ހިތްދަތިކަމާ މާލީ ދަތިތައް ކުރިމަތިވާނަމަ ކޮންމެ ދުވަހަކުވެސް މައިންބަފައިން އުފާކޮށްލަދިނުމަކީ އާދައަކަށް ހަދާބަލަ! ހެޔޮ ބަދަލު ފެންނަންފަށާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ހިތްދަތިކަމާ މާލީ ދަތިތައް ކުރިމަތިވާނަމަ ކޮންމެ ދުވަހަކުވެސް މައިންބަފައިން އުފާކޮށްލަދިނުމަކީ އާދައަކަށް ހަދާބަލަ! ހެޔޮ ބަދަލު ފެންނަންފަށާނެ! އިން ޝާ ﷲ

ހިތާމަތަކާއި އެހެނިހެން ދަތިތައް ކުރިމަތިވާނަމަ ފުރަތަމަ ކަމަކަށްވެސް ތިމާގެ ޢަމަލުތައް ދިރާސާކޮށްލާށެވެ! ފަރުޟާއި ވާޖިބް އަދާކުރެވޭ މިންވަރު ވަޒަންކޮށްލާށެވެ! މައިންބަފައިންނަށް އަޅާލައި އެހީތެރިވެ ލޯބިދިނުމަކީ އިޚްތިޔާރީކަމެއް ނޫނެވެ. ހަމަ ވާޖިބެކެވެ. އެކަން ކުރެވޭ މިންވަރަށްވެސް ވިސްނައިލާށެވެ.

ހިތްދަތިކަން ލިބޭނަމަ، މާލީ ދަތިތައް ކުރިމަތިވާނަމަ އެނޫންވެސް ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ މީހަކު ނިކަން އަޖުމަ ބަލައިލަންވެސް ކޮންމެ ދުވަހަކު އެންމެ ފަހަރަކު ނަމަވެސް މައިންބަފައިންގެ މޫނަށް ހެޔޮ ހިނިތުންވުން ގެނެސްދޭ މީހަކަށްވެބަލާށެވެ! އެކަމުގެ ފައިދާ ތިބާ ކުރާ ކޮންމެ ކަމަކުން ވެސް ފެންނާނެއެވެ. ހާލަތަށް ރަނގަޅުތަކެއް އަންނަންފަށާނެއެވެ. އިން ޝާ ﷲ 

މަސް ދެމަސް ފާއިތުވެގެންދާއިރު އަމިއްލަ މައިން ބަފައިން ލޮލުން ނުދެކޭ މީހުން ބައިވަރެވެ. ކޮންމެ ދުވަހަކު ގުޅައި ޝަކުވާ ނުކުރިނަމަވެސް އެފަދަ ޙާލުގައި ތިބޭ މައިންބަފައިން އެތިބެނީ ހާދަބޮޑު ހިތްދަތިކަމެއްގައެވެ. އެޙާލުގައިވެސް ދަރިންދެކެވާލޯބިން އުނދަގޫނުކުރަނީއެވެ.   

އެތައް ދުވަހެއް ފާއިތުވެގެންދާއިއރު އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭ ކިތައް މީހުން އެބަތިބި ހެއްޔެވެ؟ އެކަމަކު އެބަ ނަމާދުވެސް ކުރެއެވެ. ސުންނަތް ރޯދަވެސް ހިފަމުއެވެ. ސުވަރުގެ ލިބުމަށްވެސް އެދެއެވެ. ﷲ ތަޢާލާގެ ރުހި ވޮޑިގަތުން ލިބުމަށްވެސް އެދެއެވެ. 

ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަކީވެސް އަދާކުރަންޖެހޭ ވާޖިބެއްކަން ޤަބޫލުކުރާށެވެ! އަދި އެއީ ނުހަނު މަތިވެރި ސަވާބު ލިބެނިވި އަޅުކަމެއް ކަމަށް ހިތުގެ އެންމެ އަޑިން ޤަބޫލުކުރާށެވެ. މައިން ބަފައިންނަށް ލޯބި ދީ ހެޔޮކޮށް ހިތަން އަމުރު ކުރެއްވެވީ ހަމަ އެހެން ހެޔޮ އަމަލުތައް ކުރުމަށްވެސް އަމުރުފުޅު ކުރެއްވެވި ﷲ ތަޢާލާކަން ހަނދާން ނައްތައިނުލާށެވެ! 

ކޮންމެ ދުވަހަކުވެސް ކުރާ އެއްކަމަކީ ތިމާގެ މައިންބަފައިންގެ މޫނަށް ހިނިތުންވުން ގެނެސްދިނުން ކަމުގައި ނިކަން ހަދައިބަލާށެވެ! ހަދިޔާއެއް ދީގެންވެސް، ހަދިޔާއެއް ނުދީ ފިރުމާލައިގެންވެސް، އަދި އޯގާތެރިކަން ފޯރުކޮށްދިގެން ނަމަވެސް އެހީތެރިވެދީގެން ވެސް މައިން ބަފައިންގެ ކިބައިން ހިނިތުންވުން ހޯދިދާނެއެވެ. 

ތިބާ ތިބާއަށް ހެދުމަށްޓަކައި ޤްރްބާންވި މައިން ބަފައިން މިއަދު އެތިބީ ތިބާގެ އެހީތެރިކަމަށް އެދިއެދިއެވެ. އެއީ ތިބާއަށް ލިބިފައިވާ ރަނުގެ ފުރުޞަތެވެ. ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއިއެކު މައިން ބަފައިންނަށް އެހީތެރިވެ، މައިން ބަފައިންނަށް ޚީދުމަތްކުރުމަކީ ހަމަ ޖިހާދުކުރުން ފަދަ މަތިވެރި އަމަލެކެވެ. 

މައިން ބަފައިންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ނުލިބި އެތިބީ ކިތައް މިލިއަން މީހުން ހެއްޔެވެ؟ ކުރީގައި މައިން ބަފައިން މަރުވެފައިވުމުންނެވެ. ތިބާއަށް އެ ފުރުޞަތު ދެއްވެވި ކަމަށްޓަކައި ޝުކުރުވެރިވާ މީހުންގެ ތެރޭގައި ހިމެނޭށެވެ. ނުހަނު ފަސޭހަކަމާއިއެކު ސުވަރުގެ ވަނުމަށް ލިބިފައިވާ ރަނުގެ ފުރުޞަތު ނަގައިނުލާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން