެދާނެ ހަމައެއްވެސް ކަމެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. ﷲ ތައާލާ ކުދިފާފަތައް ފުއްސަވައި ދެއްވަވާ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. އެހެނަސް ބިރެއް ނެތި ކުދި ފާފަތައް ނަމަވެސް ކުރާނަމަ އެކަމުން އެނގެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތްކަމެވެ. އެހެންކަމަށްވެއްޖެނަމަ އެފާފަތައް ފުއްސަވައި ދެއްވަވާނެކަން އެނގެނީ ކިހިނަކުންހެއްޔެވެ؟ 

ﷲ ތަޢާލާއީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. އެހެނަސް ތައުބާގެ ޝަރުޠުތަކުގެ ތެރޭގައި އެފަދަ ފާފައެއް އަލުން ނުކުރަން ނިޔަތްގަތުން ހިމެނިގެންވެއެވެ. މިދެއާޔަތުން އެނގިގެންދަނީ އެމީހަކަށް ކުރެވޭ ކިތަންމެ ކުޑަކުޑަ ހެޔޮ ޢަމަލެއްވެސް ގެއްލިގެން ނުދާނެކަމާއި އަދި ކިތަންމެ ކުޑަކުޑަ ފާފައެއް ކުރެވުނު ނަމަވެސް އެފާފައެއް އެމީހަކާއި ބައްދަލުކުރާނެކަމެވެ. 

ޢަފޫކޮށްދެއްވެވުމާއި ޢަޛާބު ދެއްވެވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ ފާފައިގެ ސައިޒަށް ނުބަލާށެވެ. ކިތަންމެ ކުޑަކުޑަ ފާފައެއް ނަމަވެސް ނުކުރަން މަސައްކަތްކުރާށެވެ. މީސްތަކުންނަށް މޫނުކުރިކުރުން ފަދަ ކުޑަކުޑަ ޢަމަލެއް ނަމަވެސްމެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން