މައެއްގެ މިޝަކުވާތަކަށް ވިސްނައިލާށެވެ. މިއީ ހަމަ ވަރަށް ގިނައިން މެދުވެރިވާ ޙާލަތެކެވެ. މިޙާލަތުން ސަލާމަތްވެވޭނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމުގެ ފުރުޞަތު މައިންނަށް ހޯދައިދެވިގެންނެވެ. ތަނަވަސްކަން ހުރިނަމަ އެކަމަށް ކުރަންޖެހޭ ހޭދައަށް ނުވިސްނާށެވެ. އެންމެ ދަރިއަކު ނަމަވެސް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވުމަކީ ފައިސާ ފުންޏަކަށްވުރެ މާފައިދާހުރި ކަމެކެވެ.
އަޅުގަނޑަކީ 2 ކުދިންގެ މަންމައަކީމެވެ. އަޅުގަނޑާއި ފިރިމީހާއާއި ކުދިން އުޅެނީ ފިރިމީހާގެ އާއިލާއާއިއެކު އެމީހުންގެ ގޭގައެވެ. އެގޭގައި އޭނާގެ ދައްތައާއި ދައްތަގެ ކުދިންތިބެއެވެ. އަޅުގަނޑު ވަނީ ވަކިން ގެއެއްގައި އުޅެން ބޭނުންކަމަށް ބުނެފައެވެ. ސަބަބަކީ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ދަރިން ތަރުބިއްޔަތުކުރުމުގައި ރަގަޅު އުސޫލުތަކުގައި ހިފެހެއްޓުމަށެވެ.
އަޅުގަނޑު މިސާލެއް ބުނެފާނަމެވެ. އަޅުގަނޑުގެ ދަރިފުޅު ކާން އަރާފައި، ރޮށި ދޭށޭ ކިޔައި ބޮޑާ ހޭކުމުން މިގޭ މީހުން ރޮށި ފިހެފައި ދެއެވެ. އެކަމު އަޅުގަނޑޫ އޭނާ މަސަލަސްކޮށްގެން ވާހަކަ ކިޔައިދީގެން ބަތްވެސް ކާނޭގޮތް ހަދަމެވެ. ކާން ހުރި އެއްޗެއް ބޮޑާ ނަހާކާ ކެއުމަށް އަޅުގަނޑުގެ ދަރިފުޅަށް އަޅުގަނޑޫ ދަސްކޮށްދޭން ބޭނުންވެއެވެ.
އެހެނަސް މިކަހަލަ އެތައް ކަމަކަށް ހުރަސް އެޅެއެވެ. އެހެންބަޔަކާއި އެކު އުޅުމުން، އަޅުގަނޑު ގެންގުޅޭ އުސޫލުތަކާއި ޚިލާފަށް އެމީހުން ކަންކުރެއެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި އެކި މީހުންގެ ހިއްސާވެއެވެ. އަދި އެމީހުންނަކީ ކުއްޖާ ބުނެފި ކޮންމެ ކަމެއް އޭނާދެކެ ލޯބިން ކޮށްދޭ ބައެކެވެ. އަޅުގަނޑު އެހެން ބުނި ކޮންމެ ކަމެއް ކޮށްނުދެމެވެ. އަދި ސަބަބު ކިޔާދީހަދަމެވެ.
މިހެންވުމުން ކުއްޖާގެ ހިތުގައި އަޅުގަނޑާއި މެދު ހިތްހަމަ ނުޖެހުން އުފެދިދާނެތީ ބިރުވެތިވަމެވެ. މިގޭގައި އުޅޭ އެހެން ކުދިން ކަންތައް ކުރާ ގޮތް ކޮޕީ ކޮށް، މަގުމަތީގަ ބޮޑު މީހަކާ ނުލައި އަޅުގަނޑުގެ ދަރިފުޅު އުޅޭކަށް އަޅުގަނޑު ނޭދެމެވެ. އެހެންނަމަވެސް ކޮޓަރީގައި އޭނާ ހިފެހެއްޓުންވެސް މިހާރު ވަރަށް އުނދަގުލެވެ. އަޅުގަޑުގެ ހަނގު ދަރިފުޅުގެ ކަންކަން ކުރަން ހުންނަން ޖެހޭތީ ކޮންމެ ފަހަރަކު އޭނާ ބޭރު ތެރޭގައި އުޅޭ ގޮތް ނުބެލެއެވެ.
އަޅުގަނޑު ހުންނަ ގަޑީގައި ގޯސް ކަމެއް ކުރެވިއްޖެނަމަ ރަގަޅު ކުރަން ބުނެދެމެވެ. އެހެނަސް އެހެންމީހުން އެގޮތަކަށް ނުބަލައެވެ. މަޖަލަކަށް ދޮގު ބުނުންވެސް އަޅުގަނޑު ހުއްޓުވޭތޯ ބަލަމެވެ. ފާޑުފާޑުގެ ގޮތްގޮތަށް ނަށާ، ތޮޅުންވެސް އަޅުގަނޑުގެ ދަރިފުޅު އާދަކޮށްފިއެވެ. އެއީ އަޅުގަނޑަށް އެނގިގެން އޭނާ ކުރާ ކަމެއް ނޫނެވެ. ގޭތެރޭގައި އުޅޭ އޭނައަށްވުރެ ބޮޑު ކުއްޖަކު އުޅޭ ގޮތް ކޮޕީކުރަނީއެވެ.
މިހާރު އޭނަގެ ކޮއްކޮގެ ގައިގައި ފައިންޖަހާ ތޮޅެ ހަދައެވެ. ކުރިން މިކަހަލަ އެއްވެސް ކަމެއް ނުކުރެއެވެ. އަޅުގަނޑު މިވާހަކަތައް ފިރިމީހާ ކައިރި ބުނަމެވެ. އޭނާ ބުނަނީ ވަކިން ގެއަކަށް ދެވެން ނެތްކަމެވެ. އޭނާގެ މައިންބަފައިން ބަލަންޖެހޭކަމެވެ. އަޅުގަނޑު މިއިން އެއްވެސް ކަމަކާ ދެކޮޅެއް ނޫނެވެ. އެހެނަސް ވަކިން ގެއަކު އުޅުނަށް ބައްޕަ ބެލިދާނެއެވެ. ބޭނުންވަންޏާ ބައްޕަ ގޮވައިގެންވެސް ވަކިން ގެއަކު އުޅެދާނެއެވެ. ވަކިން ގެއަކަށް ގޮސްފިނަމަ އޭނާގެ ދައްތައާ ދިމާލަށް ބައްޕަ އެއްޗެހި ކިޔާނެ ވާހަކަވެސް އޭނާ ބުންޏެވެ. އަދި މިގޭގަ އުޅޭ ބޮޑު ކުއްޖާވެސް އިސްލާހުކުރަން މަސައްކަތްކުރުމަށް ބުންޏެވެ.
އެހެންނަމަވެސް، އެކުއްޖާ އަޅުގަނޑު ބުނާ އެއްޗެއް އަޑެއް ނާހައެވެ. އަދި އަޅުގަޑުގެ ދަރިފުޅާ އެކީ އުޅޭ ގޮތުން އަޅުގަނޑަށް ރުޅި އިސްކުރެވެއެވެ. ރީތިކޮށް ބަހެއްވެސް ނުބުނެވެއެވެ. ބުންޏަސް އަޅުގަނޑު ނުބަލާ ހުންނަ ގަޑީގައި އޭނާ ހިތަށް އެރި ގޮތަކަށް ހަދައެވެ. އަޅުގަޑުގެ ދަރިފުޅު ކައިރީ ބުނާކަމެއް ނުކުރުމަށް ހިތްވަރުދޭގޮތަށް އެކުއްޖާ ވާހަކަ ދައްކައެވެ.
ދެން އަނެއް ކަމަކީ އަޅުގަނޑުގެ ދަރިފުޅު ކަމަކާ ރޯލިއަސް އެހެން މީހުން އައިސް ވީކީއްތޯ އަހައި، ބައެއް ފަހަރު އޭނާ ގެންދެއެވެ. މިކަމުން ވެސް އަޅުގަނޑޫ ވަރަށް ރުޅި އާދެއެވެ، އަޅުގަނޑޫ ބޭނުންވަނީ އަޅުގަނޑުގެ ދަރިން އަމިއްލައަށް މަސަލަސްކުރާށެވެ. ބަޔަކު މީހުން އެދެމެދަށް ވަނުމަކަށް ނޭދެމެވެ.
މިހުރިހާ ކަމަކާހުރެ އަޅުގަނޑު އަބަދު ހުންނަނީ ރުޅިއައިސްފައެވެ. ކުދިންނާވެސް މުއާމަލާތްކުރެވެނީ ވަރަށް ގޯސްކޮށެވެ. ކޮންމެ ފަހަރަކު ކައިވެނިކުރެވުނު މޮޔަ ހިތަށްއަރައެވެ. މިހުންނަނީ ހަމައެކަނި ދަރިންނަށްޓަކައެވެ. އެހެނަސް ބައެއްފަހަރު މިހެން ހުރުމުގެ އެއްވެސް ފައިދާއެއް ނެތްކަމުގަ ހިތަށް އަރައެވެ. އެއީ އަޅުގަނޑުގެ ދަރިން ތަރުބިއްޔަތުކުރުމުގައި ތަފާތު އުސޫލު ގެންގުޅޭ އެތައް ބަޔަކުވާތީއެވެ.
އަޅުގަނޑުގެ ފިރިމީހާ އަށް ހީވަނީ އަޅުގަނޑު އުޅެނީ އޭނާގެ މީހުން ނުބައި ކުރަންހެނެވެ. އަޅުގަނޑު ވަނީ އެމީހުން އަސްލު ރަގަޅު ބައެއް ކަމަށް ބުނެފައެވެ. އަދި ހިތްހެޔޮ ބައެއް ކަމާއި، އަޅުކަންތަކަށް ފަރުވާ ބަހައްޓާ ބައެއްކަންވެސް އަޅުގަނޑޫ ފާހަގަކުރަމެވެ. އެހެނަސް އަޅުގަނޑު ރުޅި އަންނަނީ މިކަމާ އެކަންޏެވެ. އަޅުގަނޑުގެ އަމިއްލަ މައިންބަފައިން ކައިރީވެސް އުޅެން ބޭނުންނުވަނީ މިކަހަލަ އެތައް ސަބަބުތަކާހުރެއެވެ. ދެން އަޅުގަނޑު ހަދަންވީ ކިހިނެތްތޯއެވެ؟
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:
ސުވާލުގައި ބަޔާން ކުރައްވާފައި ހުރި ކަންތަކަކީ ވަރަށް ތެދުވާހަކަ ތަކެއް ކަމަށް ގަބޫލު ކުރަމެވެ. ޙަގީގަތުގައިވެސް ދަރިފުޅަށް އެންމެ ރަގަޅު ތަރްބިއްޔަތު ދެވޭނީ ވަކިން ތަނެއްގައި އުޅުމުންނެވެ. އެހެންބަޔަކާ އެކު އުޅެންވީމާ، ތިމާ ދޭން ބޭނުންވާ ތަރްބިއްޔަތު ދިނުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމީ ކަށަވަރު ކަމެކެވެ.
މިކަމުގައި އޮތް ޙައްލަކީ ފިރިމީހާ އަށް ވިސްނައި ދިނުމެވެ. ފިރިމީހާގެ އިޛްނަ އަކާއި ނުލައި ދިރިއުޅުން އެހެންތަނަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ގޭތެރޭގައި އުޅޭ އެހެން މީހުންގެ ފަރާތުން ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިވެ، ރަގަޅު މަގު ދެއްކެވުމަށް އެދި ގިނަގިނައިން ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ. والله أعلم