ފާފަކުރެވުން: ޤުރްއާން ހިތުދަސްކުރަން ހުރަސްއެޅޭކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ފާފަކުރެވުން: ޤުރްއާން ހިތުދަސްކުރަން ހުރަސްއެޅޭކަމެއް!

މިއީ ހަމަ ގިނަ ބައެއްގެ ޝަކުވާއެކެވެ. އެޝަކުވާއަކީ ކީރިތި ޤުރްއާން ކިޔެވިނަމަވެސް ހިތުދަސްކުރަން އުނދަގޫވުމެވެ. އެކަން އެގޮތަށް މެދުވެރިވަނީ ފާފަކުރެވޭތީއެވެ. އެތައް ދުވަހަކު ކުރު ސޫރަތެއް ކިޔެވިނަމަވެސް ހިތުންދަސްނުކުރެވޭތީއެވެ. 

ފުރަތަމަ ބަލައިލަންވީ ﷲ ތައާލާގެ ވަހީ ބަސްފުޅަށެވެ. "....ތިއަބައިމީހުން، ﷲ އަށް  ތަޤްވާވެރިވާށެވެ!. ﷲ، ތިއަބައިމީހުންނަށް އުނގަންނަވައި ދެއްވަވާނެތެވެ! ﷲ އީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާގެއެވެ.!" (އަލްބަޤަރާ: 282) 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟" (އަލްޤަމަރު: 17) 

އިމާމް ޝާފީއަކީ ހިތުދަސްކުރައްވަން ވަރަށް ކުޅަދާނަފުޅު، ވަރަށް ތޫނުފިލި ޢިލްމުވެރިއެކެވެ. އެހެންކަމާއިއެކުވެސް ހިތުދަސްކުރައްވަން އުނދަގޫފުޅުވެގެން އުސްތާޛެއް ކަމުގައިވާ ވަކީ އިބުނު ރައްޖާޙް  ގާތު ޝަކުވާ ކުރެއްވުމުން ވިދާޅުވިއެވެ. 

"ޢިލްމަކީ ﷲ ތަޢާލާ ދެއްވަވާ ނޫރެކެވެ. އެ ނޫރު ލިބުމަށް އެދޭމީހާ ފާފަނުކުރާށެވެ! ފާފައަކާއި ކައިރިވެސް ނުވާށެވެ!" 

ނިކަން ވިސްނައިލަބަލާށެވެ! މިއީ ޝާފިޢީ މަޛްހަބުގެ އިމާމް، އިމާމް ޝާފިޢީގެފާނަށް އެކަލޭގެފާނުގެ އުސްތާޛަކު ދެއްވި ނަޞޭޙަތްޕުޅެވެ. އަހަރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟

މީސްތަކުންނޭވެ! މިހާރަކަށް އައިސް އުނގެނެން އެންމެ ބޮޑަށް އުނދަގޫވާ ސަބަބަކީ ބޭކާރު ވިސްނުންތަކުން ސިކުނޑި ފުރާލާފައިވުމެވެ. ޙަދީޘްފުޅުގައި އޮތީ އެމީހަކާއި ނުބެހޭ ކަންކަމާއި ނުބެހި ދޫކޮށްލުމެވެ. ނަމަވެސް މިހާރު ކޮންމެ މީހެއްގެ ސިކުނޑީގައިވެސް އެންމެ ބޮޑަށް ގިނަވެފައިހުންނަނީ އެހެން މީހުންގެ މައްސަލަތަކެވެ. އެހެން މީހުން ކުރާކަންކަމެވެ. 

މުޅި ދުވާލު ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތައް ބޭކާރުކޮސްލަނީ އެހެން ކުރާ ކަންކަމަށް ވާހަކަދެއްކުމުގައެވެ. އެކަމުގެ ސަބަބުން ފަތިސްނަމާދަށް އަރާއިއރު އެއީ 2 ރަކްޢަތް ނަމާދެއްކަން ހަނދާން ނުހުންނަ މީހުންވެސް އެބައުޅެއެވެ. މިހާލަތަށް ކަންކަން ދިއުމުން ދެން ސިކުނޑިއަށް އެއްޗެއް އަޅާނީ ކޮން ޖާގައަކަށްހެއްޔެވެ؟

ވީމާ ޤުރްއާން ނަމަވެސް އެހެން ޢިލްމެއް ނަމަވެސް އުނގެނެން ބޭނުންވާމީހާ، ޚާއްޞަކޮށް ހިތުދަސްކުރަން ބޭނުންވާ މީހާ މިބިޔަނާންކުރި ކަންކަމަށް ސަމާލުކަންދޭށެވެ. ފުރަތަމަ ކަމަކީ ފާފަ އަކާއި ކައިރިވެސް ނުވުމެވެ. ތަޤްވާވެރިވުމެވެ. ދެވަނަ ކަމަކީ ބޭކާރު ވިސްނުންތައް ސިކުނޑީގައި ނުބެހެއްޓުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން    

 

 

މިއަދު އޮންލައިން