ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު ސާބިތުކޮށްދެއްވެވީ މޫނު ބުރުގާ އަޅައިގެންވެސް، ފުރިހަމަ މާނައިގައި ދީނީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ހަރަކާތްތެރިވެވިދާނެކަން-

ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު ސާބިތުކޮށްދެއްވެވީ މޫނު ބުރުގާ އަޅައިގެންވެސް، ފުރިހަމަ މާނައިގައި ދީނީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ހަރަކާތްތެރިވެވިދާނެކަން-

ޢަލީ އިޙްޞާން ފިރާޤް

 

އަންހެނުންގެ ޙައްޤުތައް ދިފާޢުކުރެއްވުން: 

މުސްލިމުން އަންހެންނަށް ޢާއިޝަތުގެފާނުވަނީ ވަރަށް ބޮޑު ފިލާވަޅެއް ދެއްވައިފައެވެ. މޫނުބުރުގާ ތުރުކުރައްވައިގެން ނުވަތަ ފަރުދާ ކުރައްވައިގެން އިންނަވައިގެންވެސް ފުރިހަމަ މާނައިގައި ދީނީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ހަރަކާތްތެރިވެވިދާނެކަމެވެ. ޢިލްމުވެރިކަމާއި، ޢިލްމު އުނގަނަވައިދެއްވުމާއި، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކާ ބޭނުންވާނެ ރަނގަޅު ނަޞޭޙަތާއި އިރްޝާދު ދެވިދާނެކަމެވެ. 

ޞަޙާބީންގެ ތެރެއިން އަންހެން ބޭފުޅުން އެކަނބަލުންގެ ކަންބޮޑުވުންތައް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ހުށައަޅުއްވަނީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު މެދުވެރި ކުރައްވައެވެ. އެއްފަހަރަކު ޢުޘްމާން ބިން މަޘްޢޫން ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [ޢުޘްމާން ކޮންމެ ދުވަހަކު ހުންނަވަނީ ރޯދަފުޅަށެވެ. ރޭގަނޑު ހަތަރުދަން ހޭދަކުރައްވަނީ ރޭއަޅުކަން ކުރެއްވުމުގައެވެ.] 

ޢާއިޝަތުގެފާނު މިވާހަކަ މާތް ރަސޫލާއަށް ދެންނެވުމުން އެކަލޭގެފާނު، ޢުޘްމާންގެފާނު ހާޒިރުކުރައްވައި ޙަދީޘް ކުރެއްވިއެވެ.

[އިސްލާމްދީން ރަހްބާނިއްޔަތަކަށް ތަރުހީބެއް ނުދެއެވެ. ކަލޭގެފާނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނު މާތްﷲ އަށް ބިރުވެތިވަމެވެ. އަދި އެކަލާނގެ ޙުދޫދުތަކަށް ރައްކާތެރިވަމުއެވެ. ތިމަންކަލޭގެފާނު އަނބިއަނބިކަނބަލުންނަށް އެކަނބަލުންގެ ޙައްޤުތައް އަދާކުރަމެވެ. ތިމަންކަލޭގެފާނުގެ ކިބައިގައި ކަލޭގެފާނަށް ނަމޫނާއެއް ނުވޭތޯއެވެ؟] 

ޞަޙާބިއްޔާތުންގެ ތެރެއިން ޙަވްލާ އެވެ ކިޔުނު ބޭކަނބަލަކު ރޭގަނޑުގެ ހަތަރުދަން ހޭދަކުރައްވަނީ ރޭއަޅުކަން ކުރެއްވުމުގައެވެ. ޢާއިޝަތުގެފާނު މިވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވުން ޙަދީޘް ކުރެއްވެވީ ނަފްސަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަށް ހެޔޮކަންތައް ކުރުމުގައި ދެމިހުންނެވުމަށެވެ. 

އެއްފަހަރު އަންހެނަކު ވައްކަމެއްކޮށްގެން އޭނާގެ މައްޗަށް ވައްކަމުގެ ޙައްދު ޤާއިމު ކުރެވުނެވެ. އޭނާ އެ ކުށުން ތައުބާވިއެވެ. ޢާއިޝަތުގެފާނު އޭނާގެ އަރިހަށް ވަޑައިގަންނަވައެވެ. އޭނާ އެދިވަޑައިގަންނަވާ ބައެއް ކަންތައްތައް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދަންނަވައި ދެއްވައެވެ. ކުށްވެރިން މުޖުތަމައުން އެއްފަރާތްކޮށް އެކަހެރި ކުރުމުގެ ބަދަލުގައި އެބައިމީހުން ތައުބާވެއްޖަނަމަ، މުޖުތަމައިން އެމީހަކު ބަލައިގަތުމުގެ މުހިންމުކަން މި ވާހަކައިން ހާމަވެއެވެ.

އެއްވެސް ފަރާތަކުން އަންހެނަކަށް ބަދުބަހެއް ރައްދުކޮށްފިނަމަ ޢާއިޝަތުގެފާނު އެކަމާ ކޯފާ އިސްކުރައްވައެވެ. އެބުނި ބަހުގެ އަސްލެއްނެތްކަން ބަޔާން ކުރައްވަނީ ޤުރްއާނާއި، ސުންނަތުގެ އަލީގައެވެ. އިބްނުޒުބައިރަށް ޤަބޫލުފުޅު ކުރެވިފައި އޮތީ ޙައްޖުގެ އަޅުކަމުގައި އަންހެނުންގެ އިސްތަށިގަނޑުން ހަތުރު އިންޗި ވަރު ކަނޑަން ޖެހޭނެ ކަމުގައެވެ. ނަމަވެސް ޢާއިޝަތުގެފާނު އެކަމަށް އިންކާރު ކުރައްވާ ވިދާޅުވަނީ ބޮލުގެ އިސްތަށިގަނޑުގެ އެއްފަރާތަކުން ކުޑަ ތަންކޮޅެއް ކަނޑައިލުމުން ފުދޭނެކަމުގައެވެ. 

ވާރުތަ މުދަލުން އަންހެނުންނަށް ބައި ލިބޭގޮތަށް ކަނޑައެޅިގެން ދިޔައީ އިސްލާމީ ޝަރީޢަތުގައެވެ. ވާރުތަ މުދަލާ ބެހޭ ޙުކުމްތައް ޤުރްއާނުގައި ބަޔާންވެގެންވެއެވެ. ފަރާއިޟުގެ ޢިލްމުގެ ޙުކުމްތައް ކަނޑައެޅުމުގައި ޤުރްއާނުގެ އިތުރުން ސުންނަތުގެ ބޭނުންވެސް ވަރަށް ބޮޑެވެ. އެއްފަހަރަކު މަރުވި މީހެއްގެ އެއްވެސް ފިރިހެން ދަރިޔަކުނެތެވެ. ތިބީ އަންހެންދަރީންނާއި، ކާފަ ދަރިންނެވެ. އިބްނުމަސްޢޫދުގެފާނު ވިދާޅުވަނީ އޭނާއަށް ކާފަކިޔާ އަންހެންދަރިންނަށް ވާރުތަ މުދާ ނުލިބޭނެކަމުގައެވެ. ނަމަވެސް ޢާއިޝަތުގެފާނު ވިދާޅުވަނީ ލިބޭނެކަމުގައެވެ.

{މި ސުރުޚީގެ ދަށުން ހިމަނައިލި މަޢުލޫމާތު ނެގީ ސައްޔިދު ސުލައިމާން ނަދުވީ ލިޔުއްވި ޢާއިޝަތުގެފާނުގެ ސީރަތު މި ފޮތުންނެވެ.} 

މިއަދު އޮންލައިން