އީސާ عليه السلامގެ މީލާދުގެ 2000 ވަރަކަށް އަހަރުކުރިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ޙާޖަރުގެފާނު ގޮވައިގެން މައްކާގެ ބިމަށް ވަޑައިގެން އެއްވެސް ގަހެއް، ފެނެއް، ގެއެއްނެތް ހަނަފަސް ސަހަރާ ތެރެއަށް ދޫކޮށްލައްވަމުން ކަދުރުކޮޅަކާއި ފެންކަންވާރެއް އެ ދެމައިންގެ ކައިރީގައި ބެހެއްޓެވިއެވެ. އެހިނދު އިބްރާހިމްގެފާނު ފަހަތްޕުޅުން ހާޖަރު ދުވެވަޑައިގެން ވިދާޅުވިއެވެ.
"އޭ އިބްރާހީމެވެ! އެއްވެސް އިންސިއެއް އަދި އެއްވެސް ދިރުމެއް ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑުމެން ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީތޯއެވެ؟" ތަކުރާރުކޮށް އެ ސުވާލުކުރުމުންވެސް އިބްރާހިމްގެފާނު ބަސްފުޅެއް ވިދާޅުނުވެ ވަޑައިގަންނަވާތީ އެންމެ ފަހުން ޙާޖަރު ވިދާޅުވިއެވެ."ތިޔައީ މާތްﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތްތޯއެވެ؟" ޖަވާބުގައި އިބްރާހިމްގެފާނު އާއެކޭ ވިދާޅުވުމުން ހާޖަރު ވިދާޅުވިއެވެ. "އެހެންވީއިރު އެކަލާނގެ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ."
ދެން އިބްރާހިމްގެފާނު އެ ދެމައިންނާއި ދުރަށް ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ.
رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ﴿٣٧﴾
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ."
އަތްޕުޅުގައި ހުރި ފެންފޮދުވެސް ހުސްވުމުން ކަންބޮޑުވެވަޑައިގެން ދުވެވަޑައިގެން 7 ވަނަ ފަހަރަށް މަރުވާ ފަރުބަދައަށް އަރައިވަޑައިގަންނަވަނިކޮށް އަޑުފުޅެއް އިވިވަޑައިގަތުމުން ބައްލަވައިލެއްވެވުމުން ފެނިވަޑައިގަތީ އިސްމާޢީލްގެފާނު އޮންނެވި ދިމާއަށް ޖިބްރީލްގެފާނު ފައިބާވަޑައިގަންނަވާ މަންޒަރެވެ.
ޖިބްރީލްގެފާނު އެކަލޭގެފާނުގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވުމުން އެދިމާއިން ކޯދުލާފައި ފެން އަރަންފެށިއެވެ. އެތަން ފެނިވަޑައިގަތުމުން އަވަސްއަހަށް އެތަނަށް ވަޑައިގެން ކައިރިކައިރީގައި ހިލަކޮޅުތަކެއް ޖައްސަވައި ފެންގަނޑު ފެތުރިގެން ނުދާނެ ގޮތް ހެއްދެވިއެވެ. އަދި ޒަމްޒަމްގެ ނަމުން އެފެންގަނޑަށް ނަން ދެއްވެވިއެވެ.
އެއިގެފަހުން ވާދީ މައްކާގައި މީހުން ވަޒަންވެރިވާން ފެށިއެވެ. މިވާހަކައިން ލިބޭ އަނެއް ޢިބްރަތަކީ ކިޔަމަންތެރި އަޅުތަކުންގެ ދުޢާ މާތް ﷲ ޢިޖާބަކޮށްދެއްވަވާ ކަމެވެ. އަނބިކަނބަލުން ހާޖަރުގެފާނާއި ދަރިކަލުން ގޮވައިގެން އިބްރާހީމްގެފާނު މައްކާއަށް ވަޑައިގެންނެވިއިރު އެއީ ހަނަފަސްވާދީއެކެވެ. އިބްރާހީމްގެފާނު ކުރެއްވެވި މި 2 ދުޢާ މާތް ﷲ "ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ!"
މިއަދު މައްކާއަކީ ދުނިޔޭގެ އެކި ބައްރުތަކުން ގެނެވޭ މޭވާތަކުން ތިޔާގިވެފައިވާ ރަށެކެވެ.
--ޝައިޚް މުޙައްމަދު މައޫން ޝަރީފް
ޣުޅުންހުރި ވީޑިއޯ (އިތުރު މަޢްލޫމާތާއެކު):