ސިޙުރާ ސިޙުރުގެ ފަރުވާ 2: ސިޙުރުވެރިން ދެނެގަންނާނެ ޢަލާމާތްތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ސިޙުރާ ސިޙުރުގެ ފަރުވާ 2: ސިޙުރުވެރިން ދެނެގަންނާނެ ޢަލާމާތްތައް

ސިޙުރުވެރިން ދެނެގަންނާނެ ޢަލާމާތްތައް:

ސިޙުރުވެރިން ދެނެގަންނާނެ ވަރަށް ގިނަ ޢަލާމާތްތައްވެއެވެ. އެއިގެތެރެއިން ބައެއް މުހިއްމުކަންކަމަކީ:

1. ބާޠިލު ޒީނަތްތެރިކުރުމާއި، ޙައްޤު ބާޠިލުކަމުގައި ދެއްކުން.

2. ބަލިޖެހިފައިވާމީހާގެ ފުނާ، އިސްތަށި، ބުރުގާ، ރުމާ ފަދަ މާދީ އެއްޗަކަށް އެދުން.

3. ބަލިޖެހިފައިވާމީހާގެ ނަމާއި، މަންމަގެ ނަން އެހުން.

4. ޢަދަދުތަކާއި، ބުރުޖުތަކާއި ތަރިތަކުގެ ނަންތަކާއި، ވަކިވަކިން އަކުރުލިޔުން ފަދަ ދޭހަނުވާ އެއްޗެހި ލިޔުން.

5. ނޭނގޭ ބަސްތަކުން ތަވީދު ލިޔުމާއި، ކިޔެވެލި ކިޔެވުން.

6. ވަކިވައްތަރެއްގެ ޙަޔަވާނެއް ނުވަތަ ދޫންޏެއް ހޯދުމަށް ބުނުން. މިފަދަ ތަކެތި ބިސްމިއާނުލައި ކަތިލުމަށްފަހު ބަލިޖެހިފައިވާ މީހާގެ ރިއްސާތަނެއްގައި އުނގުޅުމަށް ބުނުން ނުވަތަ ހަޑިމުޑުދާރުތަނަކަށް އޭތި އެއްލައިލުން.

7. ބަންދުކުރެވިފައިވާ އެއްޗެހި ބަލިމީހާގެ އަތައް ދިނުމަށްފަހު، އޭތި ނުހުޅުވުމަށް ބުނުން. މިފަދަ އެއްޗެހީގައި ގިނަފަހަރަށް ހުންނާނީ ކުފުރުގެ ބަސްތަކެވެ.

8. ބަލިމީހާ އަތަށް ބިމުގައި ވަޅުލުމަށް އެއްޗެހި ދިނުން.

9. ގަނޑުކޮޅުކޮޅު ދީ، އެތަކެތި އަންދައިގެން ދުން އެރުވުމަށް ބުނުން.

10. ބަލިމީހާގެ ކުރިމަތީގައި ނުފެންނަ މީހުންނާ ވާހަކަ ދައްކައިގެން އެހީތެރިކަމަށާއި މަދަދަށް އެދުން.

11. ބައެއްފަހަރަށް ބަލިމީހަކައިރީގައި ފެނުގައި ނުބީހުމަށް ބުނުން. ޢާއްމުކޮށް ބުނެއުޅޭނީ ސާޅީސްދުވަސް ވަންދެނެވެ. މީގެ ދޭހަކޮށްދެނީ އެސިޙުރުވެރިޔާއާއެކު އުޅޭ ޝައިޠާނާއަކީ ނަޞާރާއެއްކަމެވެ.

12. ބައެއްފަހަރަށް ބަލިމީހާގެ ނަމާއި، އޭނަގެ ރަށާއި، އޭނާގެ ބައްޔަކީ ކޮބައިކަން ކުރިޔާލައި ޚަބަރު ދޭނެއެވެ.

13. ހުދުތަށްޓެއްގައި ވަކިވަކި އަކުރުތަކެއް ލިޔުމަށްފަހު، އެތަށްޓަށް ފެން އަޅައިގެން ފެންއޮއްސުމަށް ނުވަތަ ބުއިމަށް ބުނުން.

މިފަދަ ޢަލާމާތެއް ފެނި، ސިޙުރުވެރިއެއްކަން އެނގިހުރެ އެމީހާގެ ގާތަށް ދިޔުމަކީ ބޮޑުވެގެންވާ ފާފައެއްކަން ދަންނާށެވެ. 

ސިޙުރު އުގެނުމާއި އުގަންނައިދިނުން: 

އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅިވެފައިވެއެވެ. ސިޙުރުއުގެނުމާއި އުގަންނައި ދިނުމަކީ ޙަރާމްކަމެކެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް ތިމަންމެންނަކަށް އެނގިފައެއްނެތެވެ. ތިމަންމެންގެ އަޞްޙާބުން (އެބަހީ، ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. ސިޙުރުވެރިޔާ ކާފަރުވަނީ އެއުގެނުމާއި އެއަށް ޢަމަލުކުރުމުގެ ސަބަބުންނެވެ. އެމީހަކު އެކަންކުރީ ޙަރާމް ނުވަތަ މުބާޙުކަމެއްގޮތުގައި ދެކިގެންކަމުގައި ވީނަމަވެސްމެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. 

((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا))      މިއާޔަތުގެ ((وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) ނިޔަލަށެވެ. ((وَمَا كَفَرَ سُلَيْمَانُ)) އެބަހީ، ސުލައިމާނުގެފާނަކީ ސިޙުރުގެ ސަބަބުން ކާފަރުވި ބޭކަލެއްކަމުގައި ނުވެއެވެ. އަދި އެދެބޭކަލުން (އެބަހީ ހާރުތާއި މާރޫތު) ވިދާޅުވިއެވެ. ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) އެބަހީ، ސިޙުރު ނޫގެނޭށެވެ. އެކަމުގެ ސަބަބުން ކާފަރުވާހުއްޓެވެ." 

އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.  ތަޢާލާގެ ވަޙީ ބަސްފުޅު ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) މިބަސްފުޅުން އިޝާރާތްކުރާގޮތުގައި ސިޙުރު އުގެނުމަކީ ކާފަރުކަމެކެވެ." 

- އައްޝައިޚް މުޙައްމަދު ސިނާންގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން