އިޞްލާޙްވާން ބޭނުންނުވާ މީހަކަށް ހެޔޮދުޢާ ކުރުމުގަ ވިސްނާލަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އިޞްލާޙްވާން ބޭނުންނުވާ މީހަކަށް ހެޔޮދުޢާ ކުރުމުގަ ވިސްނާލަންޖެހޭ ބައެއް ކަންކަން-

ކޮންމެ މަންމައަކުވެސް ބައްޕައަކުވެސް އެންމެ ބޮޑަށް ހިތާމަކުރާނެ އެއްކަމަކީ އެމީހުންގެ ދަރިފުޅު ނުބައިމަގަކުން ދިއުމެވެ. ޚާއްޞަކޮށް އިސްލާމް ދީނާއި ދުރަށް ދިއުމުންނެވެ. އެޙާލަތުގައި މައިންބަފައިން ނަޞޭޙަތްތެރިވުމުން ބައެއް ކުދިން އެބަ ބުނެއެވެ. "މަންމަމެން ތިމަންނާއަށްޓަކައި ހެޔޮދުޢާކޮށްބަލާށެވެ!" 

ދުޢާއަކީ މުސްލިމުންގެ ހަތިޔާރެވެ. ދުޢާއިން ބަދަލުނުކުރެވޭނެ ކަމެއްވެސް ނެތެވެ. އެއީ ޢުމުރުވެސް ދިގުކުރައްވަވާ ކަމެކެވެ. އެކަމަކު ވިސްނައިލަން ޖެހޭ ކަންކަން އެބަހުއްޓެވެ. 

މިޘާލަކަށް އިބްރާހީމްގެފާނުގެ ބައްޕާފުޅަށްޓަކައި އިބްރާހީމްގެފާނު ދުޢާ ނުކުރައްވަވަނީހެއްޔެވެ؟ ރަސޫލާ ގެ ބޮޑުބޭބޭފުޅަށާއި ޢާއިލާގެ ބޭފުޅުންނަށްޓަކައ ރަސޫލް ދުޢާ ނުކުރައްވަވަނީހެއްޔެވެ؟ 

"އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ފާފަފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އެއީ އެއުރެން اللَّه އާއި އެކަލާނގެ ރަސޫލާއަށް ކާފިރުވި ކަމަށްޓަކައެވެ. އަދި ފާސިޤްވެގެންވާ ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ."

(އައްތައުބާ: 80) 

ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނިނަމަވެސް ނަމާދުނުކުރާނަމަ އެމީހަކު އެހުރީ ކާފިރުވެގެންނެވެ. ވީމާ އިޞްލާޙްވުމަށް، ނުވަތަ ﷲ ތަޢާލާގެ މަގަށް އެނބުރި އަންނަން އެދޭމީހާ އިޚްލާޞްތެރިކަމާއިއެކު އެކަމަށް މަސައްކަތްކުރަން ޖެހެއެވެ. އެކަން ނުކުރާ މީހަކަށްޓަކައި ދުޢާކުރިނަމަވެސް އެކަމުގެ ނަތީޖާ ފެންނާނީ ކިހިނަކުންހެއްޔެވެ؟ 

ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ދަރިފުޅު ސްކޫލްގައި ބަސްނާހާތީ މައިން ބަފައިން ކިތަންމެ ގިނައިން ސްކޫލަށް ގޮސް މާފަށް އެދި ދަރިފުޅަށް މާފުކުރާށޭ ބުނި ނަމަވެސް ކުއްޖާ، އޭނާގެ ޢަމަލުތައް އިޞްލާޙް ކުރަން ބޭނުންނުވާނަމަ، އިޞްލާޙްކުރަން މަސައްކަތް ނުކުރާނަމަ މައްސަލަ ޙައްލުވާނެ ހެއްޔެވެ؟ އެކަމުން ކުރާނެ ފައިދާއެއް އޮންނާނެ ހެއްޔެވެ؟ 

ކުރިން މިބުނި ފަދައިން މައިންބަފައިންނަށް ބުނެއުޅޭ ދަރިންނަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ތިމާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އެއިރުން ތިބާ ކުރާ ދުޢާ އާއި ތިބާއަށްޓަކައި މައިންބަފައިން ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން