ސުވަރުގެ ވެއްދެވުމަށް އެދެން އޮތީ ދުލަކުން ނޫން! ޢަމަލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ސުވަރުގެ ވެއްދެވުމަށް އެދެން އޮތީ ދުލަކުން ނޫން! ޢަމަލުން!

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާލުމުން އެމީހަކު ސުވަރުގެ ވައްދަވާނެ ކަމަށެވެ. އެމީހުންނަށް ޤަބޫލުނުކުރެވޭ ކަމަކީ ޝަހާދަތުގެ ދެކަލިމަ މަތީގައި މަރުވުމަކީ ކޮބައިކަމެވެ. 

ޝަހާދަތުގެ ދެކަލިމަ މަތީގައި މަރުވުމަކީ ޝަހާދަތް ކިޔައި ޢަމަލުކުރުންމަތީގައި މަރުވުމެވެ. ޝަހާދަތް ކިޔަމުން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރާނަމަ އަދި އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ނުކުރާނަމަ އެކިޔާ ޝަހާދަތުގެ ފައިދާ ފެންނާނީ ކިހިނަކުން ހެއްޔެވެ؟ 

އިސްލާމް ދީނަކީ ހެޔޮ ކަންކަންކުރަން ނިޔަތް ފަތުމުންވެސް ޘަވާބު ދެއްވަވާ ދީނެވެ. އެހެނަސް ހެޔޮކަމަކަށް ނިޔަތްގަނެގެން ނަމަވެސް ފާފަކުރީމާ އެކަމަށް ޢަޛާބު ދެއްވަވާނެތެވެ. އެހެނީ ނިޔަތާއި ޢަމަލު ދިމާވާން އެބަޖެހެއެވެ. މިޘާލަކަށް ތިމާ މިކުރަނީ ހެޔޮކަމެއް ކަމަށް ނިޔަތްގަނެގެން ވައްކަމެއް ނުކުރެވޭނެއެވެ. އަދި ޒިނޭއެއްވެސް ނުކުރެވޭނެއެވެ. އެހެން ފާފައެއްވެސް ނުކުރެވޭނެއެވެ! 

ވީމާ ސުވަރުގެ އެދޭމީހާ ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް އީމާންވެ ފަރުޟުތައް އަދާކުރަން އެބަޖެހެއެވެ. އެކަން ނުކުރާނަމަ އެމީހަކީ ސުވަރުގެ ބޭނުންވާ މީހެއް ނޫނެވެ. ސުވަރުގެ ބޭނުންވާނަމަ ސުވަރުގެ ހޯދަން ކުރަންޖެހޭ މަސައްކަތްތައްކުރާނެއެވެ. 

ވީމާ ބުނެލަން ބޭނުންވަނީ ސުވަރުގެ ވަނުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ތިމާއަކީ ސުވަރުގެ އެދޭ އަޅެއްކަން ޢަމަލުތަކުން ޘާބިތުކޮށް ދައްކާށެވެ! ސުވަރުގެ ހައްދަވާފައިވަނީ ސުވަރުގެ އެދިގެން މަސައްކަތްކުރާ އަޅުންނަށްޓަކައެވެ. އެނޫން މީހުންނަށް ހައްދަވާފައިވަނީ ނަރަކައެވެ. ވީމާ ބޭނުންތަކެއް އިޚްތިޔާރުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން